ޚަބަރު

އީރާންގެ އައު ރޫހީ ވެރިޔާ މުޖްތަބާ އަލް-ޚާމަނާޢީގެ ހަޔާތަށް ނަޒަރެއް


އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީ ޢައްޔަންކޮށްފިއެވެ. އޭނާ އެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ، ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި އޭނާގެ ބައްޕާފުޅު، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ޔަހޫދީންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.

އީރާންގެ ދީނީ އަދި ސިޔާސީ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޢައްޔަން ކޮށްފައި ވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ދަށުން، އެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުމުގެ ބާރު މަތިކޮށްފައިވާ 88 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ތަޖުރިބާކާރުންގެ މަޖިލީހުންނެވެ. އުމުރުފުޅުން 56 އަހަރުގެ މުޖްތަބާއަކީ 1979 ގެ އިސްލާމީ އިންޤިލާބަށްފަހު އީރާނުގެ ޒަޢާމަތާ ޙަވާލުވެވަޑައިގަންނަވާ ތިންވަނަ ބޭފުޅާއެވެ. އީރާންގެ ދައުލަތުގެ މީޑިޔާއިން ބުނީ، ރޫހީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޢައްޔަން ކޮށްފައި ވަނީ ޢާއިލީ ވާރުތަވެރިކަމަށް ވުރެ ބޮޑަށް، ޤާނޫނީ އިޖުރާތުތަކުގެ ތެރެއިން ކަމުގައެވެ. ނަމަވެސް، މުޖްތަބާ އަކީ ގިނަ ދުވަސްތަކެއް ވަންދެން މި މަޤާމަށް ޢައްޔަންކުރާނެ ކަމަށް ބެލެވުނު، އީރާނުގެ ސިޔާސީ މަސްރަޙްގައި ނުފޫޒުގަދަ ބޭފުޅެކެވެ.

އީރާންގެ އެންމެ މަތީ ވެރިޔާގެ މަޤާމާ މުޖްތަބާ ޙަވާލުވެވަޑައިގަންނަވާފައި މި ވަނީ އޭނާގެ ޙަޔާތްޕުޅު އެފުށްމިފުށަށް ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި އޭނާގެ ބައްޕާފުޅުގެ އިތުރުން ޢާއިލާގެ ގިނަ މެންބަރުންތަކެއް ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި އޭނާގެ އަނބިކަނބަލުން، ޛަހްރާ ޙައްދާދް-ޢާދިލްގެ އިތުރުން މަންމާފުޅު އަދި އުޚްތުންނާއި ޢާއިލާގެ އެހެން މެންބަރުން ހިމެނެއެވެ. މުޖްތަބާގެ އަނބިކަނބަލުންނަކީ އީރާންގެ މަޝްހޫރު ސިޔާސީ ޝަޚުސެއް ކަމުގައިވާ ޣުލާމް-ޢަލީ ޙައްދާދް-ޢާދިލްގެ ދަރިކަނބަލުންނެވެ.

ދީނީ ގޮތުން ބަލައިލާއިރު، މުޖްތަބާ އަކީ ޤުމްގެ ދީނީ މަދަރުސާތަކުގައި ފިޤުހު ޢިލްމުގެ އެންމެ މަތީ ފިލާވަޅުތައް އުނގަންނައިދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް، އޭނާއަކީ ސަރުކާރުގެ އެއްވެސް ރަސްމީ އިދާރީ މަޤާމެއް ނުވަތަ އިންތިޚާބީ މަޤާމެއް މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ. ބައިނަލްއަޤުވާމީ ދާރިސުން ސިފަަކުރާ ގޮތުގައި މުޖްތަބާއަކީ ދައުލަތުގެ ކަންކަން ހިންގުމުގެ އަމަލީ ތަޖުރިބާ މަދު، ނަމަވެސް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)އާއި ދީނީ ޢިލްމުވެރިން ބަލައިގަންނަ ބޭފުޅެކެވެ. 1980 ގެ އަހަރުތަކުގައި ކުރެވުނު އީރާން-ޢިރާޤު ހަނގުރާމައިގައިވެސް އޭނާ ވަނީ އީރާންގެ އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައެވެ.

މުޖްތަބާގެ ޒަޢާމަތް ފެށިގެން މިދަނީ އީރާނުގެ ތާރީޚުގައި ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ނާޒުކު އެއް ދަނޑިވަޅުގައެވެ. ޔަހޫދީން ވަނީ އީރާނުގެ ރޫހީ ވެރިޔާގެ މަޤާމާ ދެން ޙަވާލުވެ ވަޑައިގަންނަވާ ބޭފުޅަކަށް އަމާޒުކޮށް ޙަމަލާދީ، ޝަހީދު ކޮށްލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ. ޔަހޫދީންނާއި އެމެރިކާގެ ޙަމަލާތަކާ ގުޅިގެން ސަރަޙައްދީ ހަނގުރާމައެއްގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، މުޖްތަބާ އީރާންގެ ކުރިމަގު ބައްޓަން ކުރައްވާނެ ގޮތަކާ މެދު މުޅި ދުނިޔެ އޮތީ ސަމާލުވެފައެވެ.