ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުތައް ޓީއެފްޓީ އަދި އޭވިއާ މޯލްޑިވްސްއިން ކާމިޔާބިކޮށްފިއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ފުރަތަމަ ވާދަކޮށްފަވަނީ ޓީއެފްޓީއާއި ޕޮލިސް ކުލަބެވެ. ޕޮލިސް ކުލަބުން ޓޮސް ދިމާވެގެން ކުޅެން އަރާ، 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 85 ލަނޑެވެ. މިމެޗުގައި އެޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ 20 ބޯޅަޔަށް 14 ލަނޑު ހެދި ހުސައިން އަޒްހަމް އާއި 9 ބޯޅައަށް 13 ލަނޑު ހެދި އަހުމަދު ޝިރުހާންއެވެ. އޭގެ އިތުރުން އެޓީމުގެ ހަސަން ރަޝީދުވަނީ 1 އޯވަރުގެ ތެރޭގައި 2 ވިކެޓަށް 8 ލަނޑު ހަދާފައެވެ.
ޖަވާބުގައި ޓީއެފްޓީއިންވަނީ ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެންވަނީ 150 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި އެޓީމަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 10 ބޯޅައަށް 35 ލަނޑު ހެދި އާދަމް ނާސިފްއާއި 13 ބޯޅައަށް 32 ލަނޑު ހެދި ޢަބްދުﷲ ޝައްފާންއެވެ. އަދި ޓީއެފްޓީގެ ސައީދު ހަސަން ވަނީ 2 އޯވަރުގެ ތެރޭގައި 2 ވިކެޓަށް 28 ލަނޑު ހަމަކޮށްފައެވެ.
މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި ދެން ވާދަކޮށްފަވަނީ އޭވިއާ މޯލްޑިވްސްއާއި ފިނޮޅެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން މިމެޗުގައި، ޓޮސް ދިމާވެގެން އޭވިއާ މޯލްޑިވްސްއިން ކުޅެން އަރާ، 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ވަނީ 128 ލަނޑު ހަދާފައެވެ.
މިމެޗުގައި އެޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ 8 ބޯޅައަށް 24 ލަނޑު ހަމަކުރި ޔަސީން އަހުމަދުއެވެ. ވާދަވެރިކޮށް ދިޔަ މެމެޗުގައި އޭނާވަނީ ތިން ފަހަރު ހަޔަކަށް އަދި އެއް ފަހަރު ހަތަރަކަށް ޖަހާ ޓީއެފްޓީއަށް މެޗު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމުގެ މުހަންމަދު ސައީދު ވަނީ 2 އޯވަރުގެ ތެރޭގައި 1 ވިކެޓަށް 15 ލަނޑު ހަމަކޮށްދީފައެވެ.
ޖަވާބުގައި ފިނޮޅުން ކުޅެން ނުކުމެ، 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 124 ލަނޑެވެ. މިމެޗުގައި ފިނޮޅަށް އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ 10 ބޯޅައަށް 26 ލަނޑު ހަމަކުރި ހުސައިން ރިމާޒް އަދި 11 ބޯޅައިން 25 ލަނޑު ހެދި ޢަބްދުލްޣަނީއެވެ. އޭނާވަނީ ތިން ފަހަރު ހަޔަކަށް އަދި އެއް ފަހަރު ހަތަރަކަށް ޖަހާފައެވެ. އޭގެ އިތުރުން އެޓީމުގެ އިސްމާއިލް ޒާހީ ވަނީ 1 އޯވަރުގެ ތެރޭގައި 1 ވިކެޓަށް 4 ލަނޑު ހަދާދީފައެވެ.
މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ތިންވަނަ ދުވަހު މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ހަފްލާން އަދި އޯއެފްއެފްޔޫ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މެރީ ކޯނަރ އަދި މީޓިއޯސްއެވެ. މިމުބާރާތުގެ ކުޅުން ކުރިއަށްދަނީ ހަވީރު 04:00 އިން 06:00 އެވެ.
ހަމައެކަނި ދިވެހިންނަށް ވާދަކުރެވޭގޮތަށް ކުރިއަށްގެންދާ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި ޖުމްލަ 13 ޓީމަކުންދަނީ 3 ގްރޫޕެއްގައި ވާދަކުރަމުންނެވެ.