ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މާދަމާ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ބެންފީކާގެ ޖިއަން ލޫކާ ޕްރެސްޓިއާނީ ސަސްޕެންޑްކޮށްފި އެވެ.
އޭނާ ސަސްޕެންޑް ކުރީ މި ދެ ޓީމު މީގެ ހަފުތާއެއް ކުރިން ބެންފިކާގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާއަށް ނަސްލީ ގޮތުން ބަދުބަސްތަކެއް ބުނެފައިވާ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މިކަމާ ހެދި އެ މެޗު ވަގުތު ކޮޅަކަށް މެދު ކަނޑާލަން ވެސް ޖެހުނެވެ.
ޕްރެސްޓިއާނީގެ ސަސްޕެންޑްކުރިއރު ޔޫއޭފާއިން ވަނީ އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އޭނާ ސަސްޕެންޑް މި ކުރީ ރެއާލް މެޑްރިޑްގެ ދަނޑަށް އޭނާ ނާންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެ ވިނީޝިއުސް ޖޫނިއާ ބުނެފައިވަނިކޮށެވެ.
އެމްބާޕޭ ބުނެފައިވަނީ ޕްރެސްޓިއާނީ އަކީ ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅެން ފުރުސަތު ލިބެންޖެހޭ ވަރަށްވުރެ އަހުލާގީ ގޮތުން ދަށް ކުޅުންތެރިއެއް ކަމަށެވެ.
"ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމަކީ މިއީ. އަހަރެން އުއްމީދު ކުރަން އޭނާ އަށް މި ތަނުގައި ކުޅެން ފުރުސަތު ނުލިބޭނެ ކަމަށް. މި ދަނޑުގައި ކުޅެން އޭނާ އަށް ހައްގެއް ނޫން،" އެމްބާޕޭ ބުންޏެވެ.
މާދަމާ ރާގެ މެޗަށް ބެންފިކާގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭނާ އަށް ވަނީ ކުރީ މެޗުގައި ރަތްކާޑު ދައްކައިފަ އެވެ. މޮރީނިއޯ ބުނީ އޭނާ ރެފްރީއާ މެދު ހިތްހަމަ ނުޖެހުނީ ގަސްތުގައި ފައުލް ކުރުމުން ވެސް ރެއާލްގެ ކުޅުންތެރިންނަށް ކާޑު ނުދައްކާތީ ކަމަށެވެ. އަދި ރެފްރީ ކާޑު ނުދެއްކީ މާދަމާ ރޭގެ މެޗަށް ރެއާލްގެ ބައެއް ޑިފެންޑަރުން ސަސްޕެންޑް ވެދާނެތީ ކަމަށެވެ.
މި މެޗަކީ ދެ ޓީމު ވެސް މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމާމެދު ގޮތެއް ނިންމާ މެޗެވެ. ބެންފީކާ ޖެހޭނީ ރެއާލް މެޑްރިޑް ދެ ލަނޑުން ބަލިކުރާށެވެ. އެއީ ބެންފީކާގެ ދަނޑުގައި ރެއާލް 1-0އިން މޮޅުވެފައިވާތީ އެވެ.
މި ދެ ޓީމުގެ ބައްދަލުކުރުންތައް ފޯރިގަދަވީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރެއާލް މެޑްރިޑް 4-2އިން ބަލިކޮށް އެ ޓީމު ގަދަ އަށަކުން ކަޓުވާލާފައިވާތީ އެވެ.