ޚަބަރު

ސުވަރުގޭގެ 8 ދޮރުކޮޅު: މުއުމިނުންގެ އުފާވެރިކަން


  • ސުވަރުގޭގައި އަށް ދޮރުކޮޅު ހުންނާނެކަން ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވޭ

  • ކޮންމެ މީހެއްގެވެސް އަމާޒަކަށް ވާންވީ، ސުވަރުގެ ވަނުމަށްޓަކައި ދުނިޔޭގެ ޙަޔާތުގައި މަސައްކަތްކުރުމަށް

ސުވަރުގެއަކީ މާތްﷲ އަށް އީމާންވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވި މުއުމިނު އަޅުންނަށްޓަކައި އެކަލާންގެ ތައްޔާރުކުރައްވާފައިވާ، ދާއިމީ ނިޢުމަތުގެ ގޮވައްޗަކެވެ. ސުވަރުގޭގެ މަތިވެރިކަމާއި އެތަނުގެ ނިޢުމަތްތަކުގެ ފުރިހަމަކަން ކީރިތި ޤުރްއާނާއި ނަބަވީ އިރުޝާދުތަކުން އަޅުގަނޑުމެންނަށް ވަނީ ބަޔާން ވެފައެވެ.

ސުވަރުގެއަކީ މުއުމިނުންގެ އާޚިރަތުގެ މަންޒިލެވެ. އެސުވަރުގެއަށް ވަނުމުގެ ނަޞީބު ލިބުމަށް އަޅުގަނޑުމެން އެންމެން އެދެމުއެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ގޮތުގައި، ސުވަރުގޭގައި އަށް ދޮރުކޮޅުވެއެވެ. މި ދޮރުކޮޅުތަކަކީ އެކި ބާވަތުގެ ހެޔޮ އަމަލުތައް ކުރާ މީހުންނަށް ޚާއްޞަކުރެވިފައިވާ ދޮރުކޮޅުތަކެކެވެ.

ސުވަރުގޭގައި އަށް ދޮރުކޮޅު ހުންނާނެކަން ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۖ وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِم مِّن كُلِّ بَابٍ" (އައްރަޢުދު: 23). މާނައީ: "އެއީ ޢަދުނު އޭ ކިޔުނު ސުވަރުގެތަކެވެ. އެއުރެންނާއި، އެއުރެންގެ ކާބަފައިންނާއި، އަނބިފިރިންނާއި، ދަރިފަސްކޮޅުގެ ތެރެއިން ހެޔޮލަފާވީ މީހުން އެތަނަށް ވަންނާނެތެވެ. އަދި ކޮންމެ ދޮރުކޮޅަކުންމެ މަލާއިކަތުން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ." އަދި ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ހަދީޘެއްގައިވެއެވެ. "ސުވަރުގޭގައި އަށް ދޮރުކޮޅުވެއެވެ."

އިމްމުވެރިން މި 8 ދޮރުކޮޅު ބައްސަވާފައިވަނީ އަންނަނިވި ގޮތަށް:

1. ބާބުއްޞަލާތު: މިއީ ގަވާއިދުން ނަމާދުކޮށް، ނަމާދަށް ރައްކާތެރިވި މީހުން ވަންނަ ދޮރުކޮޅެވެ.
2. ބާބުލްޖިހާދު: މިއީ މާތްﷲގެ މަގުގައި ޖިހާދުކުރި މީހުންނަށްޓަކައިވާ ދޮރުކޮޅެވެ.
3. ބާބުއްރައްޔާން: މިއީ ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެވެ. މި ދޮރުކޮޅުން ރޯދަވެރިން ފިޔަވައި އެހެން ބަޔަކު ނުވަންނާނެއެވެ.
4. ބާބުއްޞަދަޤާ: މިއީ މުދަލުން ޞަދަޤާތްދީ، ހެޔޮކަންކަމުގައި ހޭދަކުރި މީހުންގެ ދޮރުކޮޅެވެ.
5. ބާބުލް އައިމަން: މިއީ އެއްވެސް ހިސާބަކާ ނުލައި ސުވަރުގެ ވަންނަ މީހުންނަށް ޚާއްޞަ ދޮރުކޮޅެވެ. މި ދޮރުކޮޅަށް ބާބުލް މުތަވައްކިލީން (ވަކީލުކުރާ މީހުންގެ ދޮރުކޮޅު) ވެސް ކިޔެއެވެ.
6. ބާބުލް ކާޡިމީނަލް ޣައިޡް: މިއީ ރުޅި މަތަކުރާ މީހުންނާއި، މީސްތަކުންނަށް މާފުކުރާ މީހުންނަށްޓަކައިވާ ދޮރުކޮޅެވެ.
7. ބާބުލް ޙައްޖު: މިއީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރި މީހުން ވަންނަ ދޮރުކޮޅެވެ.
8. ބާބުއްޛިކުރު (ނުވަތަ ބާބުއްތައުބާ): މިއީ ގިނަގިނައިން ޛިކުރުކޮށް އުޅުނު މީހުންނަށް ނުވަތަ އިޚްލާޞްތެރިކަމާއެކު ތައުބާވީ މީހުންނަށް ހުޅުވިފައިވާ ދޮރުކޮޅެކެވެ.

މަތީގައިވާ ސުވަރޫގޭގެ އަށް ދޮރުކޮޅުގެ ނަންތަކުގެ ތެރެއިން ޢިލްމުވެރިން ފުރަތަމަ 4 ހަތަރު ނަމަށް އިއްތިފާޤުވެލައްވާއިރު އަނެއް ނަންތައް ކަނޑައެޅުމުގައި ކުޑަޚިލާފުތަކެއް ހުރިކަން ފާހަގަ ކުރަމެވެ. ބައެއް ބޭފުޅުން ބާބުލް ޙައްޖު ގެ ބަދަލުގައި ބާބު ބިއްރުލްވާލިދައިން ވެސް ގެންނަވާފަވެއެވެ. އަދި ބާބު ކާޡިމީނަލް ޣައިޡު އާއި ބާބުއްތައުބާ އެއްކޮށްލައްވާ އެއްދޮރުކޮޅެއްގެ ގޮތުގައި ވެސް ގެންނަވާފައި ވެއެވެ.

މިތަނުގައި އަޅުގަނޑުމެންގެ ބޭނުމަކަށްވާންވީ ސުވަރުގޭގެ ދޮރުކޮޅުތަކުން ވަދޭނެ މީހަކަށް ވޭތޯ މަސައްކަތްކުރުމެވެ. އަދި ހެޔޮޞާލިޙު ޢަމަލުތައްކޮށް ކުރިއަރައިދާ މީހަކަށްވޭ ތޯ ބެލުމެވެ. ހެޔޮކަންކަމުގެ މިސާލެއް ގޮތުގައި ނަބިއްޔާ ﷺ ގެ ހަޔާތްޕުޅުންނާއި ސަލަފުންގެ ދިރިއުޅުމުން ފެންނަ އެންމެ ރިތި މިސާލަކީ އަބޫބަކުރުގެފާނުގެ ހަޔާތްޕުޅެވެ. އެއްދުވަހަކު ރަސޫލާ ﷺ މި ދޮރުކޮޅުތަކުގެ ވާހަކަ ދެއްކެވުމުން، އަބޫބަކުރުގެފާނު ސުވާލުކުރެއްވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! މި ހުރިހާ ދޮރުކޮޅަކުން ގޮވައިލެވޭނެ މީހަކު ހުންނާނެތޯއެވެ؟" ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "އާއެކެވެ. އަދި ކަލޭގެފާނަކީ އޭގެ ތެރެއިންވާ ބޭކަލަކު ކަމުގައި ވުމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." މިއިން އެނގެނީ ހުރިހާ ހެޔޮ އަމަލެއްގައި ކުރިއަރައިދާ މީހަކަށް ހުރިހާ ދޮރުކޮޅަކުން މަރުޙަބާ ކިޔޭނެ ކަމެވެ.

މިއަދުގެ މުޖުތަމަޢުގައި ސުވަރުގެ އެދޭ މީހާގެ ޢަމަލުތައް ބަހައްޓަންވީ ގޮތަކީ، ހަމައެކަނި އެއް އަޅުކަމަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ހުރިހާ ހެޔޮކަމަކަށް އިސްކަންދިނުމެވެ. ނަމާދު ގާއިމުކުރުމާއެކު، މީސްތަކުންނަށް ހެޔޮކޮށް ހިތުމާއި، ރުޅި ކޮންޓްރޯލްކުރުމާއި، ދީލަތިވުމަކީ ސުވަރުގޭގެ ދޮރުކޮޅުތައް އަޅުގަނޑުމެންނަށް ހުޅުވިގެންދާނެ ކަންކަމެވެ. ޚާއްޞަކޮށް، ފުރިހަމައަށް ވުޟޫކޮށް "أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ" ކިޔައިފި މީހަކަށް ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވޭނެކަމުގެ އުފާވެރި ޚަބަރު ރަސޫލާ ﷺ ވަނީ ދެއްވާފައެވެ.

އަދި ހަމަ އެހެންމެ އަންހެންބޭފުޅުންނަށްވެސް އެބޭފުޅަކު ބޭނުން ދޮރަކުން ސުވަރުގެ ވަނުގެ ފުރުޞަތު އެބައޮތެވެ. މާތް ނަބިއްޔާ "ﷺ ހަދީޘް ކުރެއްވިއެވެ." އަންހެނާ (ފަރުޟު) ފަސް ނަމާދު ގާއިމުކޮށް، ރަމަޟާން މަހުގެ ރޯދަ ހިފައި، އޭނާގެ ފަރުޖު ރައްކާތެރިކޮށް (ޢިއްފަތްތެރިވެ)، އަދި އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވެއްޖެ ނަމަ، އޭނާއަށް ދަންނަވާނެއެވެ: 'ސުވަރުގޭގެ ދޮރުތަކުގެ ތެރެއިން ތިބާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނާށެވެ!"

ވުމާއެކު، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަމާޒަކަށް ވާންވީ، މި މަތިވެރި ދޮރުކޮޅުތަކުން ސުވަރުގެ ވަނުމަށްޓަކައި ދުނިޔޭގެ ޙަޔާތުގައި ގަދައަޅައި މަސައްކަތްކުރުމެވެ. މާތްﷲ އަޅުގަނޑުމެން އެންމެންނަކީ ސުވަރުގޭގެ ދޮރުކޮޅުތަކުން މަރުޙަބާ ކިޔޭނެ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.
------
މުޙައްމަދު މަންޞޫރު އާދަމް، ގެމަނަފުށި