ޚަބަރު

ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


  • ބައިވެރިވުމަށް ހުށަހެޅޭނީ ޕީއެސްއެމް އެއަރ މެދުވެރިކޮށް

  • ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 23

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ބާއްވާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ޕީއެސްއެމް އެއަރ މޯބައިލް އެޕް މެދުވެރިކޮށެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ތެރެއިން، ރޭޑިޔޯގައި ޕްރެޒެންޓުކުރުމުގައި އާންމުކޮށް ބޭނުންކުރާ ހުރިހާ ފޯމެޓަކަށް ބައިވެރިން ހުށަހެޅުންތައް ހުށަހަޅާނެއެވެ. އެގޮތުން، ރޭޑިއޯ ޑްރާމާ ކުޅުމާއި، އިންޓަވިއު ކުރުމާ، ރޭޑިޔޯގެ އެހުންތެރިންނަށް މަންޒަރު ސިފަކޮށްދިނުންވެސް މިފަހަރުގެ މުބާރާތުގެ ތެރެއިންވެސް ކުރިއަށްދާނެއެވެ.

މިއަހަރުގެ މި މުބާރާތަށް ވެސް އަގުހުރި އިނާމުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، މުބާރާތުގެ ޓައިޓަލް ކާމިޔާބުކުރާ ފަރާތަކަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މުބާރާތުގެ 2 ވަނަ އަށް 25،000 އަދި 3ވަނަ އަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނީ، މިމަހުގެ 23ގެ ނިޔަލަށް ޕީއެސްއެމް އެއަރ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.