ކުޑަހުވަދޫއަކީ، އެރަށުގެ އާބާދީގެ ނިސްބަތުން ބަލާއިރު ގިނަ މިސްކިތްތަކެއް ހުރި ރަށެކެވެ. ފަހަކާޖެހެންދެންވެސް އެރަށުގައި 9 މިސްކިތެއް ހުއްޓެވެ. އެއީ އަންހެނުންގެ 2 ނަމާދުގެއަކާއި އެކީގައެވެ. މިހާރު ކުޑަހުވަދޫގައި ބޭނުންކުރަނީ 7 މިސްކިތެކެވެ.
މިއީ ފިރިހެނުންނަށް ޚާއްޞަ މިސްކިތްތަކެކެވެ. ނަމަވެސް ރަމަޟާން މަހު އަންހެނުންނަށް ތަރާވީސް ކުރެވޭގޮތަށް ބޮޑެތި މިސްކިތްތަކުގައި ޕާޓިޝަންޖަހާފައިހުރެއެވެ.
ކުޑަހުވަދޫގައި މިވަގުތު ބޭނުންކުރާ 7 މިސްކިތުގެ ތެރެއިން 5 މިސްކިތަކީ، އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އެރަށުގައި ބިނާކޮށްފައިވާ މިސްކިތްތަކެކެވެ. މީގެތެރެއިން 3 މިސްކިތަކީ ކުޑަހުވަދޫގެ ވިޔަފާރިވެރިންގެ ދީލަތި އެހީއާއެކު އަޅާދީފައިވާ މިސްކިތްތަކެވެ. އަނެއް 2 މިސްކިތަކީ ކުޑަހުވަދޫ ދެކުނު އަވަށުގެ ރައްޔިތުން އަޅާފައިވާ ދެމިސްކިތެވެ.
މިއީ ކުޑަހުވަދޫގައި ދެއަވަށް އޮތްނައިރު ދެކުނު އަވަށުގެ ރައްޔިތުންނާއި، ވިޔަފާރިވެރިއެއްގެ އިތުރުން އެކި ފަރާތްތަކުގެ ދީލަތި އެހީއާއި، ގިނަ ބަޔަކު އިޖްތިމާޢީ މަސައްކަތްކޮށްގެން އަޅާފައިވާ މިސްކިތެކެވެ. މިއީ ވަރަށް ރީތި އަދި ވަރަށް ބޮޑު މިސްކިތެކެވެ.
ފޮޓޯއިން މިފެންނަ މިސްކިތްތަކަކީވެސް ކުޑަހުވަދޫގެ ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަމާއެކު އަޅާފައިވާ މިސްކިތްތަކެވެ. މީގެތެރެއިން ކޮންމެ މިސްކިތެއްވެސް އެހާމެ ފުރިހަމައެވެ. އެހާމެ ރީއްޗެވެ.
ކުޑަހުވަދޫގެ ވިޔަފާރިވެރިން މެދު ނުކެނޑި މިސްކިތްތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން މިސްކިތުގެ އަލިކަމާއި، ފޮޅާ ސާފުކުރުމާއި އެހެނިހެން ކަންކަމަށް ބޭނުންވާ އެއްޗެހިވެސް އެ ފަރާތްތަކުން ފޯރުކޮށްދެއެވެ. ވަކިން ޚާއްޞަކޮށް ރަމަޟާން މަހު ކޮންމެ މިސްކިތަކަށްވެސް ލުއި ބުއިމާއި ބޯފެނުގެ އެހީތެރިކަން ފޯރުކޮށްދެއެވެ.
ކުޑަހުވަދޫގެ ބައު ހުކުރު މިސްކިތް ފިޔަވައި ހުރިހާ މިސްކިތްތަކަކީވެސް އޭސީ ކޮށްފައިވާ ޒަމާނީ މިސްކިތްތަކެވެ. ސަރުކާރުން އޭސީގެ ޚަރަދު ބެލެހެއްޓުމާ ހަމައަށް ކޮންމެ މިސްކިތެއްގެ އޭސީގެ ކަރަންޓް ބިލްތައްވެސް ދައްކަމުންދިޔައީ ވިޔަފާރިވެރިންނެވެ. ނުވަތަ އެމިސްކިތެއް އަޅުއްވައިދެއްވި ފަރާތްތަކުންނެވެ. ކުޑަހުވަދޫގެ އޭސީ ނުކޮށް ކުރިން އަޅާފައިވާ މިސްކިތްތަކުގައިވެސް ފުރަތަމަ އޭސީ ހަރުކުރީ ކުޑަހުވަދޫގެ ރައްޔިތުންގެ ތެރެއިން އޮޑި ދޯނިފަހަރުންނާއި ވިޔަފާރިވެރިންނާ އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީއާއެކުގައެވެ.
ކުޑަހުވަދޫގެ މިސްކިތްތަކަށް އެރަށުގެ ވިޔަފާރިވެރިންގެ ދީލަތި އެހީ އަބަދުވެސް ލިބެއެވެ. ވިޔަފާރިތަކުން މިސްކިތްތަކަށް ދެއްވާ އެހީއަކީ ފާހަގަކޮށްލެވޭ ވަރުގެ ބޮޑު އެހީތެރިކަމެކެވެ. ހަގީގަތުގައިވެސް ކުޑަހުވަދޫގެ ވިޔަފާރިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަކީ، ނަމޫނާއެކެވެ.