ކުޅިވަރު

ސިޓީގެ ކުރިމަގު އޮތީ އުޖާލާކޮށް: ގާޑިއޯލާ


ޗެމްޕިއަންސް ލީގުގެ ގަދަ 16އިން މެންޗެސްޓާ ސިޓީ ކެޓި ނަމަވެސް އެ ޓީމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ރެއާލް މެޑްރިޑް އަތުން 5-1ގެ ޖުމުލަ ނަތީޖާއިން ބަލިވުމުންނެވެ.

"މި ޓީމުގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިން މިހާރު. ޓީމު އަންނަނީ މިފަދަ ބޮޑު މުބާރާތްތަކަށް ހޭނެމުން. މިވަގުތު އަހަރުމެން ބަލިވި ނަމަވެސް ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ އާއި އިތުބާރު ލިބި އަހަރެއް ނުވަތަ ދެ އަހަރެއް ފަހުން ސިޓީ ފެނިގެންދާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑަކީ މުބާރާތުގެ އެންމެ ވަރުގަދަ ތާރީހް އޮތް ޓީމު ކަމަށާއި އެފަދަ ޓީމަކާ ދެކޮޅަށް ފުރަތަމަ މެޗުގައި 3-0އިން ބަލިވެފައި ފަހު މެޗުގައި ފުރަތަމަ ލީޑް ގެއްލުމުން މެޗު އުނދަގޫ ވާނެކަން އެންމެން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

"ހަތަރު ލަނޑު ބައިކޮޅަށް ވަދެފައި، ރަތް ކާޑެއް ދައްކައި 10 މީހުންނާއެކު ކުޅެން ޖެހުނީމާ ވަރަށް އުނދަގޫވާނެ މޮޅުވާން. އެހެން ނަމަވެސް އަހަރެން ހާހެއް ނުވޭ. މި ޓީމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް. މިވަގުތު މި ފެންނަނީ ސިޓީގެ ފުރިހަމަ ޓީމެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

ސްޕޭނުގެ ބާސެލޯނާގައި ދެ ފަހަރު އަދި ސިޓީ އަށް އެއް ފަހަރު ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފަ އެވެ. މިހެންވެ އޭނާ ހިމެނެނީ މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ކޯޗުގެ ގޮތުގަ އެވެ.