ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގިނަ ދުވަސްތަކެއް ވަންދެން ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޔަހޫދީން ދީފިއެވެ.
ފާއިތުވި ދުވަސްތަކުގައި އީރާނުގެ މިސައިލް ޙަމަލާތައް ޔަހޫދީ ދައުލަތަށް އަމާޒުވާކަން އަންގައިދޭ ރަނގަބީލުގެ އަޑު ޔަހޫދީ ދައުލަތުން އިވޭ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އިންޒާރުގެ ރަނގަބީލުތަކާއެކު ޔަހޫދީ ދައުލަތުގައި ދިރިއުޅޭ އެތައް މިލިޔަން މީހުންނަށް އެ މީހުން ޤާއިމްކޮށްފައިވާ ބަންކަރުތަކާއި ރައްކާތެރި ބިނާތަކުގައި ހިމާޔަތް ހޯދުމަށް އިރުއިރުކޮޅާ މަޖުބޫރުވެއެވެ. އެއާއެކު އެ މީހުންގެ ޢާންމު ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް މިސައިލް ހުރީ އީރާނުގެ އަރުގައެވެ. އީރާނުގެ މިސައިލްތަކަކީ ޔަހޫދީ ދައުލަތާއި ގަލްފު ސަރަޙައްދުގެ ބޮޑު ބަޔަކަށް ފޯރުމުގެ ޤާބިލުކަން ހުރި ވަރުގަދަ މިސައިލްތަކެކެވެ. އީރާނުގެ އެކި ސަރަޙައްދުގައި ބިމުގެ އަޑީގައި މިސައިލް މަރުކަޒުތައް ޤާއިމްކޮށްފައިވެއެވެ. މިސައިލްގެ އިތުރުން ގިނަ ޢަދަދެއްގެ ޑްރޯން ވެސް އީރާނުން ގެންގުޅެއެވެ. އެހެންކަމުން ހަނގުރާމައިގެ މި ޙާލަތުގައި ގިނަ ދުވަސްތަކެއް ވަންދެން ދަތިކަމެއް ނެތި އީރާނަށް މިސައިލް ޙަމަލާތައް ދިނުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވެއެވެ.
މާރިޗު މަހުގެ 8ވަނަ ދުވަހާއި 9ވަނަ ދުވަހު ވެސް ޔަހޫދީ ދައުލަތަށް އީރާނުގެ ވަރުގަދަ ޙަމަލާތައް އަމާޒުވެފައިވެއެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން، މިއަދާ ހަމައަށް ވެސް ޔަހޫދީ ދައުލަތުގައި އިންޒާރުގެ ރަނގަބީލުގެ އަޑު ގުގުމަމުންދާ މިންވަރު މަދުވެފައެއް ނުވެއެވެ.