މޮރޮކޯގެ ކޯޗުކަމުން ވަލީދު ރެގްރާގީ އޭނާގެ އިސްތިއުފާ ދޭ ވާހަކަ ބުނީ ކުޅުންތެރިން ގާތުގައި ބުނެފި އެވެ.
މޮރޮކޯގެ ފުޓްބޯޅައިގެ ތާރީހުގައި ފެނުނު އެންމެ ކާމިޔާބު ކޯޗު މަގާމު ދޫކޮށްލަން ނިންމީ އޭނާގެ މަގާމާ މެދު މޮރޮކޯ ފެޑަރޭޝަން ތެރޭގައި ސީރިއަސް ބަހުސްތަކެއް ކުރެވެން ފަށައި ވަރަށް ބޮޑަށް އެ ހިޔާލުތައް ކަފިކަފިވެފައި ވަނިކޮށެވެ.
މޮރޮކޯގެ ނޫސްވެރިޔާ ޖަމާލް އަސްޓާފީ އޭނާގެ އެކްސް އެކައުންޓްގައި ބުނެފައިވަނީ މި އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދޭން އޭނާ ނުހުންނާނެ ވާހަކަ ޓީމުގެ ސީނިއާ ކުޅުންތެރިން ގާތުގައި ރެގްރާގީ މިހާރު ބުނެފައިވާ ކަމަށެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ޓީމު ގެންގޮސްދިން ކޯޗާމެދު އެންމެ ބޮޑު ސުވާލު އުފައްދަން ފެށީ މިދިޔަ ޑިސެމްބަރު މަހު މޮރޮކޯގައި ބޭއްވި އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ނުކުރެވުމުންނެވެ. އެ މުބާރާތުގެ ފައިނަލުގައި މޮރޮކޯ ބަލިވީ ސެނަގާލް އަތުން 1-0އިންނެވެ.
ނަމަވެސް ރެގްރާގީގެ އިސްތިއުފާއާ ބެހޭ ގޮތުން މޮރޮކޯ ފެޑަރޭޝަނުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެ ގައުމުގެ މީޑިއާތަކުން ބުނަނީ ފެޑަރޭޝަނުން މިހާރު ކުރަމުން އަންނަނީ އައު ކޯޗަކު ހޯދުމުގެ މަސައްކަތް ކަމަށާއި ރެގްރާގީއާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބެގެން އުޅެނީ އޭނާގެ މަގާމަށް ގެންނާނެ ކޯޗަކު ފައިނަލް ނުކުރެވޭތީ ކަމަށެވެ.