ޚަބަރު

އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމަށް މުޖުތަބާ ޙުސައިނީ


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އެ ޤައުމުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީގެ ބަދަލުގައި އެ މަޤާމަށް އެ މަނިކުފާނުގެ ދަރިކަލުން، މުޖުތަބާ ޙުސައިނީ ޚާމަނާއީ ޢައްޔަނުކުރުމަށް ނިންމައިފިއެވެ.

އީރާނުގެ ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން އެ ޤައުމުގެ ރޫޙީ ވެރިޔާ ޢައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ 88 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ޤައުމުގެ
ތަޖުރިބާކާރުންގެ މަޖިލީހަށެވެ.

އެނގިފައިވާ ގޮތުގައި އެ މަޖިލީހުން އައު ރޫޙީ ވެރިޔާ ކަނޑައެޅުމުގައި އިސްކަންދީފައި ވަނީ ޝަހީދުވި ޚާމަނާއީ ދެއްވާފައިވާ އިރުޝާދަށެވެ. އެ ގޮތުން އެ މަޤާމަށް އިސްކުރަން ވާނީ ދުޝްމަނުން އެ ބޭފުޅަކަށް ނަފްރަތުކުރާ ބޭފުޅެއް ކަމަށް ޚާމަނާއީ ވަނީ އިރުޝާދު ދެއްވައިފައެވެ. ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމަށް ޙުސައިނީ ޢައްޔަނު ކުރުމަކީ އެމެރިކާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އައު ރޫޙީ ވެރިޔާ ކަނޑައެޅުމުގައި އެމެރިކާއިން ރުހޭ ބޭފުޅަކު ޢައްޔަނު ނުކުރާނަމަ، އެ މަޤާމަށް ޢައްޔަނުކުރާ ބޭފުޅަކަށް މާ ގިނަ ދުވަހު އެ މަޤާމުގައި ދެމި ނުހުރެވޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ތަޖުރިބާކާރުންގެ މަޖިލީހުގެ މެންބަރު، އާޔަތުالله މުޙައްމަދު މަޙްދީ މިރުބަޣަރީ ވިދާޅުވީ ރޫޙީ ވެރިޔާގެ މަޤާމަށް ޢައްޔަނުކުރާނެ ބޭފުޅަކާމެދު ތަޖުރިބާކަރުންގެ މަޖިލީހަށް މިހާރު އެއްބަސްވެވިފައިވާ ކަމަށެވެ. ނަމަވެސް، އެ މަޤާމަށް އެ ބޭފުޅަކު ޢައްޔަނު ކުރުމުގެ މަރުހަލާތައް ފުރިހަމަ ކުރުމުގައި އަދި ބައެއް ގޮންޖެހުންތައް ހުރި ކަމަށެވެ. އެ މަޖިލީހުގެ އެހެން މެންބަރެއް ކަމަށްވާ ހުއްޖަތުލް އިސްލާމް ޖައުފަރީ ވިދާޅުވީ ވީ އެންމެ އަވަަހަކަށް އީރާނުގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

ރޫޙީ ވެރިޔާ އައްޔަނު ކުރުމުގެ މަސައްކަތުގައި އިސްކޮށް ހުންނަވާ އާޔަތުالله ޙުސައިންއަލީ އެޝްކެވާރީ ވިދާޅުވީ ތަޖުރިބާކާރުންގެ މަޖިލީހުގައި މިހާރު ވޯޓު ނަގާފައިވާ ކަމަށާއި، ވަރަށް
އަވަހަށް އެ މަޖިލީހުގެ ނިންމުން އިޢުލާނު ކުރާނެ ކަމަށެވެ. ޢަލީ ޚާމަނާއީ އަވަހާރަވި ނަމަވެސް، އޭނާގެ ދަރިކަލުން ކިބައިން ރޫޙީ ވެރިޔާގެ މަޤާމުގައި ޚާމަނާއީގެ ނަން އަދި ވެސް ދެމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީން ވަނީ އައު ރޫޙީ ވެރިޔާ ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ހުރިހާ ބޭފުޅުންނަށް ޙަމަލާ އަމާޒުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.