ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މި ބައްދަލުވުން ބާއްވާފައިވަނީ ފަލަސްތީނުގެ ރައްޔިތުން އިސްތިއުމާރީ ބާރުތަކުގެ އަނިޔާވެރިކަމާއި، ބިންތައް ފޭރުމުގެ އަމަލުތަކާ ކުރިމަތިލަމުންދާ ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ.
ވަކިން ހާއްސަކޮށް، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރުޤާނޫނީ ބާރު ހިންގައި، އެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި ސުލްހައިގެ ފުރުސަތުތައް ހަނިކުރާ އަމަލުތަކެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މީގެ އިތުރުން، އިސްތިއުމާރީ ބާރުތަކުން ހިންގާ މިފަދަ ޣައިރު ގާނޫނީ އަމަލުތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް ވަަޒީރު ވިދާޅުވިއެވެ.
Foreign Minister Dr. Khaleel Reaffirms Maldives’ Support for Palestine at Extraordinary Open-Ended Meeting of the OIC Executive Committee
— Ministry of Foreign Affairs 🇲🇻 (@MoFAmv) February 27, 2026
📃 Press Release | https://t.co/SJjyxGThnw pic.twitter.com/ld4084jOfr
ވަޒީރުގެ ވާހަކަފުޅުގައި ފަލަސްތީނާއި ގުޅޭގޮތުން ރާއްޖޭއިން ގެންގުޅުއްވާ ސިޔާސަތު ތަކުރާރުކޮށް ހާމަކުރެއްވިއެވެ. އެގޮތުން ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި ކަރާމާތާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ލިބިދޭންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޖިއްދާއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން އިސްލާމީ ގައުމުތަކުގެ އެކި ވަޒީރުންނާ ބައްދަލުކުރައްވައި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
57 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީއަކީ މުޅި ދުނިޔޭގައިވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އެ ޖަމްޢިއްޔާގެ މެންބަރެކެވެ.