ޚަބަރު

ދިވެހި ފުޓުބޯޅައިގެ ފެންވަރު މަތިވެއްޖެ، އުފާކުރަންޖެހޭ: މާޒިޔާގެ ކޯޗު


  • މާޒިޔާއާއި ނިއު ބައްދަލުކުރި ސެމީ ފައިނަލް މެޗުގައި މާޒިޔާ މޮޅުވީ ޕެނަލްޓީ ޖަހައިގެން

  • ފައިނަލުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބު

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅުވެ، ފެންވަރު މަތިވެއްޖެ ކަމަށާއި މިއީ ނުހަނު އުފާކުރަންޖެހޭކަމެއް ކަމަށް، ދިވެހި ފުޓުބޯޅައިގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމުގެ ކޯޗު، ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ސެމީ ފައިނަލުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން މޮޅުވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ލުއިސްމާ ބުނީ، ޕްރެޒިޑެންޓްސް ކަޕުގައި މިހާރު ކުޅެމުންދާ ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއް ކަމަށާއި، މިއީ ޕްރެޒިޑެންޓްސް ކަޕާއި، ދިވެހި ފުޓުބޯޅައާއި ޤައުމީ ޓީމަށް ވެސް ނުހަނު އުފާވެރި ކަމެއް ކަމަށެވެ.

"މާޒިޔާއިން ދެވަނަ ހާފު ފެށީ ރަނގަޅަށް. އެކަމަކު ނިއުއިން ގޭމް ޕްލޭނަށް ބަދަލުތަކެއް ގެނެސް، ހަތަރު ސްޓްރައިކަރުން ލައިގެން ކުޅެން ފެށި ހިސާބުން އުނދަގޫތަކެއްވެ ލަނޑުތަކެއް ވަނީ. ފަހުން އެ ބަދަލަށް މާޒިޔާ ވެސް ހޭނި ކުޅެމުންދިޔައީ. ޕެނަލްޓީ ޖަހައިން މި މޮޅުވީ. އެކަމަކު މިއިން އަންގައިދެނީ ކުލަބުތަކާއި ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރު މަތިވިކަން. މިއީ މި މުބާރާތަށް ވެސް އުފާވެރި ޚަބަރެއް. ރަނގަޅު މެޗެއް. ރަނގަޅު ޓީމުތަކެއް. ކުރިއަށް ޤައުމީ ޓީމުގެ މެޗުތަކެއް ވެސް ހުރިއިރު މިއީ ޤައުމީ ޓީމަށް ވެސް އުފާވެރި ޚަބަރެއް. ޖުމްލަ ގޮތެއްގައި މިއީ ރާއްޖޭގެ ފުޓުބޯޅައަށް އައި ކުރިއެރުމެއް". ކޯޗު ލުއިސްމާ ހެނާންޑޭޒް ބުންޏެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރަމުންދާކަމަށް މާޒިޔާގެ ކޯޗު ބުނިއިރު، މީގެ އަހަރުތަކެއް ކުރިން މާޒިޔާއިން ގެންދިޔައީ ފަސޭހަކަމާއެކު މެޗުތަކުން މޮޅުވަމުންނެވެ. ރަނގަޅު މެނޭޖްމަންޓެއްގެ ދަށުން، ހަރުދަނާ، ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރި މާޒިޔާއިން މަޑުމަޑުން ދިވެހި ފުޓުބޯޅައިގެ ގަދަ ބާރަށްވިއިރު، އެ ޓީމާ ޗެލެންޖު ކޮށްލެވޭ ވަރު ޓީމެއް ވެސް ފާއިތުވީ އަހަރުތަކުގެ ތެރޭގައި ނެތެވެ.

އެހެންނަމަވެސް މިހާރު ކޮންމެ މެޗަކަށް ވެސް މާޒިޔާ ނުކުންނަނީ މިއީ ޗެލެންޖެއްކަން ދަނެގެންނެވެ. ފަސޭހަކޮށްލައިފިނަމަ ނުވަތަ އާދައިގެ ކުޅުމެއް ދައްކައިފިނަމަ ބަލިވުމުގެ ފުރުސަތު އޮތްކަން ދަނެގެންނެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް މާޒިޔާއިން ތައްޔާރުވަމުން އަންނައިރު، ސެމީ ފައިނަލާ ހަމައަށް ދިޔައިރު ވެސް ޓީމުގައި އަނިޔާގެ މައްސަލަތަކާއި ފިޓްނަސްގެ މައްސަލަތައް ހުރިކަން ކޯޗު ލުއިސްމާ ހާމަކުރިއެވެ. އަދި އެކަންކަން ކުރިމަތިވެފައިވާ ކުޅުންތެރިން، އެއިން ރިކަވާވުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ފައިނަލް މެޗަށް އެ ކުޅުންތެރިން ފިޓުވާން މަސައްކަތްކުރާނެކަމަށް އޭނާ ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގެ ޖާގައެއް މާޒިޔާއިން ހޯދީ ސެމީ ފައިނަލުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި ލީޑެއް ނެގި ނަމަވެސް، ދެވަނަ ހާފުގައި ނިއުއިން ވެސް ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ޕެނަލްޓީގައި ނިއުގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ. މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ދެ ސޭވް އެއް ޕެނަލްޓީގައި ކޮށްފައެވެ. ކޯޗު ލުއިސްމާ ވަނީ މެޗުގައި ހުސެއިން ދެއްކި މޮޅު ކުޅުމަށް ތައުރީފުކޮށް، ޝުކުރު އަދާކޮށްފައެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރެއެވެ. މި މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބެވެ. އޮޑިން ފައިނަލަށް ދަތުރުކުރީ ސެމީގެ ދެވަނަ މެޗުގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ.