މެޗުގެ ފުރަތަމަ ބޯޅަ ހަޔަކަށް ޖެހުމަކީ އަބަދު ވާނެ ކަމެއް ނޫން ކަމަށް ޕާކިސްތާނުގެ އެންމެ އިތުބާރު ބެޓްސްމަން ޝަހިބްޒާދާ ފަރްހާން ބުނެފި އެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް އިނގިރޭސިންނާ ދެކޮޅަށް ކުޅެން ޖެހޭ މުހިންމު މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.
ފަރްހާނަކީ އިންޑިޔާ އާއި ލަންކާގައި މިހާރު ކުރިއަށްދާ މުބާރާތުގެ އެންމެ އިތުބާރު ބެޓްސްމަނެވެ. އެންމެ ގިނަ ލަނޑު ހަދާފައިވާ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މިހާތަނަށް ހަތަރު އިނިންގްސްގައި އޭނާ ވަނީ 220 ލަނޑު ހަދައިފަ އެވެ. މީގެ ތެރެއިން ނެމީބިއާއާއެކު ޕާކިސްތާނު ކުޅުނު މެޗުގައި އޭނާ ސައްތަ ހެދި އެވެ. މިހެންވެ ގިނަ ބަޔަކު ދެކޭ ގޮތުގައި އިނގިރޭސިން އަތުން ޕާކިސްތާން މޮޅުވުމުގެ އެންމެ މުހިންމު ސަބަބަކަށްވާނީ ފަރްހާން ދައްކާ ކުޅުމެކެވެ.
"އަހަރެންގެ ފޯމު ރަނގަޅު ކަމަށް ގަބޫލު ކުރަން. އެކަމަކު އަބަދު ފުރަތަމަ ބޯޅަ ހަޔަކަށް ނުޖެހޭނެ. ޓުވެންޓީ20ގައި ޓީމު މޮޅުވާނީ ހުރިހާ ކުޅުންތެރިން ރަނގަޅަށް ކުޅެގެން. ހާއްސަކޮށް ފުރަތަމަ އަރާ ހަތަރު ބެޓްސްމަނުން ވަރަށް ރަނގަޅަށް ޕާފޯމްކޮށްފިނަމަ މޮޅުވުމުގެ ފުރުސަތު ބޮޑު. ބައެއް ފަހަރު މެދުތެރެއިން ވެސް ރަނގަޅު ޕާޓްނަރެއް ލިބޭ. އެކަމަކު ފުރަތަމަ ކުޅެން އަރާ ކުޅުންތެރިން އެބަޖެހޭ މޮޅަށް ކުޅެން،" ފަރްހާން ބުންޏެވެ.
ފަރްހާން ބުނީ މި މުބާރާތުގައި ޕާކިސްތާނުން މިހާތަނަށް މޮޅަށް ކުޅުނީ ބުރަކި އުކުންތެރިން ކަމަށެވެ. މިހެންވެ މުޅި ޓީމު އިނގިރޭސިންނާ ދެކޮޅަށް ރަނގަޅަށް ކުޅެން ޖެހޭނެ ކަމަށެވެ.
"މިއީ ޓީމް ގޭމެއް. އެންމެންވެސް މަސައްކަތުން މޮޅުވާނީ. އަހަރުމެންގެ އުކުންތެރިން ވަރަށް ރަނގަޅަށް ކުޅެފި. ހާއްސަކޮށް ސްޕިނަރުން. އެހެންވީމާ ހޮވާ މީހުންނާއި ބެޓްސްމަނުން އެބަޖެހޭ ކުޅުން ރަނގަޅު ކުރަން،" ފަރްހާން ބުންޏެވެ.
ލަންކާގެ ކެންޑީގައި މިރޭ އޮރުއޮއްސޭއިރު ފަށާ މި މެޗަކީ ޕާކިސްތާނަށް ވަރަށް މުހިންމު މެޗެކެވެ. ސަބަބަކީ ގަދަ އަށެއްގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅެން އޮތް މެޗު ވިއްސާރަވެގެން ކުޅެވޭގޮތް ނުވުމެވެ. މިހެންވެ އެ މެޗުން ޕާކިސްތާނަށް ލިބުނީ ޕޮއިންޓެކެވެ. މިހެންވެ ނިއުޒީލޭންޑް މެޗު ކާމިޔާނު ނުކޮށްފިނަމަ އެ ގައުމު ޕްރެޝަރަށް ވެއްޓޭނެ އެވެ.