ކުޅިވަރު

އަވަހަށް ލަނޑު ހެދުމުގައި ސަމާލުވާން ޖެހޭ: ލަންކާ ކޯޗު


ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި މިރޭ ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ސްރީލަންކާއިން އެންމެ ބޮޑަށް ވިސްނަންޖެހޭނީ އަވަސް ލަނޑު ހެދުމުގައި ކަމަށް ބެޓިން ކޯޗު ވިކްރަމް ރަތޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލަންކާ އެންމެ ފަހުން ކުޅުނު މެޗުގައި އިނގިރޭސިން އަތުން ތަފާތު ބޮޑުކޮށް ބަލިވި މެޗުގައި އެކަށީގެންވާ އަދަދަކަށް ލަނޑު ހެދިފައި ނުވާތީ އެވެ.

"ތެދެއް. އަހަރުމެންގެ ބެޓިން ގޯސްވެގެން އެ މެޗު ގެއްލުނީ. މި މެޗަށް އަހަރުމެން ވާނީ އެކަމަށް ވިސްނާފައި. އަހަރުމެންގެ ބެޓިންގައި އެންމެ ބޮޑު ގޯހަކަށް ފެނުނީ އެންމެ ލަނޑެއް ހަދަން ބެޓްކުރުމުގައި ދިމާވި މައްސަލަތައް. އެފަދަ ބޯލަތަކުން އަހަރުމެންގެ ވިކެޓްތައް ވަނީ ވަރަށް އަވަހަށް ނުބައިވެފައި. މިމެޗުގައި އަހަރުމެން އެކަންކަން ރަނގަޅު ކުރާނަން،" ކޯޗު ބުންޏެވެ.

އިނގިރޭސިންގެ މެޗުގައި ލަންކާ އަށް 100 ލަނޑު ވެސް ނުހެދުނެވެ. ކޯޗު ބުނީ އަވަސް ބޯޅަތައް ކުޅުމުގައި ބެޓްސްމަނުން ވަރަށް ވިސްނަންޖެހޭނެ ކަމަށެވެ.

"ނިއުޒީލޭންޑްގެ ކުޅުމަށް ބަލާއިރު އެ މީހުންނަކީ މޮޅު އުކުންތެރިން ތިބި ގައުމެއް. އަހަރުމެން ޖެހޭނެ އެ މީހުންގެ އަވަސް ބޯޅަތަކަށް ވަރަސް ބޮޑަށް ސަމާލުވާން. ނޫނީ އަހަރުމެންނަށް އުނދަގޫވާނެ،" ކޯޗު ބުންޏެވެ.

މި މެޗުން ބަލިވެއްޖެނަމަ ލަންކާ މުބާރާތުން ކަޓާނެ އެވެ. ނަމަވެސް ނިއުޒީލޭންޑް ބަލިވިޔަސް ފުރުސަތު އޮންނާނެ އެވެ. ސަބަބަކީ އެ ގައުމުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗު ވިއްސާރަ ވުމުގެ ސަބަބުން އެއްވަރުވީ ކަމަށް ނިންމާފައި ވުމެވެ. ލަންކާގެ އަމިއްލަ ފަސްގަނޑުގައި މި މެޗަށް ނުކުންނައިރު ވާރޭ ވެހިދާނެ ކަމުގެ ބިރެއް ނެތެވެ.

ނިއުޒީލޭންޑްގެ ކޯޗު ބުނީ ލަންކާގެ ބެޓިން ދަށްވުމުގެ އެޑްވާންޓޭޖް އޭނާގެ ޓީމުން ނަގާނެ ކަމަށާއި މި ގޮތުން މެޗުގެ ޓޮސް ދިމާވުމަކީ ވަރަށް މުހިންމު ކަމަކަށްވާނެ ކަމަށެވެ.

ލަންކާ އާއި އިންޑިޔާގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ ގަދަ އަށެއްގެ މެޗުތައް ކުޅެމުންދާއިރު މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ގަދަ ދެ ޓީމެވެ.