ޔަހޫދީންނާއި އެމެރިކާ ގުޅިގެން އެއްވެސް ޙައްޤު ސަބަބަކާ ނުލައި އިސްވެ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުކަތާވަރުގެ ބޮޑު ލޮޅުމެއް އަރައި، ޤައުމުތަކުގެ ސަރުކާރުތަކުން ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ހަނގުރާމައިގެ ސަބަބުން ހުރްމުޛް ކަނޑުއޮޅި ބަންދުވެ، ތެލުގެ ސަޕްލައި މެދުކެނޑުމުގެ ބިރު ބޮޑުވުމާ އެކު، ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ އެއް މިންގަނޑު، ބްރެންޓް ކްރޫޑް ފިޔުޗަރޒްގެ ސާފު ނުކުރާ ތެޔޮ ފީފާއެއް އަގު އެންމެ ދުވަހެއްގެ ތެރޭގައި ވަނީ %25 ގެ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
މި ނާޒުކު ޙާލަތުން އިޤުތިޞާދު ސަލާމަތްކުރުމަށް ޓަކައި އެންމެ ކުރިއަރާފައިވާ ހަތް އިޤުތިޞާދުގެ މައްޗަށް އެކުލެވިގެންވާ ގްރޫޕް އޮފް ސެވަން (ޖީ7)ގެ ޤައުމުތަކުގެ މާލީ ވަޒީރުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވައި، ޤައުމުތަކުގެ އިމަރޖެންސީ ރިޒަރވްގައި ރައްކާކޮށްފައި ހުރި ތެޔޮ ބާޒާރަށް ނެރުމާ މެދު މަޝްވަރާ ފަށްޓަވާފައެވެ. ވަކިވަކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ބަލައިލާއިރު، ދެކުނު ކޮރެއާގެ ރައީސް ލީ ޖެއި މިޔަންގ ވަނީ އެ ޤައުމުގައި ވިއްކާ ތެލުގެ އަގު ކޮންޓުރޯލު ކުރުމަށް ނިންމަވާފައެވެ.
މިއީ، ފާއިތުވި 30 އަހަރުގެ ތެރޭގައި ދެކުނު ކޮރެޔާއިން މި ފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. ލީ ވިދާޅުވީ، މިއީ އެ ޤައުމުގެ އިޤުތިޞާދަށް ކުރިމަތިވި ބޮޑު ބުރައެއް ކަމުގައެވެ. ދެކުނު ކޮރެޔާއިން ބޭނުން ކުރާ ތެލުގެ %70 އެތެރެ ކުރަނީ މެދުއިރުމަތިންނެވެ. ޖަޕާނުން ވެސް ވަނީ އެ ޤައުމުގައި ރައްކާކޮށްފައި ހުރި ރިޒަރވުން ތެޔޮ ދޫކުރުމަށް ތައްޔާރުވަމުންދާ ކަން އިޢުލާނު ކޮށްފައެވެ. ޖަޕާނުގައި ބޭނުންކުރާ ތެލުގެ %95 މެދުއިރުމަތިން އެތެރެކުރާއިރު، އެ ޤައުމުގައި މި ވަގުތު ވެސް 354 ދުވަހަށް ފުދޭ މިންވަރަށް ތެޔޮ ހުރީ ރައްކާކޮށްފައެވެ.
ބަންގްލަދޭޝުން ވެސް ވަނީ ހަކަތައިގެ ކާރިސާއިން ސަލާމަތްވުމަށް ޓަކައި، ކަރަންޓާއި ތެޔޮ އިޤުތިޞާދު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި ގޮތުން، ބަންގްލަދޭޝްގެ ހުރިހާ ޔުނިވަރސިޓީތަކާއި ކޮލެޖުތައް މިއަދުން ފެށިގެން ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ބަންގްލަދޭޝްގައި ބޭނުންކުރާ ތެލުގެ %95 އިންޕޯޓު ކުރަނީ ބޭރުންނެވެ. ބަންގްލަދޭޝް ސަރުކާރުން ބުނީ، ސަރުކާރާއި އަމިއްލަ ޔުނިވަރސިޓީތައް ބަންދު ކުރުމަށް ނިންމާފައި ވަނީ، ހަކަތަ އިޤުތިޞާދު ކުރުމަށާއި، މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު މަދު ކުރުމުގެ މަޤުޞަދުގައި ކަމުގައެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ތެޔޮ ވިއްކާނެ ވަކި މިންވަރެއް ވެސް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ކަނޑައަޅައި، ކޮންޓުރޯލު ކޮށްފައެވެ.
މެދުއިރުމަތީގެ ޤައުމުތަކަށް ބަލައިލާއިރު، ތެލާއި ގޭސް އުފެއްދުމަށް އެންމެ ފަހުން ބުރޫއަރާފައި ވަނީ ބަޙްރަޔިނުގައެވެ. އެ ޤައުމުގެ ތެޔޮ ވަޅަކަށް ދިން ޙަމަލާއަކާ ގުޅިގެން "ކޮންޓުރޯލު ނުކުރެވޭ ފަދަ ޙާލަތެއް" މެދުވެރިވެފައިވާ ކަން އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ޢިރާޤުން އުފައްދާ ތެލުގެ މިންވަރު ވަނީ %70 ދަށްކޮށް، ދުވާލަކު 1.3 މިލިޔަން ފީފާއަށް މަދުކޮށްފައެވެ. އަދި، ދެވަނައަށް އެންމެ ގިނައިން ލިކުއިފައިޑް ނެޗަރަލް ގޭސް (އެލްއެންޖީ) ބޭރުކުރާ ޤަޠަރުން މިހާރު ވަނީ ގޭސް ބޭރުކުރުން މެދުކަނޑާލާފައެވެ.
މި ބޮޑު ކާރިސާގެ ތެރޭގައި ވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މި ކަމުގެ ހައްސާސްކަން ޤަބޫލުފުޅު ކުރައްވަން އިންކާރު ކުރައްވަމުންނެވެ. އެމެރިކާގައި ވެސް ތެލުގެ އަގު ވަނީ %11 އަށް މައްޗަށް އުފުލިފައެވެ. ނަމަވެސް، ޓްރަމްޕް ގެންދަވަނީ މި ކަމުގެ ސީރިޔަސް ކަން ކުޑަކަމަށް ދައްކަވަން މަސައްކަތް ކުރައްވަމުންނެވެ. އިޤުތިޞާދީ މާހިރުން ލަފާކުރާ ގޮތުގައި، ހުރްމުޛް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ސަޢޫދީ އަރަބިއްޔާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް ވެސް ކުރިއަށް އޮތް ތަނުގައި އުފެއްދުންތެރިކަން މަދުކުރަން މަޖުބޫރުވާނެއެވެ.