ބާޒާރު މަތީގެ މަގަކީ ކާރޫ ބާރޫ ބޮޑުވާ ސަރަޙައްދެކެވެ. ޚާއްޞަކޮށް ރަމަޟާންމަހު ސައިކަލުގައިވެސް އަދި 4 ފުރޮޅުލީ އުޅަނދުތަކުގައިވެސް އެސަރަޙައްދުގައި އެތައް އިރަކު މަޑުކުރަންޖެހި ގިނަ ވަގުތުތަކެއް މަގުމަތީގައި އަވީގައި ހޭދަކުރަން ޖެހެއެވެ. އެހެންގޮތަކަށް ބުނާނަމަ ބަރުގޮނުގެ އަޑު ނުކެނޑޭ ސަރަޙައްދެކޭވެސް ބުނެވިދާނެއެވެ.
އެކަމުގެ ޝަކުވާ ރަމަޟާން މަހު ވަކިން ބޮޑުވެއެވެ. ބާޒާރު ކުރަންދާ ފަރާތްތަކާއި، މާލެއަށް އަންނަ މުދާ އުފުލާ ބޯޓުތަކުން މުދާ އަރުވާ ބޭލުމުގެ މަސައްކަތް ކުރުމުގެ ސަބަބުން އެސަރަޙައްދުގެ ތޮއްޖެހުން އިތުރުވެގެންދެއެވެ.
މިކަމަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ މާލެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ބާޒާރުމަތީ ސަރަޙައްދުގެ ސެގްމަންޓް ތަރައްޤީ ކުރުމަށްފަހު އާންމުންނަށް ހުޅުވާލީ، މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.
މި މަގު ތަރައްޤީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށިން 260 މީޓަރުގެ ސަރަޙައްދެއް މުޅިން އަލަށް ހަދާފައިވާއިރު، މުދާ އަރުވާ ބޭލުމުގެ ކަންކަމަށް ލުއިފަސޭހަ ކުރުމަށާއި، މަގުމަތީގައި ހިނގާ ބިނގާވެ އުޅުމަށް ފަސޭހަ ކުރުމުގެ ގޮތުން ޕޭމަންޓް ވަނީ ތިން މީޓަރަށް ފުޅާކޮށްފައެވެ.
މީގެއިތުރުން، ބޯޓުފަހަރަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް ތަރުތީބުން ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ހަޓުތަކެއް ބިނާކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
ކުރިން މި ސަރަޙައްދުގައި މުދާ އަރުވާ ބޭލުމަށް އަންނަ އުޅަނދުތަކުގެ ސަބަބުން މަގު ބަންދުވެ، ބޮޑެތި ތޮއްޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މަގު 6 މީޓަރަށް ފުޅާކުރުމާއެކު މި މައްސަލައަށް އެދެވޭ ޙައްލެއް ލިބިފައިވާ ކަމަށް ފާލަމުގައި އަޅާފައި އޮންނަ އޮޑިދޯނިފަހަރުގައި މަސައްކަތް ކުރާ މީހުންވެސް ޤަބޫލު ކުރެއެވެ.
"މަގު ބޮޑުކުރުމަކީ ހަމަ އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް. މިކަހަލަ ފަސޭހައެއްވާނެ ކަމަކަށް ދުވަހަކުވެސް ޤަބޫލެއް ނުކުރަން. އެއީ، ކުރިން އަޅުގަނޑުމެން މި އުޅަނދުތަކުން މުދާ ބާލާ އަރުވަން އެހާވެސް އުނދަގޫ. އެކަމު މިހާރު މިއީ ފަސޭހައަކީ. އަދި ކަރަންޓާއި، ފެނާއި، އައީމަވެސް ވަރަށް ފަސޭހަވާނެ ކަމަށް ޤަބޫލުކުރެވެނީ." ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި އޮޑިވެރިއަކު ބުންޏެވެ.
އުތުރުފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނަށް ތަރައްޤީ ކުރުމާއެކު މި އަހަރުގެ ރަމަޟާން މަހު ބާޒާރުމަތީގެ މަލަމަތިވެސް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
މުދާ އަރުވާ ބޭލުމަށް ބޯޓުފަހަރު ކައިރީގައި މަޑުކުރުމަށް ވަކި ލޭނެއް ކަނޑައަޅާފައި އޮތުމުން، މަގުން ދަތުރު ކުރާ އެހެން އުޅަނދުތަކަށް އެއްވެސް ދަތިކަމެއް ނެތި ކުރިއަށް ދެވޭނެ ޖާގަ މިހާރު ވަނީ ތަނަވަސްވެފައެވެ. މިއާއެކު ބާޒާރުގެ ގޮޅިތަކުގައި މަސައްކަތް ކުރާ މީހުންނަށް ކާބޯތަކެތި އެތެރެ ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދިޔަ ކަމަށް އެ މީހުން ފާހަގަކުރެއެވެ.
"މި މަގު 4 ލޭނަށް ތަރައްޤީކުރީމަ އަސްލު ވަރަށް ބޮޑު ފަސޭހައެއް ދޯ އަޅުގަނޑުމެންނަށް މި ލިބުނީ. ކުރިންވެއްޖެއްޔާމު މަގު އޮންނާނީ ޓްރެފިކުން ފުރިފައި. އެއްޗެއް މާރުކޭޓަށް ވައްދަން ވިޔަސް އެހާ އުނދަގޫވާނެ. އަސްލަށް ބުނަންޔާމު ހިނގާފައި އެއްޗިހި ގެނެވޭނެ މާ އަވަހަށް އެހެން ގޮތަކަށް ގެނައުމަށްވުރެ. މިގޮތަށް ބަލާއިރު ވަރަށް ފަސޭހަ ދޯ އަނެއްކާ މިއީ ރަމަޟާން މަސް ވީމަވެސް." މާރުކޭޓުގެ ގޮޅިއެއްގައި އިންނަ މީހަކު ޕީއެސްއެމް ނިއުސްއަށް ކިޔައިދިނެވެ.
މި ބަދަލާއެކު، މުދާ އުފުލާ ފަރާތްތަކުން މަގުމަތީގައި އެތައް ވަގުތެއް ހޭދަކުރަން ޖެހުމާއި، ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވި ނުތަނަވަސް ކަމަށް މިވަނީ ނިމުމެއް އައިސްފައެވެ. ވަކިން ޚާއްޞަކޮށް ރަމަޟާން މަހު އަވީގައި އެތައް އިރެއް މަސައްކަތުގައި ހޭދަކުރަންޖެހޭ ޖެހުން މިހާރު މިވަނީ ވަރަށް ބޮޑުތަނުން ލުއިވެގެން ގޮސްފައެވެ.
ކޮންމެއަކަސް ބާޒާރުމަތީ މަގު ތަރައްޤީ ކުރުމަކީ، ބަނދަރު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ދަތުރުވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.