ޚަބަރު

އެމެރިކާއިން ދީފާނެ ޙަމަލާއަކަށް އީރާނުން ދަނީ ފުރިހަމައަށް ތައްޔާރުވަމުން


އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން ކުރަމަުންދާ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބޭނަމަ އީރާނަށް ޙަމަލާ ދޭނެ ކަމުގެ އިންަޒާރު އެމެރިކާއިން ދަނީ ތަކުރާރުކޮށް ދެމުންނެވެ. އެ ފަދަ ޙާލަތަކަށް ތައްޔާރުވުމަށް އެމެރިކާއިން މި ދަނޑުވަޅުގައި ދަނީ މެދުއިރުމައްޗަށް ސިފައިންނާއި ހަތިޔާރު ޖަމާ ކުރަމުންނެވެ. ނަމަވެސް އެމެރިކާއެކޭ އެއްގޮތަށް އީރާނުން ވެސްަ ދަނީ އެމެރިކާއިން ދީފާނެ ޙަމަލާއަކަށް ތައްޔާރުވެ ދިފާޢުތައް ވަރުގަދަކޮށް، ޙަމަލާ ދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކުރަމުންނެވެ.

އެމެރިކާއާއި އީރާނާ ދެމެދު ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު ސްވިޒަލެންޑުގެ ޖެނީވާގައި ނުސީދާ މަޝްވަރާތައް ބާއްވާފައިވެއެވެ. ނަމަވެސް ތިން ގަޑިއިރާއި ބަޔަށް ދެމުގެން ދިޔަ މި މަޝްވަރާތައް ނިންމާލާފައި ވަނީ އެއްބަސްވުމަކާ ހަމައަށް ނާދެވިއެވެ. އީރާނުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި އެ ޤައުމުގެ ޚަރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވީ ދެ ފަރާތުން ވެސް “ގައިޑިންގ ޕްރިންސިޕަލް”ތަކެއްގެ މައްޗަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރަސްނުކުރެވޭނެ ރަތް ރޮނގުތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބައެއް ކަންކަމަށް އީރާނުން ސަމާލުކަން ދީފައި ނުވާ ކަމަށެވެ.

ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިން މި ހަފްތާ ބަންދުގެ ތެރޭގައި އީރާނަށް ޙަމަލާ ދިނުމަށް ތައްޔާރުވާނެ ކަމަށް ވައިޓް ހައުސްއަށް ވަނީ އަންގާފައެވެ. އީރާނަށް ހަނގުރާމައިގެ ނުރައްކާ އޮތްއިރު، އެ ޤައުމުން ވެސް ދަނީ ފަހަތަށް ނުޖެހި އެ ފަދަ ޙާލަތަކަށް ތައްޔާރުވަމުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހު ޔަހޫދީންނާއި އެމެރިކާއިން އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި ގެއްލުން ލިބުނު ނިއުކްލިޔަރ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތައް މަރާމާތު ކުރުމުގެ މަސައްކަތް އީރާނުން ކުރާތާ މަސްތަކެއް ވަނީ ވެފައެވެ. އީރާނުން ވަނީ ޤައުމީ ސަލާމަތާ ބެހޭ އިދާރާތަކަށް ކުރީގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ތަޖުރިބާކާރު އޮފިސަރުން ޢައްޔަނުކޮށްފައެވެ. އަދި ޕާސިއަން ގަލްފުގައި ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން އަސްކަރީ ފަރިތަކުރުންތައް ހިންގައި، ޤައުމުގެ އެތެރޭގެ ހަމަނުޖެހުންތަކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ ޤައުމުގެ ވަރުގަދަ މިސައިލް މަޝްރޫޢުއާ ގުޅޭ މަޢުލޫމާތުތައް ވެސް ވަނީ އިތުރަށް ސިއްރުކުރަމުންނެވެ.

ގެއްލުން ލިބިފައިވާ މަރުކަޒުތައް މަރާމާތުކުރުން

ސެޓެލައިޓް ފޮޓޮއިން ފެންނަ ގޮތުގައި ޔަހޫދީންގެ ޙާމަލާތަކުގައި ގެއްލުން ލިބިފައިވާ މުހިންމު އަސްކަރީ މަރުކަޒުތައް އީރާނުން ވަނީ ހަލުވިކަމާއެކު މަރާމާތުކޮށް އާރާސްތުކޮށްފައެވެ. އެ ގޮތުން ޚުއްރަމްއާބާދުގައި ހުންނަ އިމާމް ޢަލީ މިސައިލް މަރުކަޒުގައި ސުންނާފަތިވެފައި ހުރި އިމަރާތްތައް މިހާރު ވަނީ އަލުން މަރާމާތުކޮށް ނުވަތަ އަލުން އިމާރާތްކޮށްފައެވެ. އަދި އިތުރު އިމާރާަތްތައް އެ ސަރަޙައްދުގައި ދަނީ އަޅަމުންނެވެ. އެއާއެކު އެ މަރުކަޒު މެދުވެރިކޮށް އީރާނަށް އަދިވެސް މިސައިލް ޙަމަލާ ދިނުމުގެ ޤާބިލުކަން ވަނީ ލިބިފައެވެ. ޠަބްރީޒުގައި ހުންނަ ދެ މިސައިލް މަރުކަޒު ހިމެނޭ ގޮތަށް އެކި މިސަައިލް މަރުކަޒުތަކުގައި ގެއްލުން ލިބިފައިވާ ރަންވޭ ތަކާއި ބިންގަރާސްތަކާއި އެހެނިހެން އިމާރާތްތަކާއި ސަރަޙައްދުތައް އީރާނުން އަލުން މަރާމާތުކޮށްފައިވެއެވެ. ހަމާދާން ވައިގެ މަރުކަޒުގެ ބޮން އަޅާފައިވާ ސަރަޙައްދާއި އަސްކަރީ މަތިންދާ ބޯޓުތައް ބަހައްޓާ ސަރަޙައްދު ވެސް ވަނީ މަރާމާތުކޮށްފައެވެ. ޝަހްރޫދުގައި ހުންނަ އީރާނުގެ ސޮލިޑް ޕްރޮޕެލަންޓް މިސައިލް އުފައްދާ ސައިޓު ވެސް ވަނީ ހީނުކުރާ ފަދަ ހަލުވި މިނުގައި އަލުން އިމާރާތްކޮށް ނިންމާލައިފައެވެ. އެއާއެކު ހަނގުރާމައިގެ ކުރިން އެ މަރުކަޒުގައި މިސައިލް އުފައްދަމުން ދިޔަ ނިސްބަތަށް ވުރެ ހަލުވިކަމާއެކު މިސައިލް އުފެއްދުމުގެ ޤާބިލުކަން އީރާނަށް މިހާރު ލިބިފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނިއުކްލިޔަރ މަރުކަޒުތަކުގެ ދިފާޢު ވަރުގަދަކުރުން

އިރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިދާނެ ކަމަށް އެ ޤައުމުން އިޝާރާތް ކުރި ނަމަވެސް، އީރާނުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތައް ހިމާޔަތްކޮށް ދިފާޢު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސެޓެލައިޓު ފޮޓޮއިން ދައްކާ ގޮތުަގައި ސިމެންތިއާއި ވެެލި ބޭނުންކޮށް ނިއުކްލިޔަރ މަރުކަޒުތައް ވަރުގަދަކޮށް ފޮރުވުމަށް އީރާނުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަޠަންޒް ކައިރީގައި ބިމު އަޑީގައި އޮންނަ ޕިކްއެކްސް ފަރުބަދަ ކޮމްޕްލެޒްގެ ދޮރާށިތައް ކޮންކުރީޓު ބޭނުންކޮށްގެން ވަރުގަދަކުރަމުންދާ ކަމަށް ފެންނައިރު، އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ އިމާރާތް ކުރުމަށް ބޭނުންކުރާ މެޝިންތައް ހުރިކަން ފާހަގަވެއެވެ. ޕާޗިން ކޮމްޕްލެކްސްގައި ހުަންނަ ޓޭލްޣަން 2 ފެސިލިޓީ ވެސް ވަނީ ކޮންކުރީޓު ބޭނުންކޮށް ބަންދުކޮށް، ވެލި އަޅައި ފޮރުވާލައިފައެވެ. އޭގެ އިތުރުން އިސްފަހާން ކައިރީގައި އޮންނަ ސެވެންތު އޮފް ޓަރ ކޮމްޕްލެކްސްގައި ގެއްލުން ލިބިފައިވާ އިމާރާތްތައް އަލުން އިމާރާތްކޮށްފައިވާ ކަމަށް ފޮޓޯތަކުން ދައްކައެވެ. އެ މަރުކަޒަކީ ނިއުކްލިޔަރ މަސައްކަތަށް ޔުރޭނިއަމް މުއްސަނދި ކުރުމަށް ބޭނުންކުރާ ސެންޓްފިޔުޖްގެ ބައިތައް އުފެއްދުމަށް ބޭނުންކުރާ މަރުކަޒެކެވެ. މި މަރުކަޒުތައް އަލުން ބިނާ ކުރަމުންދާ ހަލުވި މިނާއި އެ މަސައްކަތުގެ ބޮޑު މިނުން ދައްކުވައިދެނީ ހީކުރި ވަރަށް ވުރެ މާ އަވަހަށް އީރާނުން އެ ޤައުމާ ދެކޮޅަށް ޖޫން މަހު ދިން ޙަމަލާތަކުން އަރައިގަނެފައިވާ ކަމާއި، އެ ޤައުމުގެ މިސައިލް ޤާބިލުކަން ހަލުވިކަމާއެކު ކުރިއަރުވަމުންދާ ކަން ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް

ޖޫން މަހުގެ ހަނގުރާމައިގެ ސަބަބުން އީރާނުގެ ސަރުކާރާއި ނިންމުންތައް ނިންމުމުގެ ނިޒާމުގައި ހުރި ބައެއް ބަލިކަށި ކަންކަން ވަނީ ފާހަގަވެފައެވެ. އެ ގޮތުން ހަނގުރާމަ ފަދަ ނުތަނަަވަސް ޙާލަތްތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީއާ މުއާމަލާތު ކުރުމަށް ދަތިވުން ހިމެނެެއެވެ. އެއާއެކު އީރާނުން މިހާރު ވަނީ އެ ޤައުމުގެ އެންމެ މަތީ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލް އިތުރަށް ވަރުގަދަކޮށް، ހަނގުރާމައާ ބެހޭ އައު ކައުންސިލެއް އުފައްދާފައެވެ. އެ ކައުންސިލްގެ އިސްވެރިޔާގެ ގޮތުގައި ޢައްޔަނުކޮށްފައި ވަނީ އީރާނުގެ އިންޤިލާބީ ފައުޖުގައި މަސައްކަތް ކުރެއްވި ތަޖުރިބާކާރު އޮފިސަރެކެވެ. މި ކަންކަމުން ވެސް ދައްކުވައިދެނީ އެމެރިކާއިން ޚާމަނާއީ ހިމެނޭހެން ސަރުކާރުގެ އިސް ބޭފުޅުން އަވަހާރަކޮށްލަން ދީފާނެ ޙަމަލާއަކަށް އީރާނުން ވަރަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި މި ތައްޔާރީތަކަކީ ޚާމަނާއީއަށް ޒިންމާ ޢަދާ ނުކުރެވޭ ޙާލަތުގައި ނުވަތަ އޭނާ އަވަހާރަވެއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތަކަށް ތައްޔާރުވުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ވެސް ޤަބޫލުކުރެވެއެވެ.

ދާޚިލީ ހަމަނުޖެހުންތައް

ސަރުކާރާ ދެކޮޅަށް އީރާނުގައި ހިންގަމުންދާ ޙަރަކާތްތަކާ މެދު އީރާނުން މިހާރު ޢަމަލުކުރަމުން ދަނީ ވަރަށް ހަރުކަށިކޮށެވެ. ހަނގުރާމައިގެ ޙާލަތު ކުރިމަތިވެއްޖެ ނަމަ ސަރުކާރު ވެއްޓުމުގެ ފުރުޞަތު އޮތުމަކީ އެ ކަމާ މެދު އީރާނުން ދުރާލާ ވިސްނާ ފިޔަވަޅު އަޅަމުންދާ ކަމެކެވެ. މިދިޔަ މަހުގެ ތެރޭގައި ސަރުކާރާ ދެކޮޅަށް އެ ޤައުމުގައި ކުރި މުޒާހަރާތައް ނިމުމަކަށް ގެނައުމަށް ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެ ހަމަނުޖެހުންތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވެއެވެ. ސަރުކާރުން ވަނީ އެ މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ޔަހޫދީންގެ އޭޖެންޓުން ހިމެނޭ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ސަރުކާރުގެ ތެރޭގައި ހިމެނޭ ބައެއް އިސް ބޭފުޅުން ވެސް ވަނީ ޤައުމުގެ އެއްބައިވަންތަކަމަށް ބުރޫ އަރުވަމުންދާ ކަމަށް ތުހުމަތުކޮށް މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކޮށްފައެވެ.

ހަނގުރާމަމަތީ ތަމްރީނުތައް

އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށް ދިޔަ އިރު އީރާނުން ދިޔައީ އެ ޤައުމުގެ ކަނޑުމަތީ ސިފައިންގެ ޑްރިލްތައް ޕާސިއަން ގަލްފުގައި ކުރިއަށް ގެންދަމުންނެވެ. ހުރްމުޒް ކަނޑުއޮޅީގެ ބައެއް ސަރަޙައްދުތައް ވަނީ އަސްކަރީ ފަރިތަކުރުންތައް ބޭއްވުމަށް ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މިއީ މި ފަދަ ގޮތަކަށް ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ފުރަތަމަ ފަހަރެވެ. އެ ގޮތަށް އެ ސަރަޙައްދު ބަންދުކޮށް، އެއް ޤައުމުން އަނެއް ޤައުމަށް ތެޔޮ އުފުލުމަށް ބޭނުންކުރާ މައި މަގަލަށް ބާރު ފޯރުވުމުގެ ޤާބިލުކަން އީރާނަށް ލިބިފައިވާ ކަން އެ ޤައުމުން ވަނީ ހަނދާން ކޮށްދީފައެވެ. އޭގެ އިތުރުން ރަޝިޔާއާއެކު ގަލްފް އޮފް އޮމާންއާއި އިންޑިޔާ ކަނޑުގެ އުތުރުގައި އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އީރާނުން ވަމުންދާ މި ފަދަ ތައްޔާރީތަކުން ދައްކުވައިދެނީ އެ ޤައުމާ ދެކޮޅަށް ކުރާ ހަނގުރާމައަކީ މީގެ ކުރިން ކޮށްފައިވާ ހަނގުރާމަތަކަށް ވުރެ ނުރައްކާތެރި ހަނގުރާމައަކަށް ވާނެ ކަން ކަމަށެވެ. އަދި އެ ފަދަ ހަނގުރާމައެއްގެ ސަބަބުން އެމެރިކާއަށް ލިބޭ ގެއްލުން ކުޑަ ނުވާނެ ކަން ކަމަށެވެ.