ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ މީޓިއޮސް ކުޅުނު މެޗު ކާމިޔާބުކޮށް ގުރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކުރިކެޓް ދަނޑުގައި މިއަދު ކުޅުނު ފުރަތަމަ މެޗު ފިނޮޅު ކާމިޔާބު ކުރީ ޓީއެފްޓީއާ ވާދަކޮށް 30 ލަނޑުންނެވެ. މެޗުގައި ޓީއެފްޓީ ގުރުދިމާވުމުން އެޓީމުން ގަސްތުކުރީ ހޮވުމަށެވެ. ފުރަތަމަ ފިނޮޅުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 133 ލަނޑެވެ. ފިނޮޅު ޓީމަށް އެންމެ ގިނަޕޮއިންޓް ހޯދައިދިނީ 11 ބޯޅައިން 32 ލަނޑު ހެދި މުއާވިޔަތު އަބްދުލް ޢަނީއެވެ.
ޖަވާބުގައި ޓީއެފްޓީން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ. ޓީއެފްޓީ އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 32 ލަނޑު ހެދި މުހައްމަދު އަނަސް އަބްދުލް ޖަލީލެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި މީޓިއޮސް މޮޅުވީ އޮފް އެފްސީއާ ވާދަކޮށް 48 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ގުރުދިމާވުމުން މީޓިއޮސް ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިން ނުބައިވގެން ހެދިފަވަނީ 128 ލަނޑެވެ. މީޓިއޮސް އިން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 32 އެއްކުރި ޝަފްރާޒް ޖަލީލްއެވެ.
ޖަވާބުގައި އޮފްއެފްސީން ކުޅެން އަރާ 7.4 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 15 ބޯޅައިން 32 ލަނޑު ހެދި އަބްދުﷲ ރަފީއުއެވެ.
މި ނަތީޖާ އެކު ކުޅުނު ދެ މެޗުވެސް މޮޅުވެ 4 ޕޮއިންޓާ އެކު ގުރޫޕް ސީގެ އެއްވަނައގަ މީޓިއޮސް އޮތް އިރު ފިނޮޅުން ހޯދި މޮޅާއެކު އެޓީމުން ވަނީ 2 ޕޮއިންޓް ހޯދާފައެވެ.