ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ފުޓުބޯޅަ ކުޅޭ ޓީމުތައް މެދުގައި، އެއް ޓީމު އަނެއް ޓީމާ ދެމެދު، ކުޅުމުގެ ފެންވަރާއި ކޮލިޓީއަށް ބަލާއިރު، މީހުން ހީކުރާ ވަރުގެ ބޮޑު ތަފާތެއް ނުހުންނަކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
ޕްރެޒިޑެންޓްސް ކަޕުގައި ކްލަބް އީގަލްސްއާ ވާދަކޮށް މޮޅުވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ސުޒެއިން ބުނީ، ނިއުއާ ދެކޮޅަށް އީގަލްސްއިން ރަނގަޅު ފައިޓެއް ދިން ކަމަށާއި، އެއީ އާދައިގެ ޓީމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
ލީގު ތާވަލުގެ ގަދަ ތިން ޓީމާއި އެހެން ޓީމުތަކާ ދެމެދު ފެންވަރުގައި ވަރަށް ބޮޑު ފަރަގެއް އޮތްކަމަށް ބައެއް ފަރާތްތަކުން ހީކުރި ނަމަވެސް، އެއީ އެކަން އޮތްގޮތް ނޫން ކަމަށާއި، ހަގީގަތުގައި މީހުން ހީކުރާވަރުގެ ބޮޑު ތަފާތެއް ޓީމުތަކުގެ މެޗުގައި ނޯންނަކަމަށް ސުޒެއިން ބުންޏެވެ.
"އީގަލްސްއަކީ ވެސް އާދައިގެ ޓީމެއް ނޫން. މިހާރު މީގަ ވާގޮތަކީ، ނިއުރޭޑިއަންޓް، އޮޑި، މާޒިޔާ ކަހަލަ ޓީމުތަކާ ދެން ތިބި ޓީމެއް ތަފާތު ބޮޑުވާންޖެހޭނެކަމަށް ގަބޫލުކުރެވުނަސް ހަގީގަތުގައި މި ޓީމުތަކަކީ އެހާ ތަފާތު ޓީމުތަކެއް ނޫން. ޓީމުތައް ތަފާތެއް ނުކުރެވޭނެ. ސީރިއަސް މެޗެއްގައި ހަމަ ކޮންމެ ޓީމެއް ވެސް މޮޅުވެދާނެކަހަލަ ޓީމުތައް މިއީ". ދިވެހި ޓީމުތަކުގެ ފެންވަރާ ގުޅޭގޮތުން ވާހަކަދައްކަމުން ސުޒެއިން ބުންޏެވެ.
އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަކީ ނިއުއިން މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ މޮޅުވުން މަޖުބޫރު މެޗެއް ކަމަށާއި އެ މެޗުން މޮޅު ނުވިނަމަ، ނިއުއަށް މުބާރާތް ނިމޭނެކަން ޔަގީންވިސް ކަމަށް ސުޒެއިން ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް މި މެޗުގައި ނިއު މޮޅުވާން މަޖުބޫރު. މޮޅު ނުވެއްޖެއްޔާ ކެޓީ. އެއީ ޔަގީންކަމެއް. ޑްރޯއެއް އައިކަމަށްވީ ނަމަވެސް ނިއުއަށް އެ ފުރުސަތެއް ނޯންނާނެ ސެމީއަށް ދާކަށް. އެހެންވީމަ އެއީ ވަރަށް ބޮޑު ޕްރެޝާއެއް. މިފަހަކަށް އައިސް އަޅުގަނޑު އެންމެބޮޑަށް ވިސްނާލަން ޖެހުނު އެއް މެޗަށްވާނެ މި މެޗު. އެއީ މީގަ ކޮންމެ ގޮތެއް ވިޔަސް މެޗަކުން މެޗަކުން ކުރިއަށް ދެވެން މިއޮތީ. އެއްޗެސް މެޗެއް ގެއްލިއްޖެއްޔާ އެ ދިޔައީ. އެހެންވީމަ އެ ޕްރެޝާ އޮތް". ސުޒެއިން ބުންޏެވެ.
ސުޒެއިން މިހެން ބުނި ނަމަވެސް، އީގަލްސްއާ ކުޅެ އެއްވަރުވި ނަމަވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު ނިއުއަށް އޮތެވެ. އެއީ އޮޑިއާއި އީގަލްސް ބައްދަލުކުރާ މެޗުން އޮޑި ބަލިވި ނަމަވެސް، ނުވަތަ މެޗު އެއްވަރުވި ނަމަވެސް، ނިއުއަށް ކޮންމެވެސް ފުރުސަތެއް އޮންނާނެއެވެ.
އެހެންނަމަވެސް، ސުޒެއިން އެ އިޝާރާތްކުރީ، ފަހު މެޗުގައި އީގަލްސްއާއި އޮޑި ބައްދަލުކުރަން ޖެހުމުން، މެޗު ފިކްސިންގެ ފުރުސަތު އޮތްކަމަށެވެ. މިއީ ދިވެހި ލީގުން ވެލެންސިއާ ރެލިގޭޓުވުމުގައި، ގްރީން ސްޓްރީޓްސް އިން އަމަލުކުރި ގޮތުގެ ސަބަބުން އެ ޓީމަށް ވެސް މެޗު ފިކްސިންގެ ތުހުމަތު ކުރެވޭ ދަނޑިވަޅެކެވެ.
ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ސެމީ ފައިނަލްގެ މެޗުތައް ހުކުރު ދުވަހުވަހުގެރޭ ފެށޭއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ އެއްވަނަ މާޒިޔާއާއި ގްރޫޕް 2 ގެ ދެވަނަ ނިއުރޭޑިއަންޓެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 2 ގެ އެއްވަނަ އޮޑިއާއި ގްރޫޕް 1 ގެ ދެވަނަ ބުރު ސްޕޯޓްސް ކުލަބެވެ.