ޚަބަރު

ކާބޯތަކެތި ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރަނީ


  • ކާބޯތަކެތި މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދަނީ

  • އެހެން ގައުމުތަކުން ތަކެތި އިމްޕޯޓު ކުރުމުގެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުން

  • ގައުމުތަކާއެކު މަޝްވަރާކުރަމުންދާކަމަށް ވިދާޅުވި

ކާބޯތަކެތި ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ދެއްވަމުން ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ޗެއަރގެ ހައިސިއްޔަތުން ޑރ. ޚަލީލް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު ބަރޯސާވާ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތައް ދެނެގަނެ، އެ ގައުމުތަކުން ތަކެތި އިމްޕޯޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ދޭދޭ ގައުމުތަކުގެ މެދުގައި މުއާމަލާތްތައް މިހާރު ކުރެވެމުންދޭ. ހާއްސަގޮތެއްގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވާ ބާވަތްތައް އެއްގަމު އަދި ކަނޑުގެ މަގުން އެތެރެކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަން،" ޑރ. ޚަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ގައުމަށް އެތެރެކުރާ ތަކެތި ރައްކާކުރެވޭނެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އަދި މި ފިޔަވަޅުތަކަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހުސްނުވެ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދިގު މުއްދަތަކަށް ރާއްޖޭގައި ކާބޯތަކެތި ރާއްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމުތައް ހަަމަޖެއްސުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަަށް އިޝާރަތްކުރައްވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދާދި ފަހުން ކެބިނެޓުން ނިންމަވާއިގެން އެންކާގެ ނަމުގައި ޝިޕިން އަދި ލޮޖިސްޓިކްސް ހިމެނޭގޮތަށް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ނެޓްވޯކެއް ޤައިމުކުރެވި އެކަން މިހާރު ތަންފީޒުކުރެވެމުންދާ ކަމަށެވެ.

"އޭގެ ތެރޭގައި މައި ޝިޕިންލައިންތަކާއި އެ ހުރިހާ ބައެއް ހިމެނޭގޮތަށް. އެއީ މުދާ އުފުލުމުގައި. އެއީ ކޮންމެ މޫސުމެއްގައިވެސް މުދާ އުފުލުމުގެ ކަށަވަރުކަން ޤާއިމްކޮށްދެއްވުމަށް ސަރުކާރުން ބޭނުންވާތީ. ދެން ޕްރައިވެޓް ސެކްޓަރާއެކުގައި ލޮޖިސްޓިކްސްގެ އެހެނިހެން މަސައްކަތްތައްވެސް މިހާރު އެބަ ކުރެވެމުންދޭ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ 26 ބާވަތަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މިތަކެތި އެއްވެސް މާކެޓަކުން ރާއްޖެއަށް އެތެރެކުރުމަށް އެއްވެސް ދައްޗެއް މިހާތަނަށް ދިމާވެފައިނުވާ ކަމަށެވެ. އަދި މިފަދަ ހާލަތެއް ދިމާވެއްޖެނަމަ މުދާ ލިބެންހުރި ބާޒާރުތަކާއެއްކޮށް ގުޅުން ގާއިމްކުުރުމުގެ މަސައްކަތްވެސް ދުރާލާ ކުރެވެމުންދާ ކަމަށް އިޤްތިޞާދީ
ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.