ޚަބަރު

އީރާނާއެކު މަޝްވަރާ ކުރިއަށްދާ ގޮތާމެދު ޓްރަމްޕްގެ ހިތްހަމަނުޖެހުން


އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު ކުރަމުންދާ ނުސީދާ މަޝްވަރާތައް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ މަޝްވަރާތަކުގެ ތިންވަނަ ބުރު މި ހަފްތާގެ ތެރޭގައި ސްވިޒަލެންޑުގެ ޖެނީވާގައި ވަނީ ބާއްވައިފައެވެ. އަދި މާރިޗު މަހުގެ 2ވަނަ ދުވަހު މަޝްވަރާގެ ހަތަރުވަނަ ބުރު އޮސްޓްރިޔާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ކުރިއެރުމެއް ނުލިބި ގިނަ ދުވަސްތަކެއް ހޭދަވާތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެމެރިކާއިން ބޭނުންވާ ގޮތަށް ޢަމަލުކުރުމަށް އީރާނުން ދެކޮޅު ހަދާތީ އެ ކަމާމެދު ހިތްހަމަނުޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ މަޤްސަދު ހާޞިލް ކުރުމަށް އަސްކަރީ ބާރު ބޭނުންކުރައްވަން ޖެހުން އެކަށީގެންވާ ކަމަށާއި، ނަމަވެސްަ އަސްކަރީ ބާރު ބޭނުން ކުރަން ނުޖެހުމަކީ ޓްރަމްޕް އެދިވަޑައިގަންނަވާ ގޮތް ކަމަށް އޭނާ ވިދާޅުވިިއެވެ. ކަން އެހެން އޮތް ނަމަވެސް ބައެއް ޙާލަތްތަކުގައި ބާރުގެ ބޭނުން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ކުރިއަށްދާ ގޮތް ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާއިން ބޭނުން ވަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އެއްކޮށް ހުއްޓައިލުމަށް ކަމަށެވެ. މަދަނީ ހަކަތައިގެ މަޝްރޫޢުތަކަށް ވެސް އިރާނުން ޔުރޭނިއަމް މުއްސަނދިކުރަން އެމެރިކާއިން ނޭދެއެވެ.

މި ފަދަ މޭރުމަކުން ޓްރަމްޕް ވާހަކަދައްކަވާފައި މި ވަނީ އެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މައިކް ހަކަބީ ޔަހޫދީ ދައުލަތުގައި ތިބޭ އެމެރިކާގެ އެމްބަސީ މުވައްޒަފުން އެނބުރި އެމެރިކާއަށް ދިޔުމުގެ ޙުއްދަ ދެއްވާ އީމެއިލްއެއް ފޮނުއްވާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު، މާކޯ ރޫބިޔޯ ވެސް ވަނީ އެމެރިކާގެ އެއްވެސް ރައްޔިތަކު އީރާނަށް ދަތުރުނުކުރުމަށް ބާރުއަޅުއްވައިފައެެވެ. އަދި އެ ޤައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމު ދޫކޮށް ދިޔުމަށް އިލްތިމާސް ކުރައްވާފައިވެއެވެ. އެއާއެކު، އެމެރިކާއިން އަވަަސް މުސްތަގުބަލެއްގައި އީރާނަށް ޙަމަލާ ދޭނެ ކަމަށް ވަނީ ބެލެވިފައެވެ.

އީރާނާއެކު ކުރާ މަޝްވަރާތަކުގެ 4ވަނަ ބުރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދުވަހު ރޫބިޔޯ ޔަހޫދީ ދައުލަތަށް ދަތުރުކުރައްވަން ވެސް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި މައިގަނޑުގޮތެއްގައި އަލިއަޅުވައިލާނީ އެމެރިކާއާއި ލުބުނާން، އަދި އެމެރިކާއާއި އީރާނާ ދެމެދު އޮންނަ ގުޅުމާއި، ޣައްޒާގައި ތަންފީޒު ކުރުމަށް ޓްރަމަޕް ހުށަހަޅުއްވާފައިިވާ 20 ނުކުތާގެ މައްޗަށް އެކުލެވޭ ރޭވުމުގެ މައްޗަށް ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. މިއީ އެ މަޤާމުގައި ހުަންނަވާ ޔަހޫދީ ދައުލަތަށް ރޫބިޔޯ ކުރައްވާ 5ވަނަ ދަތުރުފުޅެވެ.