ޚަބަރު

ޕްރެސިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިއަކަށް 18 އަހަރުގެ އަޙްޒަމް


  • ޒުވާން އުމުރެއްގައި އަޙްޒަމް ވަނީ ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކާފައި

  • މިއީ އަޙްޒަމް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ސީޒަން

ރާއްޖޭގެ އެންމެ ދުވަސްވީ ފުޓުބޯޅަ މުބާރާތުގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ހައިބަތު ބޮޑު ދެ އިނާމު ޙާސިލްކޮށް، އޮޑި ސްޕޯޓްސް ކުލަބުގެ ޒުވާން އުއްމީދީ ތަރި އަޙްޒަމް ރަޝީދު ބޮޑު ޝަރަފެއް ހޯދައިފިއެވެ.

ޕްރެޒިޑެންޓްސް ކަޕް 2026 ގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކުލަބަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ އުމުރުން އެންމެ 18 އަހަރުގެ އަޙްޒަމްއެވެ.

އޮޑިން ފުރަތަމަ ޑިވިޝަނުގައި ވެސް އަދި ޕްރެޒިޑެންޓްސް ކަޕުގައި ވެސް ވާދަކުރި ފުރަތަމަ ފަހަރު، މި ޝަރަފުވެރި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޝޫޓް އައުޓުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މަައްޗަށް ކުރިހޯދައިގެންނެވެ.

ވަރުގަދަ މާޒިޔާއާ ދެކޮޅަށް ކުޅުނު މި މެޗުން އޮޑި މޮޅުވިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޑީގެ ކީޕަރު ޝަފީއު އެވެ.

އޮޑިން މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕުގެ ތަށި އުފުލާލިއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް އަޙްޒަމްއެވެ. އޭނާ ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑު ވެސް ހޯދީ ޒުވާން ތަރި އަޙްޒަމްއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ އަޙްޒަމް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ސީޒަނެވެ. އެހެންނަމަވެސް އޭނާ ވަނީ މީގެކުރިން، 2024 ވަނަ އަހަރު ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެ، މުހިންމު ދައުރެއް އަދާކޮށްފައެވެ.

އަޙްޒަމް ވެގެންދާނީ ކުރިއަށް އޮތް ޓްރާންސްފަރ ވިންޑޯގައި އެންމެ ގިނަ ކުލަބުތަކުން ފާރަވެރިވާނެ ކުޅުންތެރިއާ އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ޕްރެޒިޑެންޓްސް ކަޕް 2026 ގެ ފައިނަލް މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި، މާޒިޔާގެ މައްޗަށް އޮޑިން ކުރިހޯދީ 4-5 ގެ ނަތީޖާއަކުންނެވެ.