ބާސެލޯނާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖޯން ލަޕޯޓާ އަށް ކާމިޔާބުވީ މައިގަނޑު ދެ ސަބަކާ ހުރެ ކަމަށް އޭނާއާ ވާދަ ކުރެއްވި ވިކްޓަރ ފޮންޓް ވިދާޅުވެއްޖެ އެވެ.
ބަލި ގަބޫލު ކުރައްވައި ލަޕޯޓާ އަށް މަރިހަބާ ވިދާޅުވުމަށްފަހު ފޮންޓް ވިދާޅުވީ "ރައީސް އެދިވަޑައިގެންފިނަމަ އޭނާ އާއި އޭނާގެ ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ،" ކަމަށެވެ.
ލަޔޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނު ސަބަބު ކުރިމަތިކޮށް ލަޕޯޓާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ފޮންޓް ވިދާޅުވީ އިންތިހާބު އެހާ ފަސޭހައިން ލަޕޯޓާ އަށް ކާމިޔާބުވީ ދެ ކަމަކާ ހެދިގެން ކަމަށެވެ.
"މިދިޔަ ދެ އަހަރު ނަތީޖާތައް ވަރަށް ރަނގަޅު. ގިނަ ތަށިތަކެއް ހޯދައިފި. ދެން ކޭމްޕް ނޯ (ތަޅާލައި އަލުން ސްޓޭޑިއަމް ބިނާކޮށް، އެ ދަނޑަށް) ބާސެލޯނާ އެނބުރި އައިސް މެޗުތައް ކުޅެން ފަށައިފި. މިއީ ލަޕޯޓާ އަށް ލިބުނު ވަރަށް ބޮޑު ދެ އެޑްވާންޓޭޖް،" ފޮންޓް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ލަޕޯޓާ އެދިވަޑައިގެންފިނަމަ ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ.
"އަހަރުމެން ބަލިވެއްޖެ. ދެން އަހަރުމެން އަނެއްކާ ވެސް މަސައްކަތް ކުރާނީ އަހަރުމެންގެ މިދެކޭ ހުވަފެނީ ޕްރޮޖެކްޓް ކާމިޔާބު ކުރަން. ހަމަމިއާއެކު ރައީސް އެދިވަޑައިގެންފިނަމަ އަހަރުމެން ފުރިހަމަ އަށް އެއްބާރުލުން ދޭނަން،" ފޮންޓް ވިދާޅުވި އެވެ.
ކުލަބުން އާއްމު ކުރި ނަތީޖާތަކުގައިވާ ގޮތުން މި އިންތިހާބުގައި ވޯޓުލާފައިވަނީ 48400 މީހުންނެވެ. މިއީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވާ 114504 މީހުންގެ ތެރެއިން 42 ޕަސެންޓް މީހުންނެވެ. މީގެ ތެރެއިން ލަޕޯޓާ އަށް 36117 މީހުން ވޯޓު ދީފައިވެ އެވެ. މިއީ ފޮޓަށް ލިބުނު ވޯޓަށްވުރެ 24643 ވޯޓު ގިނަ އަދަދެކެވެ.