ބޭނުމީ ޕްރެޒިޑެންޓްސް ކަޕް 2026 ގެ ފައިނަލްގައި ރަނގަޅު ގޭމެއް ކުޅެ މުބާރާތް ކާމިޔާބުކުރުން ކަމަށް އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.
ފައިނަލްގައި އަންގާރަ ދުވަހުގެރޭ އޮޑި ސްޕޯޓްސް ކުލަބު ނިކުންނާނީ ސީޒަނުގައި ބަލިނުވެ ރިކޯޑު ދަމަހައްޓަމުން އަންނަ ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ދެކޮޅަށެވެ.
މާޒިޔާއިން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރާ އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދީ ހޮނިހިރުދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި 2-0 ން ބުރު ސްޕޯޓްސް ކުލަބު އަތުން މޮޅުވެގެންނެވެ.
އެ މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އޮޑީގެ ކޯޗު ގާސިއާ ބުނީ ބުރާ ދެކޮޅަށް ކުޅުނީ "ސޭފް ގޭމެއް" ކަމަށާއި، އޮޑީގެ ކުޅުންތެރިންގެ ކުޅުނީ އިތުބާރާއި އެކުގައި ކަމަށެވެ. އަދި އެޓީމުގައި ތިބީ ކޮލިޓީ ކުޅުންތެރިންތަކެއް ކަމަށެވެ.
ފުރަތަމަ ދެ މެޗުވެސް ދިޔައީ އުނދަގޫކޮށް ކަމަށާއި، އެހެންނަމަވެސް ސެމީފައިނަލްގައި ކުޅުނު މެޗުގައި ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ގާސިއާ ބުންޏެވެ. އުންމީދަކީ ޕްރެސިޑެންޓްސް ކަޕްގެ ތަށި ކަމަށާއި، މާޒިޔާއާއި ދެކޮޅަށް ރަނގަޅު ގޭމެއް ކުޅެ އޮޑިއަށް ތަށި ހޯދިދާނެ ކަމަށް ދެކޭ ކަމަށްވެސް ގާސިއާ ބުންޏެވެ.
ދެން މާޒިޔާއާއި އެކު ފައިނަލެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބިދާނެ ކަމަށާއި، އެހެންކަމުން މިއީ ވަރުގަދަ ޓީމަކާއި ވާދަކުރެވިދާނެކަން ދައްކަންވީ ވަގުތު ކަމަށްވެސް އޭނާ ބުންޏެވެ.
އޮޑިން ޕްރެސިޑެންޓްސް ކަޕްގެ ސީދާ ޖާގައެއް ހޯދީ، ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަގާމު ހޯދައިގެންނެވެ. ޕްރިމިއާ ލީގުގެ ފައިނަލްގައިވެސް އޮޑި ނިކުތީ މާޒިޔާއާއި ދެކޮޅަށެވެ. ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގައި އަލަށް ވާދަކުރަމުން އަންނަ އޮޑިން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.