ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށި ފަހުން އީރަނުގެ ތިން މިލިޔަނަށް ވުރެ ގިނަ މީހުންނަށް ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށް އދން ބުނެފިއެވެ.
އދގެ ރެފިޔުޖީންނާ ބެހޭ އިދާރާ، ޔޫއެންއެޗްސީއާރުގެ ހައި ކޮމިޝަނަރު، އަޔާކީ އައިޓޯ ވިދާޅުވީ 600،000އާއި އެއް މިލިޔިނާ ދެމެދުގެ ޢަދަދެއްގެ ގޭބިސީތަކުން 3.2 މިލިޔަން މީހުންނަށް ހަނގުރާމަ ފެށުނު ފަހުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އީރާނުގެ އުތުރަށާއި ރަށްފުށު ސަރަޙައްދުތަކަށް ގޮސްފައިވާ،ތެހްރާން ހިމެނޭ ގޮތަށް ތަރައްޤީވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ކަމަށް އައިޓީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި، އޭގެ ސަބަބުން އީރާނުގެ އިންސާނީ ޙާލަތާ މެދު ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނަށް ޙަމަލާ ދޭން ފެށި ފަހުން އެ ޤައުމުގައި މިހާތަނަށް 1،300އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އެމެރިކާއާއި ޔަހޫދީން ޙަމަލާ ދިނުމުގައި ޢާންމުންނަށް ބެލުމެއް ނެތި މަދަރުސާތަކަށާއި ހަސްފަތާލުތަކަށް ވެސް ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. މީހުން ދިރިއުޅޭ އުސް އިމާރާތްތަކަށް ވެސް ޙަމަލާތައް އަމާޒުވެފައިވާއިރު، އެ އިމާރާތްތަކުގެ ދަށުވެފައި މީހުން ތިބި ކަމަށް ވެސް މަސްދަރުތަކުން ބުނެއެވެ.
ޙަމަލާތަކުގައި 30 ހަސްފަތާލަކަށާއި ޞިއްޙީ މަރުކަޒަށް ގެއްލުން ލިބިފައިވާ ކަމަށް އީރާނުގެ ޞިއްޙީ ވަޒީރުގެ ނައިބު، ޢަލީ ޖަފާރިއަން ވަނީ ވިދާޅުވެފައެވެ. އަދި ތަރައްޤީވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ޙަމަލާތަކުގައި ޒަަޚަމްވަމުންދާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އީރާނުން ވެސް ދަނީ ޔަހޫދީންނަށާއި މެދުއިރުމަތީގައި ޤާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތައް ދެމުންނެވެ. އަދި ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުން ކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އެއްވެސް އުޅަނދަކަށް ހުރަސް ނުކުރެވޭނެ ގޮތަށް އީރާނުން ވަނީ ބަންދުކޮށްފައެވެ. އާއެކު އެތައް ސަތޭކަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އަދި ބަައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ.