އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ހުޅުމާލެ ވެޓެރެންސް މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައިއެވެ. އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ޓީމު މޮޅުވީ 3-0 ލަނޑުންނެވެ.
މާފަންނު އެންނަބަރު ޓާފް ދަނޑުގައި ކުޅުނު މެޗު ޑޮމިނޭޓްކޮއްގެން ކުޅުނީ ހުޅުމާލެ ވެޓެރެންސް ޓީމުންނެވެ. ޔޫވީ މެޗުގައި ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް އިސްކަންދީގެން ދިފާއީ ގޭމެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ޓީމުން ގިނަ ހަމަލާތަކެއް ޔޫވީގެ ގޯލަށް އަމާޒުވިއިރު އޭގެތެރެއިން އެޓީމުގެ މުހައްދު ޒިޔާދު ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
މެޗުގެ ހުޅާމާލެއިން ޖެހި ތިން ލަނޑުވެސް ފެނިގެންދިޔައީ ފަހުހާފުގައެވެ. ހުޅުމާލެއިން ލީޑު ނެގީ 42 ވަނަ މިނިޓުގައި ހުސެއިން ސިމާޒް ކާމިޔާބުކުރި ލަނޑުންނެވެ. ހުޅުމާލެއިން ޖެހި ދެވަނަ ލަނޑަކީ 51 ވަނަ މިނިޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަހުމަދު މުއާޒް ކާމިޔާބު ކުރި ލަނޑެކެވެ.
ހުޅުމާލެއިން ޖެހި ތިން ވަނަ ލަނޑުވެސް ކާމިޔާބު ކުރީ ލިބުނު ހިލޭޖެހުމަކުންނެވެ. 54 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އަހުމަދު ޝާއިރުއެވެ.
މި ނަތީޖާ އެކު ގުރޫޕުގައި ކުޅުނު ދެމެޗު ކާމިޔާބުކޮށް ހުޅުމާލެ ވެޓެރެންސް ވަނީ 6 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. ޔޫވީ އަށް ދެމެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.