ޚަބަރު

ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމަނައިފި


  • މިގޮތަށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން

  • މިއީ ރައީސްގެ ވައުދުފުޅެއް

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރުގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މީގެކުރިން، ރައީސުލްޖުމްހޫރިއްޔާ 2020 ވަނަ އަހަރު ނެރެއްވި ޤަރާރަކުން ހުޅުދުއްފާރުގެ އިޚްތިޞާޞް ކަނޑައެޅުއްވިއިރު، ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ ހިމަނުއްވާފައިވެއެވެ. އެހެންނަމަވެސް، ސިނާޢީ ބޭނުމަކަށްޓަކައި ހުޅުދުއްފާރުގެ އިޚްތިޞާޞްއިން ގާއުނޑޫދޫ އުނިކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 25 ވަނަ ދުވަހުއެވެ. އަދި މާޅޮސްމަޑުލު އުތުރުބުރި ހުޅުދުއްފާރުގެ އިޚްތިޞާޞްއިން ގާއުނޑޫދޫ ވަކިކުރެވި ބޭނުންކުރެވެމުންދިޔައީ ސިނާޢީ މަސައްކަތަކަށްޓަކައި މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ބެލުމުގެ ދަށުންނެވެ.