ޚަބަރު

އިޤްތިޞާދު ނާޒުކު، ގެއްލުން ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް


  • ހަނގުރާމަ ފެށުނުތާ 6 ގަޑިއިރު ތެރޭ ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލި

  • ފިޔަވަޅުތައް އަޅަމުންދަނީ ދިރާސާކޮށް ފަންނީ ލަފާ ހޯދައިގެން

މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އިރާނަށް ދިން ޢުދުވާނީ ހަމަލާއަށް ފަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމަ ވެގެން ދިޔައީ ރާއްޖޭގެ އިޤްތިޞާދީ ނާޒުކުކަން ހާމަކޮށްދިން އެއް ކަމަކަށެވެ. ނަމަވެސް ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި ރައްޔިތުންނަށް މިކަމުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތް ފަށާފައެވެ.

މެދުއިރުމަތީގެ ހަނގުރާމައަކީ ނުސީދާ ގޮތުން ރާއްޖެއަށް ބޮޑެތި ގެއްލުން ލިބޭނެ ކަމެކެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު، ފަތުރުވެރިކަމަށް ބަލާނަމަ ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ 30 އިންސައްތަ ރާއްޖެ އަންނަނީ މެދުއިރުމަތީ މަގުންނެވެ. މިއީ ބޮޑު އަދަދުން ރާއްޖޭގައި ހޭދަވެސް ކުރާ ފަތުރުވެރިންނެވެ.

ރާއްޖެއަކީ އުފެއްދުންތެރި ޤައުމަކަށް ނުވުމުން، ގާތްގަނޑަކަށް ހުރިހާއެއްޗެއްހެން ޖެހެނީ އިމްޕޯޓް ކުރާށެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ 30 އިންސައްތައަށް ވުރެ ބޮޑުބައެއް ހަމައެކަނި މެދުއިރުމަތީގެ ޤައުމުތައް ހިއްސާކުރެއެވެ. ރާއްޖެއަށް އެތެރެކުރާ ތެލަކީ މި ސަރަހައްދުން އަންނަ ތެލެވެ. އަސާސީ ކާބޯތަކެތީގެ ބައެއް ބާވައްތައް އެތެރެކުރަނީ މި ސަރަހައްދުގެ ޤައުމުތަކުންނެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި މިކަމަށް މިފަދަ އިޤްތިޞާދީ ނާޒުކުކަމަށް ވިސްނާ މަސައްކަތް ކުރެވިފައި ނެތުމުގެ ނަތީޖާއަކަށް ވީ ދުރާލާ މިފަދަ ހާލަތަކަށް އެކަށީގެންވާ މިންވަރަށް ތައްޔާރު ނުވެވުމެވެ. މިފަދަ ހާލަތެއް ކުރިމަތިވުމުގެ ނާދިރު ކަމުގެ މައްޗަށް ބަރޯސާވެވުނީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މި ހާލަތާއި ކުރިމަތިލާން ޖެހުނު އިރު ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ބައެއް މުހިންމު ކަންކަން ވަނީ ވަކި ހާލަތެއް ނެތް ނަމަވެސް ފެށިފައެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތިީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަމަށް ބަލައި، އަސާސީ ކާބޯތަކެތީގެ ލިސްޓެއް އެކުލަވާލާއި ސަރުކާރުން އެ ބާވައްތައް ބާޒާރުގައި ލިބޭނެކަން ކަށަވަރު ކުރުމުގެ މަސައްކަތް މާކުރިއްސުރެ ފަށައިފިއެވެ. އަދި ކާނާގެ ރައްކާތެރިކަމަށާއި އިޤްތިޞާދު ސިންދަފާތުކުރުމުގެ ބައެއް މަސައްކަތްވެސް ވަނީ ފަށާފައެވެ.

ފުރަތަމަ ހަމަލާ ދެވުނު ހިސާބުން، ސަރުކާރުން އެކަމަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. ހަނގުރާމަ ފެށުނުތާ 6 ގަޑިއިރުތެރޭ ވަޒީރުންގެ ފެންވަރުގައި ކޮމެޓީއެއް އެކުލަވާލިއެވެ. މިކޮމެޓީގެ މަޤްޞަދަކަށްވީ މެދު އިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި އޭގެ ސަބަބުން، ދިވެހިރާއްޖޭގެ ސަލަމާތާއި އިޤްތިޞާދީ ހަމަޖެހުމަށް ކުރާނެ އަސަރު ވަޒަން ކުރުމެވެ. މި ކޮމެޓީގައި 9 ވަޒީރުން ހިމެނޭއިރު، ކޮމެޓީގެ މަސައްކަތް ފެބްރުރައީ 28 ވަނަ ދުވަހު ވަނީ ފަށާފައެވެ.

ކޮމީޓީން މަސައްކަތް ބައްޓަން ކޮށްފައިވަނީ 6 ކަމަކަށް އިސްކަން ދީގެންނެވެ.

ކޮމިޓީން އިސްކަން ދީގެ ކުރަމުން އަންނަ މަސައްކަތް!

1. އަމަންކަމާއި އިޤްތިޞާދު ހިމާޔަތް ކުރުން - މީކަމުގެ ތެރެއިން ރާޢްޖޭގެ ވައިގެ ސަރަހައްދު ހަނގުރާމައަށް ބޭނުން ކުރަން ފުރުސަތު ނުދިނުމާއެކު ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިމާޒު ހަމަޖެއްސުން މަސައްކަތް ކުރެވޭ
2. ތެޔޮ ލިބޭނެ އެހެން މާރކެޓުތައް ހޯދުން
3. އަސާސީ ކާބޯތަކެތި ގެނައުމަށް އެހެން މާކެޓުތައް ހޯދުން
4. މެދު އިރުމަތީގެ ވައިގެ ސަރަހައްދު ބަނދުވުމުން ދަތުރުފަތުރު ނިޒާމުގެ އެހެން ގޮތްތައް ހޯދުން
5. މެދުއިރުމަތީ ތިބި ދިވެހިންނަށް އެހީވުން
6. ޤައުމުތަކާޢި ޖަމިއްޔާޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް ގުޅުން ހަރުދަނާކުރުން

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮމިޓީގެ 5 ބައްދަލުވުމެއް ބާއްވާފައިވާއިރު، އެންމެ އިސްކަމެއް ދިނީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހިމާޔަތްކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މިކަން ކުރަނީ ވުޒާރާތަކުގެ ތެރެއިން ފަންނީ މަސައްކަތްތަކެއް ކުރެވި ކަމާއި ގުޅޭ ދިރާސާތައް ކުރެވިގެންގެންވެ. އަދި ވުޒާރާއަކާއި ގުޅޭ ހުރިހާ މަސްލަހަތުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައި ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަށް ކަންކަން ނިންމުމަށް އިސްކަން ދީގެންނެވެ.

ސަރުކާރުން ކުރި ދިރާސާގެ އަލީގައި މި ހަނގުރާމަ 1 މަސް ދުވަހަށް ދިގުލައި ގޮސްފިނަމަ، ރާޢްޖެއަށް 85 މިލިޔަން ޑޮލަރާއި 100 މިލިޔަން ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުން ވަނީ މިކަމުން އަރައިގަތުމަށް ބޭނުންވާ ލޯން 100 މިލިޔަން ޑޮލަރުގެ ފައިނޭންސް ފެސިލިޓީއެއް ބޭރުގެ މާލީ ދެ އިދާރައެއް މެދުވެރިކޮށް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ. މި ފެސިލިޓީ ބޭނުން ކުރާނީ ރާއްޖެއަށް އާސަސީ މުދާ އެތެރެކުރުމުގައި ބޭނުންކުރާ ރިޒާވް ހަރުދަނާކުރުމަށެވެ.

މިވަގުތަށް މެދުއިރުމަތީގެ ހާލަތައް ބޮޑު ބަދަލެއް އަންނަ މަންޒަރު ނުފެނެއެވެ. ނަމަވެސް ސަރުކާރުން ދޭ ޔަޤީންކަމަކީ މިކަމުން ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމެވެ. އަމިއްލަ ބާރުން ބޭރުގައި ހިނގާ ކޮންމެ ކަމެއްގެ ކޮންޓްރޯލް ނެތަސް އަކަމުން އަރައިގަތުމަށް މަސައްކަތް ކުރަންޖެހޭއިރު، މި ހާލަތުގައި ކުރިމަތިވެދާނެ އެންމެ ގޯސް ހާލަތަކަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.