ޚަބަރު

ވިސްނަންވީ ޅެންވެރިކަމުގެ ބޭނުން ރަނގަޅަށް ހިފަން


  • ދުނިޔޭގެ ޅެންވެރިންގެ ދުވަހަކީ މާރިޗު 21

  • ނުރަނގަޅު ބޭނުންތަކަށާއި ރަނގަޅު ކަންކަމަށްވެސް ޅެން ބޭނުންކުރެވިދާނެ

މިއަދަކީ، ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހެވެ. ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރަނީ މާރިޗު މަހުގެ 21ވަނަ ދުވަހުގައެވެ.

މި ދުވަސް ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމެވީ، ޅެންވެރިކަމުގެ ތެރެއިން ބަހަވީ ޢިލްމުތައް ސިންދަފާތު ކުރުމަށާއި ނެތެމުންދާ ބަސްތަކުގެ އަޑުގަދަ ކުރުމުގެ މަޤުޞަދުގައެވެ.

އެގޮތުން 1999ވަނަ އަހަރުގެ މާރިޗު މަހުގެ 21ވަނަ ދުވަހަކީ، ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ގޮތުގައި އދ. އިން ނިންމެވުމާއެކު، ކޮންމެ އަހަރެއްގެވެސް މި ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ގޮތުގައެވެ.

ދިވެހި ބަހުގައި ޅެންވެރިކަމުގެ ބަހާއަށް ދީފައިވާ ނަމަކީ، ވަޒަން ބަހުރުވައެވެ. ދިވެހި ވަޒަން ބަހުރުވައިގައި 7 ބާވަތް އޮވެއެވެ. އަދި އާޅެން އިތުރުވުމާއެކު ފަހުން 8 ބާވަތް އޮވެއެވެ.

ދިވެހި ވަޒަން ބަހުރުވައިގައި ހިމެނޭ ކޮންމެ ބާވަތަކުންވެސް އަސަރުތައް އެންމެ ފުންމިނަށް ކުރާނެހެން ބަސްތައް އެކި ވަޒަންތަކަށް އެކުލަވާލާ ހުށަހެޅެއެވެ. ތަފާތު ތައްގަނޑުތަކަށް ޝުޢޫރާއި ތަޖުރިބާތަކާއި، ވާހަކަތަކާއި، އަނެކުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖު ސާދާ އިބާރާތްތަކުން ފަސޭހަކަމާއެކު ޙިއްސާ ކުރެވެއެވެ. މީގެތެރޭގައި ބަންޖާއި، ފަރިއްސާއި، ރައިވަރާއި، ޅެމާއި، އަންބާއާއި، ލަވަ ހިމެނޭކަމީ ދިވެހި ވަޒަން ބަހުރުވައިގެ މުއްސަނދިކަން ދޭހަކޮށްދޭ ކަންކަމެވެ. ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ ދިވެހި ބަހަކީ، މުއްސަނދި ޅެންވެރިކަމެއް އޮތް، އެއް ދުވަހުން އަނެއް ދުވަހަށް ދިރިގެން އަންނަ ބަހެކެވެ.

ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ދިވެހި ބަހާއި، ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ޅެންވެރި ކަމަކީ ބަހެއްގެ އެންމެ މަތީ ފަންނު ކަމަށެވެ.

" ޅެންވެރި ކަމަކީ ބަހެއްގެ އެންމެ މަތީ ފަންނު. ބަހަކީ ޤައުމިއްޔަތެއްގެ ފުރާނަ. އެއްބަހަކުން ވާހަކަ ދައްކާ ބަޔަކަށް އެއްގޮތެއްގައި ދެމިތިބުމަށް މި ފަސޭހަވަނީ. ބައެއްގެ ބަސް އެއްގޮތްވި ވަރަކަށް އެބައެއްގެ ގުޅުން ވަރުގަދަވޭ. މިއީ، ޢިލްމީ ހޯދުންތަކުން ކަށަވަރުވެފައިވާ ކަމެއް". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ރީތި ޅެންވެރި ކަމަށް އެންމެ މުހިންމުވަނީ، އެބައެއްގެ ބަސް ކަމަށެވެ. ވުމާއެކު ޅެންވެރިކަން ދިރުވާ އާލާ ކުރުމަށް ބަސް ޙިމާޔަތްކޮށް ދެމެހެއްޓުން މުހިންމު ކަމަށެވެ.

"ޤައުމެއް ދެމެހެއްޓުމުގައި އެންމެ މުހިންމު އެއްކަމަކީ އެބައެއްގެ ބަސްތެރިކަން ދެމެހެއްޓުން. އެބައެއްގެ އަމިއްލަ ބަސް ސަލާމަތް ކުރުން. ބަހުން މީހުން ވިސްނާ، އެ ވިސްނުން ފުންވިވަރަކަށް މޮޅު ސަލްސަފާތައް އުފަންވަނީ. އޭގެތެރެއިން ރީތި ޅެންވެރިކަން މި އުފަންވަނީ. އެހެންވީމަ ބަސް ދެމެހެއްޓުމަށްޓަކައި ޅެންވެރިކަން ފުންވެ، ޅެންވެރިކަމުގެ ދަރަޖަ މަތިވެރިވުމަކީ، ވަރަށް މުހިންމު ކަމެއް". ވަޒީރު ވިދާޅުވިއެވެ.

ޅެންވެރިކަމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ޅެންވެރިކަން މެދުވެރިކޮށް ހެޔޮކަން އުފެއްދުމެވެ. ރަނގަޅު މަގު ކޮށައިދިނުމެވެ. އެކުވެރިކަމާއި، އެއްބައިވަންތަކަން އުފެއްދުމެވެ. އެހެންކަމުން ޅެންވެރިކަމުގެ ދުވަހު އަޅުގަނޑުމެން ހަނދާން ކުރަންވީ ރަނގަޅު ގޮތުގައި މި އުފެއްދުން ބޭނުން ކުރުމަށެވެ.