ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި މިރޭ ޕާކިސްތާނާއި ނިއުޒީލޭންޑް ކުޅެން އޮތް މެޗު އެންމެ ފަހުން ކެންސަލް ކޮށްފި އެވެ.
ސްރީލަންކާގެ ރަނަސިންހާ ޕްރެމަދާސާ ސްޓޭޑިއަމުގައި ކުޅެން އޮތް މުބާރާރުގެ ގަދަ އަށެއްގެ ފުރަތަމަ މެޗަށް ވާރޭ އޮއްސާލީ މެޗުގެ ޓޮސް ވެސް ކޮށްނިމުނު ފަހުންނެވެ. މެޗުގެ ޓޮސް ދިމާވީ ޕާކިސްތާނަށެވެ. އެ މީހުން ގަސްތު ކުރީ ބެޓް ކުރާށެވެ.
ނަމަވެސް އެންމެ ބޯޅައެއް ވެސް ނުކުޅެވި މެޗު ކެންސަލް ކުރުމުން ދެ ޓީމަށް ވެސް ލިބިފައިވަނީ ޕޮއިންޓެކެވެ. މީގެ ސަބަބުން މުބާރާތުގެ ގަދަ ސެމީ ފައިނަލަށް ދިއުމަށް ދެ ގައުމަށް ވެސް ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކުރަން ޖެހޭނެ އެވެ. ލަންކާ އަށް މިދުވަސްވަރު ވިއްސާރައިގެ އަސަރު ކުރި ނަމަވެސް މިއަދު މެންދުރ ފަހާ ހަމައަށް މޫސުން އޮތީ ރަނގަޅަށެވެ.
އިންޑިޔާ އާއި ލަންކާގައި މިހާރު ކުރިއަށްދާ މުބާރާތުގައި ގަދަ އަށެއްގައި ގްރޫޕް އޭގައި ހިމެނުނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އިންޑިޔާ އާއި ޒިމްބާބުވޭ އާއި ވެސްޓް އިންޑީޒް އާއި ދެކުނު އެފްރިކާ އެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާނާއި މުބާރާތް ބާއްވާ އަނެއް ގައުމު ކަމަށްވާ ސްރީލަންކާ އާއި އިނގިރޭސިވިލާތާއި ނިއުޒީލޭންޑެވެ.
މުބާރާތުގެ ގަދަ އަށެއްގފުރަތަމަ މެޗު ކެންސަލް ވުމުން ޕާކިސްތާން ދެ ވަނަ މެޗުގައި ނުކުންނާނީ އިނގިރޭސިންނާ ދެކޮޅަށެވެ. ނިއުޒިލޭންޑް ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ޕާކިސްތާނުގެ ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ލަންކާގެ ފުރަތަމަ މެޗުގައި ކުޅޭނީ އިނގިރޭސިންނާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މާދަމާ އެވެ.
އިންޑިޔާ ގަދަ އަށެއް ފަށާނީ ދެކުނު އެފްރިކާގެ މެޗުންނެވެ. މިއަށްފަހު ޒިމްބާބުވޭ މެޗު ކުޅުމަށްފަހު ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ވެސްޓް އިންޑީޒާ ދެކޮޅަށެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.