މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، ދުނިޔޭގެ ބާޒާރުގައި ގޭހުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ތާށިކަމާއެކު، އިންޑިޔާގައި ގިނަ ހޮޓާތަކާއި ރެސްޓޯރަންޓުތައް ބަންދުކުރަންޖެހިދާނެކަމުގެ އިންޒާރުދީފިއެވެ.
ފެބްރުއަރީ 28އިން ފެށިގެން ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދަނީ ހުއްޓުމެއްނެތި ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. އޭގެ ރައްދުގައި، އީރާނުން ދަނީ ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އިތުރުން، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
މީގެއިތުރުން، މެދުއިރުމަތިން ތެލާއި ގޭސް ބޭރުކުރާ މައި މަގު ކަމަށްވާ، ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުން އީރާނުން ވަނީ ހިފަހައްޓައިފައެވެ. އެކަމުގެ ސަބަބުން، ސަޕްލައި ކުރެވޭނެ ގޮތެއް ނެތި، ތެލާއި ގޭސް އުފެއްދުން ޤަތަރާއި ސަޢުދީ ޢަރަބިއްޔާ ފަދަ ގަލްފުގެ ގިނަ ޤައުމުތަކުން ވަނީ މަދުކުރަން މަޖުބޫރުވެފައެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން އެލްޕީ ގޭސް އެތެރެކުރާ އިންޑިޔާއިން ވަނީ، ޢާންމު ގޭބީސީތަކަށް ގޭސް ފޯރުކޮށްދިނުމަށް އިސްކަން ދޭ ގޭސް ވިއްކާ ކުންފުނިތަކަށް އަންގައިފައެވެ. އެއާއެކު، ހޮޓާ އަދި ރެސްޓޯރަންޓް ހިންގާ ފަރާތްތަކަށް ގޭސް ލިބުމުގައި ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.
ގިނަ ރެސްޓޯރަންޓުތަކުން ބުނެފައިވާ ގޮތުގައި، ގޭހުގެ ސްޓޮކް މިވަގުތު ހުރީ އެންމެ ދެ ދުވަހު ބޭނުންކުރެވޭ ވަރަށެވެ. ގިނަ ތަންތަނުން ކަރަންޓު އުދުން ބަހައްޓަމުންދިޔަ ނަމަވެސް، އެކަށީގެންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށް ދަތިވާނެކަމަށް އެ ވިޔަފާރިތަކުން ބުނެފައިވެއެވެ.
ގިނަ ހޮޓާތަކާއި ރެސްޓޯރަންޓުތައް ބަންދުކުރަންޖެހިދާނެކަމުގެ ބިރު ބޮޑުވެފައިވާތީ، އިންޑިޔާގެ ސަރުކާރުން ވަނީ އެފަދަ ތަންތަނުން ގޭހަށް އެދި ހުށަހަޅާ ހުށެހެޅުންތައް މުރާޖަޢާކުރަން ޚާއްޞަ ޕެނަލެއް ވެސް އުފައްދައިފައެވެ.
އިންޑިޔާގައި ބައި މިލިއަނަށް ވުރެ ގިނަ ރެސްޓޯރަންޓުތައް ތަމްޞީލް ކުރާ އެސޯސިއޭޝަނުން ވެސް ވަނީ މިކަމަށް އަވަސް ޙައްލެއް ހޯދުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.