ޚަބަރު

ހަނގުރާމައަށް ފުރަގަސްދީ ވިލާތުން އަޑުހަރުކޮށް ބުނީ "ނޫނެކޭ"


ޞަހްޔޫނީ ދައުލަތާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވުމަށް، ވިލާތުގެ އެންމެ ވަރުގަދަ ބާރުތަކުން ފާޅުގައި އިންކާރުކޮށްފިއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް ވަނީ މި ހަނގުރާމައަކީ އެއްވެސް އިތުބާރު ހުރި ރޭވުމެއް އޮތް ކަމެއް ނޫން ކަމުގައި ވިދާޅުވެ، ހުރްމުޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ޖަރުމަނުވިލާތުން ބައިވެރިނުވާނެ ކަން އިޢުލާނު ކުރައްވާފައެވެ. "ވޮޝިންގްޓަނުން އަޅުގަނޑުމެންނާ މަޝްވަރާއެއް ނުކުރޭ،" ކަމުގައި ވިދާޅުވެ މެޔަޓްޒް ވަނީ މިއީ އެމެރިކާާއާއި ޔަހޫދީން އެކަނި ބައިވެރިވާ ހަނގުރާމައެއް ކަން ފާހަގަ ކުރައްވާފައެވެ.

ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން ވެސް ވަނީ "އަޅުގަނޑުމެންނަކީ މި ހަނގުރާމައިގެ ބައިވެރިންނެއް ނޫން" ކަމުގައި ވިދާޅުވެ، އެމެރިކާއާއި ޔަހޫދީންގެ ހަނގުރާމައިގައި ބައިވެރިވުމަށް އިންކާރު ކުރައްވާފައެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒް ވެސް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު އަޑީގައި ތިބެގެން ފަށާފައިވާ ހަނގުރާމައަކީ ޣައިރުޤާނޫނީ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މީގެ އިތުރުން، ވިލާތުގެ ޤައުމުތަކުގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއަށް ނުދީފި ނަމަ ވިޔަފާރިއާއި އިޤުތިޞާދީ ފިއްތުންތައް ކުރިމަތިކުރައްވާނެ ކަމުގައި ޓްރަމްޕް އިންޒާރު ދެއްވި ނަމަވެސް، ވިލާތުން ބުނީ އެ އިންޒާރުތަކަށް ބޯނުލަނބާނެ ކަމުގައެވެ. މީގެ އިތުރުން، ސްޕެއިންއަކީ އެއްވެސް ޤައުމެއްގެ އަޅެއް ނޫން ކަމަށާއި، "ޖަހާހައި ބެރަކަށް ނުނެށޭނެ" ކަމުގައި ވިދާޅުވެ، ސަންޗޭޒް ވަނީ ވައިޓް ހައުސްގެ ބޮޑާކަމަށް ރައްދު ދެއްވާފައެވެ.

ވައިޓް ހައުސުން ދައްކަނީ ތުއްތުކުދިން ދައްކާ ފަދަ ވާހަކަ

ވިލާތުގައި މި ނުރުހުން ހަމައެކަނި އޮތީ ސަރުކާރުތަކުގެ މެދުގައެއް ނޫނެވެ؛ ވިލާތުގެ ގިނަ ޤައުމުތަކުގެ އިދިކޮޅު ޕާޓީތަކާއި ޢާންމު ރައްޔިތުން ވެސް ތިބީ ޓްރަމްޕާއި ނަތަންޔާހޫގެ ހަނގުރާމައާ ދެކޮޅަށެވެ. މި ގޮތުން، އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ވެރިޔާ ކެމީ ބާޑެނޯކް ވަނީ، ވައިޓް ހައުސްގެ ބަހުގެ ޙަމަލާތަކަކީ "ކުޑަކުދިންނާ" އެއް ފެންވަރުގެ އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި، ރީފޯމް ޔޫކޭގެ ރޮބަރޓް ޖެންރިކް ވެސް ވަނީ ޓްރަމްޕަށް މަލާމާތް ރައްދު ކުރައްވައި، އޭނާގެ ޖަރީމާތައް ކުށްވެރި ކުރައްވާފައެވެ. ޖަރުމަނުގެ ކަނާތު ފިޔައިގެ އޭއެފްޑީ ޕާޓީން ވެސް ވަނީ ޓްރަމްޕަކީ މިހާރު "ހަނގުރާމައިގެ ރައީސެއް" ކަމަށް ބުނެ ފާޑުކިޔާފައެވެ. ސާވޭތަކުން ދައްކާގޮތުގައި ސްޕެއިންގެ %68 އަދި ޖަރުމަނުވިލާތުގެ %58 ރައްޔިތުން މި ހަނގުރާމައާ ސާފުކޮށް ދެކޮޅެވެ.

ޓްރަމްޕްގެ އަމަލުތަކާ ގުޅިގެން ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ބަދަހިކަމާ މެދު ވެސް މި ވަނީ ސުވާލު އުފެދިފައެވެ. ނޭޓޯގެ މެންބަރުންގެ މެދުގައި ޓްރަމްޕަށް އޮތް އިތުބާރު ގެއްލެން ފެށީ އެ އިއްތިޙާދުގެ މެންބަރެއް ކަމުގައިވާ ޑެންމާކުގެ ބިމެއް ކަމުގައިވާ ގްރީންލެންޑް ފޭރިގަތުމަށް ޓްރަމްޕް ނިންމެވުމުންނެވެ. އަދި، ރަޝިޔާގެ ތެލާއި ގޭހުގެ ވިޔަފާރިއަށް ކުރިމަތި ކޮށްފައި އޮތް ހުރަސްތައް އީރާން ހަނގުރާމައާ ގުޅުވައި ލުއިކުރުމަށް މަސައްކަތް ކުރައްވާތީއެވެ.

މިއީ، ޓްރަމްޕް އަމިއްލަ އެދުމަށް ޓަކައި ނިންމާފައިވާ ނިންމުންތަކެއްގެ ގޮތުގައި ވިލާތުގެ ބާރުތަކުން ދެކެއެވެ. ޞަހްޔޫނީ ދައުލަތުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ވައްޓައިލަން ކުރާ މި މަސައްކަތަށް ވިލާތުން އަޑުހަރުކޮށް "ނޫނެކޭ" ބުނުމުން، ވޮޝިންގްޓަންގެ އިސްތިޢުމާރީ ބާރު ކެނޑެމުންދާ ކަން ހާމަވާން ފަށާފައިވާ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.