ޚަބަރު

އެފްއޭއެމް ވެޓެރެންސް ކަޕް: ގްރާންޑޭ އަތުން މުއިވެޔޮ އަށް ބޮޑު މޮޅެއް


  • މެޗުގެ ކުޅުން ފަށައިގެން މުއިވެޔޮ ޓީމުން ހަމަލާތައް އުފެއްދުމުގައި ވަނީ ކުރި ހޯދާފަ

  • މިމެޗުގައި މުއިވެޔޮ ޓީމުގެ ސައްޔާހު އައްބާސް ވަނީ ދެ ލަނޑުޖާހަފަ

އެފްއޭއެމް ވެޓެރެންސް ލީގު 2026 ގައި ދަ ގްރާންޑޭ ބަލިކޮށް މުއިވެޔޮ ފްރެންޑްސް ކުލަބުން ބޮޑު މޮޅެއް ހޯދައިފިއެވެ. ގުރޫޕް އޭގައި މި ދެޓީމު ކުޅުނު މެޗު މުއިވެޔޮ ޓީމުން ކާމިޔާބު ކުރީ 5-0 ލަނޑުންނެވެ.

މާފަންނަނު އެއްނަންބަރު ޓާފް ކުޅުނު މެޗުގައި ފަހުކޮޅާ ހަމައަށް ދެޓީމުގެ ފަރާތުން ފެނިގެންދިއައީ ހަމަހަމަކުޅުމެކެވެ. މެޗުގެ ކުޅުން ފަށައިގެން މުއިވެޔޮ ޓީމުން ހަމަލާތައް އުފެއްދުމުގައި ވަނީ ކުރި ހޯދާފައެވެ.

މިގޮތުން މެޗުގެ 23 ވަނަ މިނިޓުގައި އާދަމް ލަރީފް ދިން ބޯޅައަކުން މުހަންމަދު ޝަހީމް ވަނީ މުއިވެޔޮ ޓީމަށް ލީޑު ނަގައިދީފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ ކެޕްޓަން ކަމުގައި ކުޅުނު މުއިވެޔޮ ޓީމުގެ ލަނޑަށްފަހު ވަނީ އިތުރަށް އެޓޭކްތަށް ވަރުގަދަކޮށް އިތުރަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. މިގޮތުން އާދަމް ލަރީފް އާއި އަހުމަދު ހުސެއިން އަށް ލިބުނު ފުރުސަތުތައް ވަނީ ބޭނުން ކުރެވޭގޮތް ނުވެފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރާންޑޭގެ އަހުމަދު ޝަކީބަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.

އެއްލަނޑުގެ ލީޑެއްގައި އޮވެ ދެވަނަ ހާފު މުއިވެޔޮ ޓީމުން ފެށިނަމަވެސް މިހާފުގެ ކުރީކޮޅު ގަރާންޑޭ ޓީމުން ވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ. މުއިވެޔޮ ޓީމުގެ ދެވަނަ ލަނޑު ސައްޔާހު އައްބާސް ކާމިޔާބުކުރީ މެޗުގެ 47 ވަނަ މިނީޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޭރިއާތެރޭގައި ޖެހިފަ ކީޕަރު ބޯމަތިން ގޮސް ގޯލަށް ވަތް ބޯޅައިންނެވެ.

މުއިވެޔޮ ޖެހި ތިންވަނަ ލަނޑަކީ 53 ވަނަ މިނިޓުގައި އާދަމް ލަރީފް ދިން ބޯޅައަކުން ޝަހީމް ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 57 ވަނަ މިނިޓުގައި މުއިވެޔޮގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކުރީ އާދަމް ލަރީފް ދިން ބޯޅައަކުން އޭރިއާ ތެރެއިން ސައްޔާހް ކީޕަރު ކައިރިން ނައްޓާލާ ގޯލަށް ވައްދާލި ބޯޅައިންނެވެ.

މުއިވެޔޮގެ ފަސްވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނިޓުގައި ގޯލަށް ވައްދާލީ ޝަހީމް ދިން ބޯޅައަކުން ލަރީފްއެވެ.

މި ނަތީޖާ އެކު ފަސް ޓީމު ވާދަކުރާ ގުރޫޕުގެ 6 ޕޮއިންޓް ހޯދައިގެން ކުރީގަ އޮތް ދެޓީމުތެރޭގައި މުއިވެޔޮ ވަނީ ހިމެނިފައެވެ. ދެން މި ގުރޫޕުގައި 6 ޕޮއިންޓާއެކު އޮތީ ވިލިމާލެ ޔުނައިޓެޑެވެ. ގްރާންޑޭ ތިން މެޗު ކުޅުނު އިރު އަދި ޕޮއިންޓެއް ނުލިބެއެވެ.