ޚަބަރު

ފުޓުބޯޅަައިގެ ޙާލަތު ބަދަލުކޮށްލީ ސަރުކާރުން: ޠާރިޤު


  • ފުޓްބޯޅަ ސީޒަން ފަށައިގެން މިހާ ހިސާބަށް އާދެވުނީ ސަރުކާރުން ދެއްވި އެހީއާއެކު

  • ކުލަބުތަކާއި ޤައުމީ ޓީމުތަކަށް ބޮޑު ހޭދައެއް ކުރައްވާ

  • ޒުވާން ޓީމުގެ ސިންގަޕޫރު ކޭމްޕްގެ ޚަރަދުތައް ހަމަޖައްސާނީ ސަރުކާރުން

މިސަރުކާރުން ފުޓްބޯޅަ ކުރިއެރުވުމަށް ފުޓުބޯޅަ ވެއްޓިފައިވާ އަޑިގަނޑުން ނެގުމަށް، ވެދެއްވާ އެހީތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވިއެވެ.

ޠާރިގް ވިދާޅުވީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ފުޓުބޯޅަ ސީޒަން ފަށައިގެން މިހާ ހިސާބަށް މިއާދެވުނީ ސަރުކާރުން ދެއްވި އެހީތެރިކަމާއެި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ހާއްސަކޮށް ނޯމަލައިޒޭޝަން ކޮމިޓީ އޮތްއިރު ސަރުކާރުން ގިނަ އެހީތަކެއް ދެއްވި ކަމަށާއި، އެފްއޭއެމްގެ އައު އިންތިޚާބަށްފަހުވެސް ފުޓުބޯޅަ ކޮޅަށް ޖެހުމަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވިދާޅުވިއެވެ.

"އޭގެތެރެއިން ސްޕޯޓްސް މިނިސްޓްރީ ކުލަބުތަކަށް ދޭ އެހީތެރިކަންވެސް ފާހަގަކުރަން. އޭގެ އިތުރަށްވެސް އަދި ގައުމީ ޓީމުތަކުގެ ތަމްރީނުތަކާއި ރާއްޖޭން ބޭރަށް ފޮނުވުމުގެ ހަރަދުތަކާއި މިހުރިހާ ކަންކަމަކީ ސަރުކާރުގެ އެހީތެރިކަމާއެކު ކުރަމުންދާ ހަރަދުތަކެއް" ޠާރިޤް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ދާދިފަހުން ރާއްޖެއަށް ޗެމްޕިއަން ތަށި ގެނެސްދިން ފުޓްސަލް ޓީމުން ރާއްޖެއިން ބޭރަށް ކުރި ދަތުރުތަކުގެ ޚަރަދަކީވެސް ސަރުކާރުގެ އެހީތެރިކަމާއެކު ހަމަޖެހުނު ކަންކަން ކަމަށް ޠާރިޤް ފާހަގަކުރެއްވިއެވެ.

ކުރިޔަށް އޮތްތަނުގައިވެސް އެފްއޭއެމަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށާއި، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ޒުވާން ޤައުމީ ޓީމު ތައްޔާރުކުރުމުގެ މަސައްކަތަށްވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ޠާރިޤް ވިދާޅުވިއެވެ.

އެ މުބާރާތަށް ތައްޔާރުވާ 20 އަހަރުން ދަށުގެ ޓީމަށް ސިންގަޕޫރުން ހަމަޖެހިފައިވާ، ޓްރޭނިންގ ކޭމްޕުގެ ޚަރަދުތައްވެސް ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށް ފާހަގަކުރައްވާ ޠާރިޤް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

2025/2026 ސީޒަނުގައި ހިމެނޭ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތަކީ ނިމިގެން ދިޔަ ޕްރެސިޑެންޓްސް ކަޕް 2026 އެވެ. ޤައުމީ މުބާރާތް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ، ޕްރެސިޑެންޓް ކަޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ފައިނަލް މެޗަށް ރައީސް ވަޑައިގެންދެއްވީތީ އެކަމުން ސަރުކާރުން ފުޓުބޯޅަ ކުރިއެރުވުމަށް ދެއްވާ އިސްކަން ހާމަވެގެންދިޔަކަން ފާހަގަކުރައްވާ ޠާރިޤް ވަނީ، އެފްއޭއެމްގެ ފަރާތުން އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

ވާދަވެރި މުބާރާތްތައް ބޭއްވުމުގެ މަގުފަހިވެ މި ސީޒަނުގައި އެފްއޭއެމާއި ކުލަބުތަކަށް ކުރިޔަށް މިދެވެނީ ސަރުކާރުގެ ބޮޑު އެއްބާރުލުމަކާއެކުގައި ކަމަށް ޠާރިޤް ވިދާޅުވިއެވެ. އަދި މުބާރާތްތަކުގެ ފައިދާ ރާއްޖޭގެ ޤައުމީ ޓީމުތަކަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.


"ވާދަވެރި މުބާރާތްތަކެއް ކުޅެވިގެން ދިޔައީމަ ކުޅުންތެރިންގެ ހުނަރު ފެންނަމުންދާނީ. އަދި ކުޅުންތެރިންވެސް ގައުމީ ޓީމަށް އަންނައިރު ރަނގަޅު ޝޭޕެއްގައި އެ ކުޅުންތެރިން ތިބޭނީ މިފަދަ ކޮމްޕެޓިޓިވް މުބާރާތްތަކެއް ދިޔައީމަ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ކުރިޔަށް އޮތް ގައުމީ ޓީމުގެ 20 އަހަރުންދަށުގެ މުބާރާތްވެސް އަދި މިއަހަރު މާޗުމަހުގެ ފަހުކޮޅުގައި އޮންނަ މެޗުންވެސް ގައުމީ ޓީމުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް" ޠާރިޤް ވިދާޅުވިއެވެ.

އަދި މިއަހަރަށް ކަލަންޑަރ ކުރެވިފައިވާ ހަތަރު ޤައުމަކުން ވާދަކުރާ 'ޑައިމަންޑް ޖުބިލީ" މުބާރާތަށްވެސް، ވާދަވެރި މެޗުތަކެއް ކުލަބުތަކަށް ލިބުމުން އޭގެ ފައިދާ ކުރާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ.

ޑައިމަންޑް ޖުބިލީ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން 1-10 ގެ ނިޔަލަށެވެ. ޠާރިޤް ވިދާޅުވީ މިއަހަރުގެ ފަހުކޮޅުގައި ސާފް ޗެމްޕިއަންޝިޕްވެސް އޮންނާނެ ކަމަށް އުންމީދުކުރާ ކަމަށާއި، އެހެންވީމަ ލީގު އަދި މުބާރާތްތަކެއް ކުރިޔަށްދާނަމަ ގައުމީ ޓީމަށް އޭގެ ފައިދާތަކެއް ކުރާނެ ކަމަށެވެ.