ކުޅިވަރު

ފުރަތަމަ 11ގެ މައްސަލާގައި ސަޕޯޓަރުން ރުޅިގަދަ ވެއްޖެ


ނިއުޒީލޭންޑާ ދެކޮޅަށް ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ޕާކިސްތާނުން ނެރޭނެ ފުރަތަމަ 11ގެ މައްސަލާގައި ސަޕޯޓަރުން ރުޅިގަދަވެއްޖެ އެވެ.

ޕާކިސްތާނުގެ ގިނަ ސަޕޯޓަރުން ބޭނުންވަނީ ސްރީލަންކާގައި ކުޅޭ މި މެޗުގައި އިތުބާރު ބެޓްސްމަން ފަހްރުއްޒަމާން ހިމެނުމަށެވެ. މި މުބާރާތުގެ ޓީމުގައި އޭނާ ހިމެނުނަސް ފުރަތަމަ މެޗު ފިޔަވައި ފަހްރުއްޒަމާނަށް 11އިން ފުރުސަތު ދީފައި ނުވެ އެވެ.

ޕާކިސްތާން ސަޕޯޓަރުން ބޭނުންވަނީ ކުރީގެ ކެޕްޓަން ބާބަރް އަޒަމްގެ ބްދަލުގައި ފަހްރުއްޒަމާން ޓީމުގައި ހިމެނުމަށެވެ. ނަމަވެސް ޕާކިސްތާނުން ޓީމުން ވިސްނާ ގޮތުގައި ބާބަރް އަޒަމް އަކީ މެދުތެރެއިން ކުޅެން އަރުވަން އެންމެ ރަނގަޅު ކުޅުންތެރިޔާ އެވެ. އޭނާ އަށް ވެސް މި މުބާރާތުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. ނަމަވެސް ޕާކިސްތާން ޓީމުން ވިސްނަނީ ފުރަތަމަ ހަތަރު ބެޓްސްމަނުންގެ ތެރޭގައި ބާބަރް ކުޅެން ނުނެރެ މެދުތެރެއިން އޭނާ އަށް ކުޅުމުގެ ފުރުސަތު ދޭށެވެ.

"އަހަރުމެންގެ ވިކެޓްތައް މިދިޔަ ހަތަރު މެޗަށް ބަލާއިރު ލަފާކުރިވަރަށްވުރެ އަވަހަށް ނުބައިވެއްޖެ. އަދި ބާބަރަށް ވެސް ހަތަރެއްގެ ތެރޭގައި ނުކުމެ އެކަށީގެންވާ ވަރަށް ސްކޯ ނުކުރެވުނު. އެހެންވީމާ އަހަރުމެންނަށް އެންމެ ބޮޑަށް ވިސްނެނީ މެދުތެރެއިން އޭނާ ފަދަ ކުޅުންތެރިއަކށް ފުރުސަތު ދީފިނަމަ ސްކޯ ކުރާވަރު ރަނގަޅު ވާނެ ކަމަށް،" ޕާކިސްތާން ޓީމުގެ ކޯޗު މައިކް ހެސެން ބުންޏެވެ.

މިއަދު އިރުއޮއްސޭއިރު ފަށާ މެޗުގައި ޕާކިސްތާނުގެ ބާރު އުކުންތެރިޔާ ޝާހީން ޝާހް އަފްރީދީ އަށް ވެސް ކުޅުމުގެ ފުރުސަތު ނުދޭނެ ކަމަށް ބެލެވެ އެވެ. ގްރޫޕް ސްޓޭޖުގައި ނެމީބިއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުން ބާކީ ކުރި ޝާހީންގެ ބަދަލުގައި ޓީމުގައި ހިމަނާނީ ސަލްމާން މިރްޒާ އެވެ. އޭނާގެ އުކުން މާބޮޑަށް ވެސް ފުރިހަމަ ކަމަށް އެންމެން ވެސް ދަނީ އެއްބަސްވަމުންނެވެ.