ޚަބަރު

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ސްޓެލްކޯއަށް


  • މި ޚިދުމަތް ދެމުންދިޔަ ފެނަކައިގެ މުވައްޒަފުން ސްޓެލްކޯއަށް ވަނީ ބަދަލުކޮށްފައި

  • ކ.އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯއިން

ކ. ހުރާގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ސްޓެލްކޯއާ ޙަވާލުކޮށްފިއެވެ.

ހުރާގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއާ ޙަވާލުކުރީ އެކަމަށްޓަކައި ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މީގެ ކުރިން ހުރާގައި މިޚިދުމަތްތައް ދެމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ހުރާގައި ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ސްޓެލްކޯއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ މުހަންމަދު ނަޖާޙުއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، ސްޓެލްކޯ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރުއެވެ.

ސްޓެލްކޯއިން ވިދާޅުވީ މިއެއްބަސްވުމާއެކު ހުރާގައި ކުރިން ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދެމުންދިޔަ ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން މިހާރު އެކުންފުނީގެ ދަށަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. އަދި ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތާއި ހަވާލުވުމާއި ގުޅިގެން، ކ.އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ސްޓެލްކޯއިން ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ހުރާ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް ވިދާޅުވީ، މިއަދު ހާސިލްވެގެން ދިޔައީ ހުރާ ރައްޔިތުންގެ ވަރަށް ގިނަދުވަސްތަކެއްގެ އުއްމީދެއް ކަމަށެވެ. ކ. އަތޮޅުގައި ހުރާ ފިޔަވައި އެހެން ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ސްޓެލްކޯއިންކަން ފާހަގަކުރައްވަމުން މިއަދު ހުރާގެ މިޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުވެގެން ދިއުމަކީ ހުރާއަށް ހުރިހާ ގޮތަކުންވެސް ވަރަށް ފަސޭހަވެ، އިތުރު ކުރިއެރުމާ ތަރައްޤީ ލިބިގެންދާނެ ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

"ސްޓެލްކޯގެ ދަށަށް ކ. ހުރާގެ ފެނާ ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތްތައް ބަދަލުވެގެން ދިއުމަކީ އެ ރަށަށް ލިބުނު ބޮޑު ކާމިޔާބީއެއް ގޮތުގަ ސިފަކުރަން". ޑރ އަނާރާ ނައީމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ދެއްކެވި ވާހަކައިގައި ވިދާޅުވީ މިއަދު މިމަސައްކަތް ސްޓެލްކޯއާ ހަވާލުވެގެން މިދިޔައީ ގިނަ މަޝްވަރާތަކެއް ކުރެވުނު ދިގު ސިލްސިލާއެއްގެ ނިމުން ކަމަށެވެ.

" އަޅުގަނޑުމެންގެ ސްޓޯރީގެ ކ. ހުރާގެ ނިމުން ކަމުގައި ވިޔަސް ހުރާގެ އަޅުގަނޑު އުއްމީދުކުރަނީ އަނެއްކާވެސް އާ ބާބަކުން ޚިދުމަތްތައް ރަނގަޅުކުރެވި، ރަނގަޅު ފެންވަރެއްގައި ދެވޭނެ ކަމުގެ އާ ސިލްސިލާ ބާބެއް ފެށިގެން ދާ ދުވަހެއްގެ ގޮތުގަ އަޅުގަނޑު މި ސިފަކުރަނީ." މުޙައްމަދު ނަޖާޙް ވިދާޅުވިއެވެ.

ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު ވިދާޅުވީ ހުރާގައިވެސް ސްޓެލްކޯއިން އެހެން ރަށްރަށުގައި ދޭ މިންގަނޑަށް ހުރާގެ މިޚިދުމަތްތައް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެރަށުގަ މުހިއްމު ތަރައްޤީގެ އިތުރު މަސައްކަތްތަކެއް މި ޚިދުމަތްތަކާ ގުޅޭގޮތުން ކުރަން އެބަޖެހޭ. އެކަމާ ގުޅޭ ކަންތައްތައް އަޅުގަނޑުމެން މިހާރުވެސް ޕްލޭން ކުރެވި، އެމަސައްކަތްތައް ރޭވުމުގެ ކަންތައްތައް އެބަ ކުރިއަށްދޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރަށްވުރެވެސް ރަނގަޅަށް އެ މަސައްކަތް ހުރާގެ ރައްޔިތުންނަށް، ހުރާގެ ރައްޔިތުންނާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓާނަން."ޑރ. އަލީ އަޒްވަރު ވިދާޅުވިއެވެ.

ގްރޭޓަރ މާލެއާއި ކ އަތޮޅުގެ އިތުރުން އއ، އދ އަދި ވ އަތޮޅުގެ ރަށްތަށް ހިމެނޭގޮތަށް ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ޚިދުމަތާއި، 25 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 24 ރަށުގައި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ދަނީ ފޯރުވައިދެމުންނެވެ.