ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް މިއަދު މި ވަނީ ހަތަރު އަހަރު ފުރިފައެވެ. ޔޫކްރެއިންގެ ބިންތަކަށް އަރައި، ރަޝިޔާގެ ފައުޖުތަކުން ހަނގުރާމަ ކުރަން ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ކްރެމްލިނުން އުންމީދު ކޮށްފައި ވަނީ "ތިން ވަރަކަށް" ދުވަހުން ކީވަށް އަތްގަދަކޮށް، ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ކަމުގައެވެ. ނަމަވެސް، ކަން ދިމާވީ ތަފާތުކޮށެވެ. ޔޫކްރެއިންގެ ދިފާޢުގައި ހަނގުރާމަ ކުރުމަށް އެ ޤައުމުގެ ރައްޔިތުން އަދިވެސް ތިބީ ތައްޔާރަށެވެ. އެ މީހުންގެ ޢަޒުމަށް ބަދަލެއް އައިސްފައެއް ނެތެވެ.
ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާގެ ފައުޖުތަކުން ވަނީ ވެރިރަށް ކީވް ހިފުމަށް ގިނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ކީވާ ވަރަށް ގާތަށް ރަޝިޔާގެ ފައުޖުތަކުން ދަތުރު ކުރިއެވެ. ނަމަވެސް، ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ ފައުޖުތައް އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކުން ފަހަތަށް ޖައްސާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ރަޝިޔާގެ ސިފައިން ބަލި ކުރުމަށް ހަނގުރާމަ ކުރުމުގައި ޔޫކްރެއިންގެ ސިފައިން ސާބިތުކަމާ އެކު ދެމިތިބި ކަމުގައެވެ. އަދި، ފިނިމޫސުގައި ކަރަންޓުގެ ޚިދުމަތް ކެނޑި، ގެދޮރު ހޫނު ކުރެވޭނެ ގޮތެއް ނެތް ނަމަވެސް، ޔޫކްރެއިންގެ ޢާންމު ރައްޔިތުންގެ ހިތްވަރަށް ވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.
ޖަރުމަނުވިލާތުގެ ބްރޭމަން ޔުނިވަރސިޓީގައި މަސައްކަތް ކުރައްވާ ނިކޮލައި މިތުރޯޚިން ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރީސަފު، ފުރަތަމަ ބޮޑު ހަނގުރާމައެކޭ އެއްފަދައިން "ހުއްޓުން އަރައި،" "ގަނޑުވެފައިވާ" ކަމުގައެވެ. ހަނގުރާމައިގައި ބޮޑު ކުރިއެރުމެއް ހޯދުމަށް ބޭނުންވާނެ ޓެކްނޮލޮޖީއާއި ފައުޖުތައް ރަޝިޔާގެ ކިބައިގައި ނެތްއިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާއަށް އަތްގަދަ ކުރެވިފައި ވަނީ ޔޫކްރެއިންގެ ބިމުގެ އެންމެ %0.8 ސަރަޙައްދެއް ނުވަތަ 5,000 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ. ނަމަވެސް، ޖުމުލަ ގޮތެއްގައި ޔޫކްރެއިންގެ %19 ސަރަޙައްދެއް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.
ހަނގުރާމައިގައި ދާދިދަހުން ފަހުން ރަޝިޔާގެ ފައުޖުތަކަށް މުއާޞަލާތީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. އޭގެ ބޭނުން ހިފައި، ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގައި، ކުރިއެރުންތަކެއް ހޯދާފައެވެ. އަދި، ޒަޕޮރީޜިޔާއާއި ނީޕްރޯޕެތުރޮވްސްކުން 200 އަކަކިލޯމީޓަރުގެ ބިމެއް މިނިވަން ކޮށްފައެވެ. ނަމަވެސް، ޔޫކްރެއިންގެ އިރުދެކުނުގައި އޮތް ދޮންޏެސްކާއި ކްރަމަތޮރްސްކް ފަދަ މުހިންމު ސަރަޙައްދުތަކަށް ރަޝިޔާއިން ދެމުންދާ ޙަމަލާތައް ވަނީ ވަރުގަދަ ކޮށްފައެެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ ޙަމަލާތަކާ ގުޅިގެން އެ ސަރަޙައްދުތަކުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމުގައެވެ. ދޮންޏެސްކާއި ކްރަމަތޮރްސްކް ރަޝިޔާއަށް ދޫކޮށްލުމަށް އެ ޤައުމުން ދަނީ ޔޫކްރެއިނަށް ބާރު އަޅަމުންނެވެ.
ރަޝިޔާގެ ވަރުގަދަ ޙަމަލާތަކުގެ މައިގަނޑު ބޭނުމަކީ އަމާންދިނުމަށް ޔޫކްރެއިނަށް މަޖުބޫރުކުރުވުން ކަމުގައި އެ ޤައުމުގެ %88 މީހުން ޤަބޫލު ކުރެއެވެ. ނަމަވެސް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޔޫކްރެއިންގެ ތިންބައިކުޅަ ދެބައި ރައްޔިތުން ބޭނުން ވަނީ ކިތަންމެ އަހަރަކަށް ދިގުދެމިގެން ދިޔަ ނަމަވެސް ހަތިޔާރު ނުބަހައްޓައި ހަނގުރާމަ ކުރިއަށް ގެންދިޔުމަށެވެ.
އެސޯސިއޭޝަން އޮފް ޕޮލިޓިކަލް ސައިކޮލޮޖިސްޓްސްގެ ނައިބު ރައީސާ ސްވެތުލާނާ ޗޫނިހީނާ ވިދާޅުވީ، ހަނގުރާމަ ދިގުލައިގެން ދިޔުމާ ގުޅިގެން ޔޫކްރެއިންގެ ގިނަ ރައްޔިތުންނަށް ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހަނގުރާމައިގެ ހާލަތަށް ހޭނިފައިވާ ކަމަށާއި، މި ހާލަތުގައި ވެސް ޢާންމު ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ދަސްކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގެ ގިނަ ރައްޔިތުންގެ އުންމީދަކީ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ޔޫކްރެއިނަކީ ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ކާމިޔާބު މެންބަަރަކަށް ވުމެވެ.