ޚަބަރު

އީރާނުގެ ދިފާޢީ ޙައްޤަށް ތާއީދުކޮށް، ސަރަޙައްދީ މަޞްލަޙަތަށް ޙަމާސުން ގޮވައިލައިފި


ޔަހޫދީންނާއި އެމެރިކާގެ އިސްނެގުމާއެކު އީރާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކަށް ރައްދުދިނުމަކީ، އަމިއްލަ ދިފާޢުގައި އީރާނަށް ލިބިގެންވާ ހައްޤެއް ކަމުގައި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ބުނެފިއެވެ. ނަމަވެސް، ރައްދުގައި ދެމުންދާ ޙަމަލާތައް އަވައްޓެރި ޤައުމުތަކަށް އަމާޒުނުކުރުމަށް އެ ޖަމާޢަތުން ވަނީ އިލްތިމާސްކޮށްފައެވެ.

އީރާންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީ ދައުލަތަށާއި، ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށެވެ. މިއީ، އީރާނުގެ ޚާރިޖީ ސިޔާސަތުތަކާ ގުޅޭގޮތުން ޙަމާސުން މި ފަދަ ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ. ހަނގުރާމައިގެ ތެރޭގައި އީރާނާއެކު އޮތް އެއްބައިވަންތަކަން ޙަމާސުން ފާޅުކުރި ނަމަވެސް، ސަރަޙައްދީ މަޞްލަޙަތަށް އިސްކަންދިނުމަށް އެ ޖަމާޢަތުން މި ވަނީ ބާރުއަޅާފައެވެ.

"އީރާނަށް ކުރިމަތިވަމުންދާ މި ޢުދުވާނަށް ބައިނަލްއަޤުވާމީ އުސޫލުތަކާއި ޤާނޫނީ އިމުގެ ތެރެއިން އެކަށީގެންވާ ރައްދެއް ދިނުމުގެ ހައްޤު އެ ޤައުމަށް އެބައޮތް ކަމުގައި މި ޖަމާޢަތުން އިޤުރާރުވަން،" ޙަމާސުން ނެރުނު ބަޔާނުގައި އޮތެވެ. "ނަމަވެސް، އަވައްޓެރި ޤައުމުތަކަށް ޙަމަލާތައް އަމާޒުނުކުރުމަށް އީރާނުގެ އަޚުންނަށް ނަޞޭޙަތްތެރިވަން." ސަރަޙައްދީ މަޞްލަޙަތު ރައްކާތެރިކުރުމަށް ޓަކައި މި ހަނގުރާމަ ވަގުތުން ހުއްޓުވުމަށް، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކަށާއި ސަރަޙައްދީ ބާރުތަކަށް ވެސް ޙަމާސުން ވަނީ ގޮވައިލާފައެވެ.

ޞަހްޔޫނީ ދައުލަތާއި ޙަމާސާ ދެމެދު 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރެވުނު ނަމަވެސް، މަސްރަޙު އަދިވެސް އޮތީ ނުތަނަވަސްކޮށެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ވެސް އިތުރު ކޮށްފައެވެ. އަދި، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ފުޅާކޮށްފައެވެ.

މީގެ އިތުރުން، ލުބްނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ވަނީ، އީރާނުގެ އެންމެ މަތީ މުރުޝިދު އަވަހާރަކޮށްލުމުގެ ބަދަލުހިފުމެއްގެ ގޮތުން، މާރިޗު މަހުގެ 2 ވަނަ ދުވަހު ޔަހޫދީންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައެވެ. މީގެ ރައްދުގައި ޞަހްޔޫނީ ދައުލަތުން ވެސް ދަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ވެސް ވަނީ އީރާނަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.