ކުޅިވަރު

ގަލަޓަސަރާއީއާ ދެކޮޅަށް ލިވަޕޫލް ކީޕަރު ނުކުޅޭނެ


ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ތުރުކީގެ ގަލަޓަސަރާއީއާ ދެކޮޅަށް ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ ނުކުޅޭނެ އެވެ.

މި މެޗަށް ލިވަޕޫލުން އެކުލަވާލި 21 ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ކީޕަރު ނެތް ސަބަބެއް އެ ކުލަބުން ނުބުނެ އެވެ. ނަމަވެސް އޭނާ ވަނީ ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވުސް އަތުން އެފްއޭކަޕުގައި 3-1އިން މޮޅުވި މެޗުގައި ކުޅެފަ އެވެ.

އަލިސަން ނެތުމުން މިރޭގެ މެޗުގައި ގޯލް ބަލަހައްޓާނީ ޖޯޖިއާގެ ކީޕަރު ޖިއޯޖީ މަމަޑާސްވީލީ އެވެ. އޭނާ ވަނީ މި ސީޒަނުގައި ގަލަޓަސަރާއީއާ ދެކޮޅަށް ކުޅެފަ އެވެ. އެއީ ވެސް އަލިސަން އަށް އަނިޔާވުމުންނެވެ. އަދި މުބާރާތުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް މޮޅުވި މެޗުގައި ވެސް ގޯލް ބެލެހެއްޓީ ޖޯޖިއާގެ ގައުމީ ކީޕަރެވެ.

ޗެމްޕިއަންސް ލީގުގައި މިރޭގެ މެޗަށް ލިވަޕޫލް ނުކުންނައިރު އިނގިރޭސި ލީގުގައި އެ ޓީމުގެ ފޯމު ރަނގަޅެއް ނޫނެވެ.