އީރާނުގެ ރައްޔިތުންގެ ރުހުމާއި ތާޢީދުނެތި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެ ޤައުމުގެ ވެރިކަން ބަދަލުކޮށްގެން ލިބޭނެ މޮޅެއް ނޯންނާނެކަމަށް ޗައިނާއިން ބުނެފިއެވެ.
ފެބްރުއަރީ 28އިން ފެށިގެން އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ނިރުބަވެރި ޙަމަލާތައް ދެމުންދާއިރު، އެ ޤައުމުގެ ރޫހީ އެންމެ މަތިވެރިޔާ އާޔަތުﷲ ޢަލީ އަލްޚާމަނާއީ ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އީރާނުގެ ސަރުކާރުގެ ހުރިހާ އިސް ވެރިން ޝަހީދުކޮށްލާނެކަމުގެ އިންޒާރާ އެކު، އެކަން ޙާޞިލްވުމުގެ ކުރިން ހަނގުރާމަ ނުނިންމާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގ ޔީ ވިދާޅުވީ، އީރާނުގެ ސަރުކާރު ބަދަލުކުރަން އެ ޤައުމުގެ ގިނަ ރައްޔިތުން ބޭނުންނުވާ ކަން ސާފުވާ ކަމަށެވެ. އެހެންކަމުން، ގަދަބާރުން ސަރުކާރުން ބަދަލުކުރިޔަސް، ގިނަ ރައްޔިތުންގެ ތާޢީދާއި އެއްބާރުލުން އައު ސަރުކާރަށް ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު، އޭނާ ވަނީ އީރާނުގެ މިނިވަންކަމާއި އިސްތިޤުލާލަށް އިޙްތިރާމްކޮށް، މެދުއިރުމަތީގައި މިހާރު ކުރަމުންދާ އަސްކަރީ ކުރިމަތިލުންތައް ހުއްޓައިލުމަށް ގޮވާލައްވައިފައެވެ.
މި ހަނގުރާމަ މިހާރު މުޅި މެދުއިރުމައްޗަށް ފެތުރިފައިވާއިރު، މިއީ ހިނގައިގެން ވެސް ނުވާނެ ފަދަ ޙާލަތެއްކަން ފާހަގަކުރައްވައި، ވާންގ ވަނީ ގަދަބާރުން އެއްވެސް މައްސަލައަކަށް ޙައްލު ނުހޯދޭނެކަމަށް ވިދާޅުވެފައެވެ.
އޭނާ އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތައް، މިނިވަންކަމާއެކު އެ ސަރަޙައްދުގެ ޤައުމުތަކަށް ޙައްލުކުރުމުގެ ފުރުޞަތު އޮންނަންޖެހޭނެ ކަމަށެވެ.
އެހެންކަމުން، އަސްކަރީ ކުރިމަތިލުންތައް ވަގުތުން ހުއްޓާލައި، ހުރިހާ ޤައުމަކުން ވެސް މަޝްވަރާގެ މޭޒަށް އައުމަށް ވާންގ ވަނީ ގޮވާލައްވައިފައެވެ.
މި ހަނގުރާމައިގެ ތެރެއިން އީރާނުގެ ސަރުކާރުގެ ހުރިހާ އިސްވެރިން ބަދަލުކުރަން ޓްރަމްޕްގެ ސަރުކާރުން އަމާޒު ހިފާފައިވިޔަސް، އެކަން ޙާޞިލްވުން ނާދިރުކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓެއްގައި ބުނެފައިވާކަން ވަނީ ހާމަވެފައެވެ.
މިގޮތުން، ވައިގެ ޙަމަލާތަކުގެ އިތުރުން އެއްގަމުން އެމެރިކާ ސިފައިން އީރާނަށް އަރައިގަތަސް، އީރާނުގެ ވެރިކަން ހިންގުމުގެ ނިޒާމު ގުޑުވައިލަން އުނދަގޫވާނެކަމަށް އެ ރިޕޯޓު ފެނިފައިވާ މަސްދަރުތަކާ ޙަވާލާދީ އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓު ނޫހުން ބުނެފައިވެއެވެ.