ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ އިއްޔެ ކުޅުނު މެޗުން އެވިއަރ މޯލްޑިވިސް އާއި ދިވެހި ސިފައިންގެ ކުލަބު ( ޑީއެސްސީ) އިން މޮޅެއް ހޯދައިފިއެވެ.
މާފަންނު އެއް ނަންބަރު ކްރިކެޓް ދަނޑުގައި ހޯމަ ދުވަހު ކުޅުނު ފުރަތަމަ މެޗު ސިފައިންގެ ޓީމުން ކާމިޔާބުކުރީ ސަންކުއިކް ލިލީއާ ވާދަކޮށް 7 ވިކެޓުންނެވެ. މެޗުގައި ގުރު ދިމާވުމުން ސަންކުއިކް ލީލީ ގަސްތު ކުރީ ކުޅުމަށެވެ. އެގޮތުން އެޓީމުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 121 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 33 ލަނޑު ހެދި މަބްސަރު އިބްރާހިމްއެވެ.
ޖަވާބުގައި ސިފައިންގެ ޓީމުން ކުޅެންއަރާ 6.5 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 123 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. ސިފައިންގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 31 ލަނޑު ހެދި އަބްދުﷲ ޝާހިދެއެވެ. މި މޮޅާއެކު ގުރޫޕް އޭ އިން ދިވެހި ސިފައިންގެ ކުލަބު އެއްވަނައިގައި އޮތީ 4 ޕޮއިންޓާއެކުއެވެ.
ހޯމަ ދުވަހު ކުޅުނު ދެވަނަ މެޗު އެވިއަރ މޯލްޑިވިސް ކާމިޔާބުކުރީ ޕޮލިސް ކުލަބާ ވާދަކޮށް 9 ވިކެޓުންނެވެ. ގުރު ދިމާވުމުން ޕޮލިސް ކުލަބުން ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 91 ލަނޑެވެ. ޕޮލިސް ކުލަބުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 23 ލަނޑު ހެދި ހުސެއިން އަޒްހަމްއެވެ.
ޖަވާބުގައި އެވިއަރ އިން ކުޅެންއަރާ 7.1 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 93 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ބޯޅައިން 33 ލަނޑު ހެދި މުހައްމަދު ޝަދުހާންއެވެ.
މި މޮޅާއެކު ގުރޫޕް ބީ އިން އެއްވަނައިގަ އެވިއަރ އޮތީ ކުޅުނު 2 މެޗު ވެސް ކާމިޔާބުކޮށް 4 ޕޮއިންޓާއެކުއެވެ.