އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން ހޯދި މުހިންމު މޮޅުގެ ފަހަތުގައިވަނީ، ނާކާމިޔާބީ އިން އަރައިގަނެ، މަގާމު ދެމެހެއްޓުމަށް ޓީމުގެ ކުޅުންތެރިންގެ ހިތުގައި އޮތް މޮޅުވުމުގެ ރޫޙުކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.
ޓޮޓްނަމް މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާޓެޓާ ބުނީ، އެންމެފަހުން ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަހުވަގުތު ވުލްވްސްއިން ޖެހި ލަނޑާއެކު މޮޅު ނުވެވުމުގެ ސަބަބުން، ކުޅުންތެރިންނަށް ނަފްސާނީގޮތުން އޭގެ އަސަރުކޮށް، ކޮންފިޑެންސް ދަށްވި ކަމަށެވެ. އެހެންނަމަވެސް، ޓީމެއްގެ ގޮތުގައި ބަދަހިކަން ދައްކައި، ޓޮޓްނަމް އާ ދެކޮޅަށް ދެއްކީ ތައުރީފު ހައްގު، ފާހަގަކުރަންޖެހޭވަރުގެ ކުޅުމެއްކަމަށް އާޓެޓާ ބުންޏެވެ.
ފާއިތުވީ 72 ގަޑިއިރުގެ ތެރޭގައި ހުރިހާ ކުޅުންތެރިންވެސް ގެންގުޅުނު "މެންޓާލިޓީ" އަކީ، ލިބުނު ނާކާމިޔާބީއާއެކު ކުރިމަތިވި ހިތްދަތިކަން، ހިތްވަރަކަށް ބަދަލުކޮށް، ޓޮޓްނަމް މެޗު ނެގުމަށް މަސައްކަތްކުރުން ކަމަށެވެ.
އެފަދަ ވިސްނުމެއްގައި މަސައްކަތްކުރުމުގެ ނަތީޖާއަކަށްވީ، މި މެޗުން ހޯދި ބޮޑު ކާމިޔާބީކަން އާޓެޓާ ފާހަގަކުރިއެވެ.
އާޓެޓާ ބުނީ، އާސެނަލްގެ ކުޅުންތެރިން މެޗުގައި ވެސް، އަދި މެޗަށް ތައްޔާރުވުމުގައި ވެސް ކަންތައްތައް ކުރަނީ ވަޒީފާއެއް އަދާކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި، ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރަނީ، މިއީ ތިމަންނަގެ އަމިއްލަ ޓީމެއްކަން ދަނެ، ޓީމުގެ ހައްގުގައި، ޓީމުގެ ސަޕޯޓަރުންގެ ހައްގުގައި، ޓީމަށް ކާމިޔާބީ ހޯދައިދިނުމުގެ ވަރުގަދަ ރޫހެއްގައި ކަމަށެވެ.
ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗާ އާސެލަން ކުރިމަތިލިއިރު، ވުލްވްސް އަތުން ވީ ބައްޔާއެކު ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް އައީ އަމާޒުވަމުންނެވެ. އެގޮތުން ފާއިތުވީ ސީޒަންތަކެކޭ ވެސް އެއްފަދައިން، މި ސީޒަނުގައި ވެސް ފަހުވަގުތު އާސެނަލްއިން ޓައިޓަލް ރޭހުން ފަހަތަށް ޖެހި އެހެން ޓީމުތަކަށް އެ ފުރުސަތު ދޭނެކަމަށް ބުނެ އައީ ފާޑުކިޔަމުންނެވެ.
މެޗުން އާސެނަލް ހޯދި މޮޅާއެކު އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 28 މެޗުން 61 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް މެންޗަސްޓަރ ސިޓީއަށް އެއް މެޗު މަދުން ކުޅެ 56 ޕޮއިންޓު ލިބިފައިވާއިރު، ލީގު ޓައިޓަލް ހޯދުމަށް އެންމެ ބޮޑު ވާދައެއް ކުރަމުން ދަނީ ވެސް މި ދެ ޓީމުންނެވެ. މި ދެ ޓީމަށް ވެސް ލީގު ހޯދުމަށްޓަކައި، ލީގުގައި ބާކީ އޮތް ހުރިހާ މެޗެއް ވެސް މޮޅުވުން މުހިންމެވެ.
އޭގެ ތެރޭގައި އަންނަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ކުޅޭ މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދާ މެޗެއް ވެސް ހިމެނެއެވެ.