ޚަބަރު

އެމެރިކާގެ ފަރާތުން އުއްމީދީ ސިގްނަލްތަކެއް ލިބިއްޖެ: އީރާން


އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން، އެމެރިކާ އާއެކު އަންނަ ބުރާސްފަތި ދުވަހު ތާވަލުކޮށްފައިވާ މަޝްވަރާތަކުގެ ކުރިން، އެމެރިކާގެ ފަރާތުން "އުއްމީދީ ސިގްނަލްތަކެއް" ލިބިފައިވާކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިޔާން ވިދާޅުވެއްޖެއެވެ.

މި މަހުގެ ތެރޭގައި އެމެރިކާއާއި އީރާނުން ވަނީ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އައު މަޝްވަރާތަކެއް ފަށައިފައެވެ. މަޝްވަރާގެ ދެވަނަ ބުރު މިހާރު ނިންމާލާފައިވާއިރު، ތިންވަނަ ބުރު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެއްބަސްވުމަކަށް ދާން އީރާނުން ދެކޮޅު ހަދާނަމަ، އީރާނަށް ޙަމަލާދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. އެ ފަދަ ޙާލަތަކަށް ތައްޔާރުވުމަށް އެމެރިކާއިން މި ދަނޑުވަޅުގައި ދަނީ މެދުއިރުމައްޗަށް ސިފައިންނާއި ހަތިޔާރު ޖަމާ ކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕިޒިޝްކިޔާން ވިދާޅުވީ، އީރާނުގެ ޢަމާޒަކީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުން ކަމަށެވެ.

މިގޮތުން، ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން ދެ ފަރާތުން ހުށަހެޅުންތައް ބަދަލުކޮށް، އެމެރިކާގެ ފަރާތުން "އުއްމީދީ ސިގްނަލްތަކެއް" ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެމެރިކާގެ ޢަމަލުތަކަށް އީރާނުން ފާރަވެރިވެ، ކޮންމެ ޙާލަތަކަށް ވެސް ތައްޔާރުވެ ތިބޭނެކަމުގެ ޔަޤީންކަން ޕިޒިޝްކިޔާން ދެއްވިއެވެ.

އެމެރިކާއިން ޝަރުތުކުރަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އެއްކޮށް ހުއްޓައިލުމަށެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުމަކީ އެ ޤައުމުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާ ގާތަށް އެޅޭ ފިޔަވަޅެކެވެ. އީރާނުން ވަނީ އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމަށް އިޝާރާތްކޮށްފައެވެ.

އީރާނުން މީގެ ކުރިން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރުކުރުމަށް ވެސް އެމެރިކާއިން ޝަރުތުކުރެއެވެ.