ސަރަޙައްދީ ޤައުމުތަކާ ބައްދަލުކޮށް، މިހާތަނަށް ޙަމަލާ ދީފައިވާ އަމާޒުތަކަކީ އެމެރިކާއާ ގުޅުންހުރި އަމާޒުތަކެއްތޯއާއި އެ ޙަމަލާތަކަކީ ކޮން ކަހަލަ ޙަމަލާތަކެއްތޯ ދެނެގަތުމަށް ގުޅިފައިވާ ތަހުޤީޤީ ކޮމިޓީއެއް އުފެއްދުމަށް އީރާނުން ތައްޔާރު ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. އެއާއެކު އީރާނުން ވެސް ދަނީ ޔަހޫދީންނަށާއި، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މުދަލަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތައް ދެމުންނެވެ. އެ ގޮތުން ބަޙްރައިންއާއި ކުވައިތާއި ޢުމާންއާއި ޤަޠަރާއި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތަށް އީރާނުގެ ޙަމަލާތައް ދަނީ އަމާޒު ކުރަމުންނެވެ. އަދި ޢުރުދުންއާއި ޢިރާޤްއަށް ވެސް ޙަމަލާ ދީފައިވެއެވެ.
ހަނގުރާމައިގެ މި ޙާލަތުގައި ޢަރާޤްޗީ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އީރާނުގެ ޙަމަލާތައް ދީފައި ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ މަސްލަހަތުތައް ހިމެނޭ ތަންތަނަށް އެކަނި ކަމަށެވެ. ނަމަވެސް ބައެއް ސަރަޙައްދުތަކުން އެމެރިކާއާއި ޔަހޫދީން، ޢަރަބި ޤައުމުތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން މީހުން ދިރިއުޅޭ އެއްވެސް ސަރަޙައްދަކަށް ޙަމަލާ ނުދޭ ކަމަށާއި، ޢާންމުންގެ މީހުންނަށް ޙަމަލާ ދީފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢަރާޤްޗީ ވަނީ އެމެރިކާއިން އީރާނުގެ ތެޔޮ މަރުކަޒުތަކަށް ޙަމަލާ ދޭ ނަމަ މެދުއިރުމަތީގައި ހިންގާ އެމެރިކާގެ ކުންފުނިތަކަށް ޙަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފައެވެ.
ޢަރާޤްޗީ އިތުރަށް ވިދާޅުވީ ޤަޠަރާއި ސަޢުދީ ޢަރަބިއްޔާއާއި ޢުމާން ހިމެނޭ ގޮތަށް އީރާނުން އަވަށްޓެރި ޤައުމުތަކާއެކު މުއާމަލާތު ކުރަމުންދާ ކަމަށެވެ. ޚާރިޖީ މުއާމަލާތްތައް ނުހުއްޓޭ ކަމަށާއި، ނުތަނަވަސްކަން ކުޑަ ކުރުމަށް ބައެއް ސަރަޙައްދީ ޤައުމުތަކުން މަސައްކަތް ކޮށް، ހަނގުރާމަ ހުއްޓައިލެވިދާނެ ގޮތްތަކާ ގުޅޭ ޚިޔާލުތައް ޙިއްޞާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަނގުރާމައަށް ފުރިހަމަ ނިމުމެއް ގެނުވައިދޭނެ ކޮންމެ ހުށަހެޅުމަކާ މެދު އީރާނުން ވިސްނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.