ރާއްޖެއާއި ކުވެއިތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ދެޤައުމަށްވެސް ފައިދާވާނެ ދާއިރާތަކުން ކުރިއަށްދިޔުމުގެ ފުރުސަތުތައް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުވެއިތުގެ ޤައުމީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ މިމަހުގެ 25 ވަނަ ދުވަހު ފާހަގަކުރާ ކުވެއިތުގެ ޤައުމީ ދުވަހާއި، 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ ތަހުނިޔާ، އެޤައުމުގެ އަމީރު ޝެއިޚް މިޝަލް އަލް އަޙްމަދު އަލް ޖަބަރު އަލް ސަބާޙްއަށާއި، ކުވެއިތުގެ ބޮޑުވަޒީރު ޝެއިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލް ސަބާޙްގެ އިތުރުން ކުވެއިތުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، މިދުވަސްތައް ހަނދާންކޮށްދެނީ ކުވެއިތުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައްކަމަށެވެ. އަދި މިފުރުސަތުގައި އެޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމަށް އެދިވަޑައިގަތެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް، ކުވެއިތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގައި ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.
It is with profound joy that I convey warm wishes of Kuwait’s National Day marked on 25th February and Liberation Day marked on 26th February, to His Highness Sheikh Meshal Al-Ahmad Al-Jaber Al-Sabah, Amir of the State of Kuwait, His Highness Sheikh Ahmad Abdullah Al-Ahmad… pic.twitter.com/pAEXpIgMIl
— Dr Mohamed Muizzu (@MMuizzu) February 25, 2026
ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ އިތުބާރާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް ހަމަތަކާއި އުސޫލުތަކަށްކަން ފާހަގަކުރައްވާ ރައީސްވަނީ އެގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމަށްވެސް ފައިދާވާނެ މުހިއްމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެޤައުމުން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި މަންފާކުރާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުވެއިތުގައި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ އެޤައުމުގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. 26 ފެބްރުއަރީ ފާހަގަކުރަނީ އެޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައެވެ.
ރާއްޖެއާއި ކުވެއިތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 1 ޑިސެމްބަރު 1977 ވަނަ އަހަރުގައެވެ.