މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައިއެމްސީއެސް" ޕޯޓަލް ބޭނުން ކުރަން ފަށައިފިއެވެ.
ކަރެކްޝަނަލް ސަރވިސްއިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކާއި ގައިދީންނާއި ގުޅޭ އެކި ކަންކަން އެއްވިއުގައަކުން ގުޅާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން ގިނަ ޚިދުމަތްތަކެއް ވަނީ އިފްތިތާހުކޮށްފައެވެ.
ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިސްތިރާޖީ އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކުރީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މީގެ ތެރެއިން މައި އެމްސީއެސް ޕޯޓަލް މިހާރު މިވަނީ ބޭނުންކުރަން ފަށާފައެވެ.
"މައިއެމްސީއެސް" ޕޯޓަލްއަކީ ކުރިން ބޭނުންކުރަމުންދިޔަ އީ-ސަރވިސް ޕޯޓަލްގެ އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއްކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ. "މައިއެމްސީއެސް" ޕޯޓަލްއަށް އީ-ފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށްފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެއެވެ. އަދި މި ޕޯޓަލް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވުމުން، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް އަވަސްވާނެއެވެ.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މިޕޯޓަލްއަކީ ކުރިމަގުގައި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މީގެއިތުރުން އެމުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތުގެ ދަށުން އިފްތިތާހުކޮށް ބޭނުން ކުރަން ފަށާފައިވާ ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމްގެ ސަބަބުން އެ ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ މައުލޫމާތުތައް މަރުކަޒީ ނިޒާމަކުން ބެލެހެއްޓުމާއި އެ މީހުންނާ ގުޅުންހުރި ހުރިހައި މަޢުލޫމާތުތަކެއް އެއް ވިއުގައަކުން ފެންނަން ހުރުމާއެކު، މަޢުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބި، ކޯޓުތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ޚިދުމަތް ފަދަ ކަމާއިގުޅުން ހުރި އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވޭނެ ކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އަވަސްވާނެކަމަށާއި އަދި މިނިޒާމުގެ ތެރެއިން ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ މެޑިކަލް އަދި ޕަރސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ކަރެކްޝަންސްގެ އިސްތިރާޖީ އެކްޝަން ޕްލޭންގެ ސަބަބުން އެތަނުގެ މަސައްކަތްތައް ތަރުތީބުވެ ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދާނެއެވެ. އަދި އޮފިސަރުންނާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބޭނެކަމަށް ވިދާޅުވިއެވެ.