ޚަބަރު

4 ރަށަކަށް ބޭނުންވާ ޖަނަރޭޓަރުތައް ރާއްޖެ ގެނެސްފި


  • 2 ދުވަހެއްގެ ތެރޭގައި މިރަށްތަކަށް ޖެނެރޭޓަރުތައް ފޯރުކޮށްދެވޭނެ

  • މިރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ލިބޭނެ

ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، 4 ރަށަކަށް ބޭނުންވާ ޖަނަރޭޓަރު ސެޓުތައް ރާއްޖެ ގެނެސްފިއެވެ.

ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އެކުންފުނިން އަަންނަނީ ރަށްރަށަށް ބޭނުންވާ ޖަނަރޭޓަރުތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެމުންނެވެ.

ފެނަކައިން އެންމެފަހުން ގެނެސްފައިވާ ޖަނަރޭޓަރުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ލ.އިސްދޫ، ލ.ދަނބިދޫ، ބ.ކެންދޫ އަދި ހއ.ކެލާއަށެވެ. ލ.އިސްދޫއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. ލ.ދަނބިދޫއަށް 400 ކިލޯވޮޓް، ބ.ކެންދޫއަށް 600 ކިލޯވޮޓް އަދި ހއ.ކެލާއަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ.

ފެނަކައިން މައުލޫމާތުދޭގޮތުގައި މީގެ ތެރެއިން 2 ޖެންސެޓް ރަށްރަށަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އިތުރު ދެ ޖެންސެޓް މާލެ ގެނެސް ކްލިއަރ ކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ.

ފެނަކައިން ވިދާޅުވީ ލ. ދަނބިދުއަށް ގެންދާ ޖެންސެޓާއި ލ.އިސްދުއަށް ގެންދާ ޖެންސެޓް އެރަށްރަށަށް ފޮނުވުމަށް މިހާރު ތައްޔާރުވެފައިކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި މި ރަށްތަކަށް ޖެންސެޓުތައް ފޯރުކޮށްދެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ކެލާއަށާއި ކެންދޫއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެ ޖެންސެޓް މިއަދުގެ ވަގުތެއްގައި ކްލިއަރކުރެވ،ި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެރަށްރަށަށް ފޮނުވުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ.

މި 4 ރަށަށް ޖެނެރޭޓަރު ސެޓުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، މި ރަށްތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދަތި ކަމަކީ ކަރަންޓުގެ ޚިދުމަތް އެންމެ އެދެވޭގޮތުގައި ނުލިބުން ކަމަށް އެ ރަށު ކައުންސިލުތަކުން ވިދާޅުވެއެވެ. ގިނައިން ކަރަންޓު ކެނޑިގެންދިޔުމާއި، ވަކި މީޓަރުތަކަކުން ކަރަންޓު ބޭނުންނުކުރެވުމާއި، ފެންލީކުވުން ފަދަ މައްސަލަތް މި ރަށްތަކަށް ދިމާވެފައިވާއިރު، އާންމު ރައްޔިތުންނަށާއި މުއައްސަސާތަކައް މީގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ލިބޭކަމަށް މި 4 ރަށުގެ ކައުންސިލުންވެސް ވިދާޅުވެއެވެ. އެހެން މަސްތަކާއި ޚިލާފަށް ރަމަޟާންމަހަކީ ކަރަންޓުގެ ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާއިރު، ކަރަންޓުގެ މައްސަލަތައް ދިމާވުމަކީ ރައްޔިތުންނަށް ދަތިތައް ކުރިމަތިވާކަމެއްކަމަށްވެސް އެ ކައުންސިލްތަކުން މައުލޫމަތުދެއްވައެވެ.

މިމައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި 4 ރަށަށް ފޯރުކޮށްދޭ މި ޖެނެރޭޓަރު ސެޓުތަކުގެ ސަބަބުން މި ރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ފެނަކައިން ލަފާކުރައްވައެވެ. ފެނަކައިން ދަނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތްތައް ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.