ޚަބަރު

ޚާއްޞަ ޙާލަތެއް މެދުވެރި ނުވާ ހުރިހާ ފަރާތްތަކަށް ފްލެޓުގެ ތަޅުދަނޑި ޙަވާލުކޮށްފި


  • 3850 މީހުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި

  • މިހާރު އެންމެ އިސްކަމެއް ދީގެން ކުރަނީ ކޮމާޝަލް ސްޕޭސް ތަރައްޤީކުރުން

ޚާއްސަ ޙާލަތެއް މެދުވެރި ނުވާ، ހުރިހާ ހައުސިން ޔުނިޓްތައް ހަވާލުކޮށް ނިމިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެފްޑީސީން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު 4000 ހައުސިން ޔުނިޓްގެ ތެރެއިން މިހާތަނަށް 3850 މީހުންނާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި 3647 މީހުންނާ ވަނީ ތަޅުދަނޑި ހަވާލުކޮށްފައެވެ.

އެފްޑީސީން ވިދާޅުވީ ބައެއް ޔުނިޓްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެކި ސަބަބުތަކާހުރެ ތަޅުދަނޑިއާ ހަވާލުވާން ނާދެވިތިބި ބައެއް ޔުނިޓްތައް ހުރިކަމަށެވެ. އޭގެތެރޭގައި ރާއްޖޭގައި ނެތުމާއި ބައެއް އެހެނިހެން ޙާލަތްތައް ކުރިމަތިވެގެން ތަޅުދަނޑިއާ ހަވާލުނުވާ ފަރާތްތައް ހިމެނޭކަމަށެވެ.

މީގެއިތުރުން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އެންގެވުމަށް މަޑުޖައްސަލާފައިވާ ބައެއް ޔުނިޓްތައްވެސް ހިމެނެއެވެ. މީގެތެރޭގައި ފްލެޓު ހޯދުމަށް ހުށައަޅާފައިވާ ލިޔެކިޔުންތައް އިތުރަށް ވެރިފައި ކުރަންޖެހޭތީ ވުޒާރާގެ ފަރާތުން ފްލެޓު އެލޮކޭޓްކޮށްދީފައިނުވާ 112 ފްލެޓު ހިމެނެއެވެ.

އާއްމު އުސޫލުން ހުރިހާ ފްލެޓްތަކުގެ ވެރިންނާ މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށް ނިންމާފައެވެ. އަދި މިހާރުވެސް ގިނަ ޢަދަދެއްގެ އާއިލާތަކުން އަންނަނީ ފްލެޓްގައި ދިރިއުޅެމުންނެވެ.

އެފްޑީސީން ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ ފްލެޓްތަކުގައި އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށް ކޮމާޝަލް ސްޕޭސްތައް ކަނޑައަޅާ، އެތަންތަން ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ.

އެގޮތުން ކޮންމެ ޓަވަރަކުންވެސް ކޮމާޝަލް ސްޕޭސްގެ ގޮތުގައި ބޮޑު ޖާގައެއް ދޫކޮށްފައިވާކަމަށާއި، އޭގެތެރޭގައި ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެކަމަށް އެފްޑީސީން ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ޓަވަރެއްގައިވެސް ކަނޑައެޅޭ އަދަދަކަށް ކާބޯތަކެތި ވިއްކާ ފިހާރަތައް ކަނޑައަޅާފައިވާއިރު، ޞިއްޙީ ޚިދުމަތް ދޭ ތަންތަނާއި އަދި އެހެނިހެން ބައެއް އާއްމު ޚިދުމަތްތަކަށްވެސް ޖާގަ ކަނޑައަޅާފައިވާކަމަށެވެ.

މީގެތެރެއިން ބައެއް ޔުނިޓްތަކުގެ ކޮމާޝަލް ސްޕޭސްތަކުގެ އިންޓީރިއާ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށްވެސް އެފްޑީސީން ވިދާޅުވިއެވެ.

އަމާން ހިޔާ އަދި އަމާން އުދަރެސްގައި ޖުމުލަ 32 ޓަވަރު ހިމެނެއެވެ. ޓަވަރުތައް ހިމެނޭ ސަރަޙައްދުގައި ރީޓެއިލް ފިހާރަތައް އަދި ސުޕަރމާކެޓް ހުންނާނެއެވެ.

މި ޓަވަރުތައް ތަރައްޤީކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ޒޯންތަކަށް ބަހާލައިގެންނެވެ. އެހެންކަމުން އާއްމު ޚިދުމަތްތައްވެސް ޤާއިމުކުރަނީ 6 ޒޯނަކަށެވެ. އެފްޑީސީން ޕްލޭންކޮށްފައިވާގޮތުގައި ކޮންމެ ސަރަޙައްދެއްގައިވެސް މަދުވެގެން އެއް ސުޕަރމާކެޓް ނުވަތަ ހައިޕަރމާކެޓް ތަރައްޤީކުރާނެއެވެ.

10 މިނެޓުން ހިނގާފައިދެވޭ ދުރުމިނުގައި ތަރުކާރީ އަދި މޭވާ ވިއްކާ މާރުކޭޓުތައް ޤާއިމުކުރާނެއެވެ. އަދި ކެފޭ، ރެސްޓޯރަންޓް އަދި ބޭކިން ޚިދުމަތަށް ޚާއްސަކޮށްފައިވާ ޔުނިޓްތައް ހިމެނޭކަމަށް އެފްޑީސީން ވިދާޅުވިއެވެ. މީގެއިތުރުން ކޮންމެ 10 މިނެޓަކުން ހިނގާފައިދެވޭ ދުރުމިނުގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކާއި، ފާމަސީ، ވެލްނެސް ސެންޓަރުތައް ހުންނާނެއެވެ.