ޚަބަރު

ރަމަޟާން މަސް ދުނިޔޭގެ އެކި ކަންކޮޅުތަކުން


  • އެކި ޤައުމުތަކުގައި މިމަހަށް މަރުހަބާ ކިޔަނީ އެކި ގޮތްގޮތަށް

ބަރަކާތްތެރި ރަމަޟާން މަހަކީ، މުޅި ދުނިޔޭގެ އިސްލާމީ އުންމަތަށްވެސް ވަރަށް ޚާއްޞަ މަހެކެވެ. ހުރިހައި ޤައުމެއްގައިވެސް ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް ކެއިން ބުއިމުން ދުރުހެލިވެ އެންމެހާ މުންކަރާތްތަކާއި ގޯސް ޢަމަލުތަކުން ސަލާމަތްކަން ހޯދައެވެ. ހުރިހާ ޤައުމެއްގައިވެސް ރޯދަ ހިފުމަށްޓަކައި ފަތިސްވުމުގެ ކުރިން ހާރުވެސް ކައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދެ ބިލިޔަނަށް ވުރެ ގިނަ މުސްލިމުން ދިރިއުޅޭއިރު، ކޮންމެ ޤައުމެއްގައިވެސް ރަމަޟާން މަހު އެ ޤައުމަކަށް ޚާއްޞަ ކަންތައްތަކެއް ކުރެއެވެ. މި މާތް މައްސަރަށް މަރުޙަބާ ކިޔުމާއި، ރޯދަ ހިފުމާއި، އަދި އިޖުތިމާޢީ ކަންކަން ބޭއްވުމުގައި ތަފާތު ސަޤާފީ އާދަކާދަތަކެއް ގެންގުޅެއެވެ.

ސަޢުދީ އަރަބިއްޔާ: ރޫޙާނީ މަރުކަޒު

‎ސަޢުދީ ޢަރަބިއްޔާގައި ރަމަޟާން މަސް ފެށިގެން ދަނީ، އިސްލާމްދީނުގެ ރޫޙާނީ ހިތުގެ ތެރެއިންނެވެ. މައްކާގެ މަސްޖިދުލް ޙަރާމްގައި، މިލިޔަނުން މީހުން ކޮނޑާއި، ކޮނޑު ޖައްސައިގެން ތަރާވީޙް ނަމާދަށް ސަފު ހަދައެވެ. ރޯދަ ވީއްލުމަށްޓަކައި ކަނދުރާއި، ފެން ބަހަނީ ނިމުމެއް ނެތް ދިގު ސަފުތަކެއްގައެވެ. އޭގެ ބޮޑުމިނަކީ ހައިރާންކުރުވަނިވި، ނަމަވެސް ނުހަނު މަޑުމޮޅިކަން ގެނުވައިދޭ މަންޒަރެކެވެ. މަދީނާގައި ނަބަވީ މިސްކިތަށް އަޅުވެރިން އެއްވެއެވެ. އެތަނުގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ، ނަމާދާއި ޛިކުރު ކުރުމުގައެވެ.

މޮރޮކޯ: ބަޑީގެ އަޑު

މޮރޮކޯގައި ރަމަޟާން މަސް އިޢުލާން ކުރަނީ، އަޑުގެ ޒަރީޢާއިންނެވެ. އިރުއޮއްސޭ ވަގުތު ސިޓީތަކުގައި ބަޑި ޖަހައެވެ. މިއީ، ރޯދަ ވީއްލާ ވަގުތު އަންގައިދިނުމަށްޓަކައި އެތައް ޤަރުނެއް ކުރީއްސުރެ ކުރިއަށްގެންދާ އާދަކާދައެކެވެ. ބަޑީގެ ގުގުމުން މުޅި އަވަށަށް ފެތުރިގެންދާއިރު، ހުރިހާ ޢާއިލާތަކުން އެއްވަގުތެއްގައި ރޯދަ ވީއްލުމަށް ތައްޔާރުވެއެވެ.

‎މޮރޮކޯގައި ފަތިސްވުމުގެ ކުރިން، 'ނަފާރު' ގެ ނަމުން ނަންދީފައިވާ މީހަކު ސަޤާފީ ހެދުމުގައި މަގުތަކުގައި ހިނގަމުން، ހާރު ކެއުމަށް މީހުން ހޭލެއްވުމަށް ތާޅަފިލި ފުމެއެވެ. މި މީހުން ހާރު ކެއުމަށް ސަޤާފީ ހެދުމުގައި މަގުތަކުގައި ބެރު ޖަހަމުން ހިނގުމުގެ އިތުރުން މަދަހަ ޘަނާވެސް ކިޔައެވެ. އަދި މުޅި ރަމަޟާން މަހު ޢާންމުންނަށް ގޮވުމުގައި ނަފާރުން ކުރި ބުރަ މަސައްކަތަށް ރަމަޟާން މަހުގެ ފަހު ދުވަހު އެ މީހުންނަށް ޢާންމުން އުޖޫރަވެސް ދެެއެވެ.

‎މޮރޮކޯގެ ރޯދަ ވީއްލާ ސުފުރާތަކަކީ، ރަމްޒީ މާނަތަކުން މުއްސަނދި ސުފުރާތަކެކެވެ. އޭގެ ތެރޭގައި 'ހަރީރާ' ސޫޕާއި، 'ޝެބަކިއާ' ފޮނިކާ ތަކެއްޗާއި، ތަށީގެ މާ މަތިން އޮއްސާލެވޭ ކުދީނާ ސައި ހިމެނެއެވެ. މިތަނުގައި ކާނާއަކީ، ހަމައެކަނި ހަށިގަނޑަށް ބޭނުންވާ މާއްދާއެއް ނޫނެވެ. އެއީ، ކޮންމެ ރެއަކު ވަރަށް ފަރުވާތެރިކަމާއެކު ސުފުރާ މައްޗަށް އަތުރާލެވޭ ތާރީޚީ ތަރިކައެކެވެ.

މިޞްރު: ވާހަކަތަކެއް ކިޔައިދޭ ފާނޫޒުތައް

މިޞްރުގައި ރަމަޟާން މަސް ފެންނަނީ، ވަރަށް އަލިގަދަ މަހެއްގެ ގޮތުގައެވެ. ހަނދު ފެނުމުގެ ހަފުތާތަކެއް ކުރިން ބާޒާރުތައް ދަގަނޑާއި، ބިއްލޫރިން ހަދާފައިވާ ކުލަކުލައިގެ "ފާނޫޒު" ތަކުން ދިއްލާލައެވެ. ބުނެވޭ ގޮތުގައި 10ވަނަ ޤަރުނާއި، 12 ޤަރުނާ ދެމެދު އެ ސަރަޙައްދުގައި އޭރު ވެރިކަން ކުރެއްވި ޚަލީފާ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މިޞްރުގެ ޤާހިރާއަށް ޒިޔާރަތް ކުރެއްވިއެވެ. އެ ދުވަހު ޚަލީފާއަށް މަރުޙަބާ ކިޔުމަށް ފާނޫޒު ބައްތިތައް ހިފައިގެން ޢާންމުން މަގުތަކަށް ނިކުތް ކަމަށް ވެއެވެ. ރަމަޟާން މަހަށް މިޞްރުގެ މަގުތައް ފާނޫޒު ބައްތިން ދިއްލާ ޒީނަތްތެރި ކުރަން ފެށީ، އޭގެ ފަހުން ކަމަށް ބުނެވެއެވެ.

ޤާހިރާގެ މަގުތަކުގައި ކުޑަކުދިން ފަޚުރުވެރިކަމާއެކު މި ފާނޫޒުތައް ހިފައިގެން، ޖީލުތަކުން ފެށިގެން ކިޔަމުން އަންނަ ރަމަޟާން މަހުގެ ލަވަތައް ކިޔަމުން ހިނގައެވެ. މުޅި އަވަށްތަކުގެ މަގުތައް ބައްތިތަކާއި، ދިދަ ފަތިތަކުން ޒީނަތްތެރި ކުރެއެވެ. ބެލްކަނިތައް ދިއްލާފައި އޮވެއެވެ. ކެފޭތައް ރޭގަނޑުގެ ބައްދަލުވުންތަކަށް ޚާއްޞަ ތަންތަނަށް ބަދަލުވެއެވެ.

‎މިޞްރުގައި ރަމަޟާން މަހަކީ، އަޅުކަމާއި އުފާ ފާޅުކުރުން އެކުލެވިފައިވާ މަހެކެވެ. އެއީ އެންމެން ބައިވެރިވާ، ފާޅުކަން ބޮޑު ކަމެކެވެ. މަގުމަތީގައި ދީލަތިކަމުގެ ސުފުރާތައް އަތުރާލާފައި ހުރެއެވެ. ނުދަންނަ މީހުންނަށް ހިލޭ ރޯދަ ވީއްލުން ބާއްވައެވެ.

ތުރުކީވިލާތް: ރޭގަނޑުގެ ހިމޭންކަން މުގުރާލާ ބެރުގެ އަޑުތައް

ތުރުކީވިލާތުގައި ރަމަޟާން މަސް ފެށެނީ ހިމޭން ކަމަކުން ނޫނެވެ. ފަތިސްވުމުގެ އެތައް ގަޑިއިރެއް ކުރިން، މުޅި ސިޓީ ނިދާފައި އޮންނައިރު، "ރަމަޒާން ދަވުލްޖޫސޫ"ގެ ނަމުން މަޝްހޫރުވެފައިވާ ބެރުވެރިން، ހާރު ކެއުމަށް މީހުން ހޭލެއްވުމަށް ބޮޑެތި ބެރުތައް ޖަހަމުން މަގުތަކުގައި ހިނގައެވެ. އެ މީހުން ހެދުން އަޅާފައި ހުންނަނީވެސް އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު މީހުން ހެދުން އަޅައި އުޅުނު ގޮތަށެވެ. މިއީ، އުޘްމާނީ ޚިލާފަތުގެ ދުވަސްވަރުން ފެށިގެންވެސް ތުރުކީވިލާތުގައި އޮންނަ ސަޤާފަތެކެވެ.

‎ތުރުކީވިލާތުގެ އިސްތަންބޫލުގައި، މިސްކިތްތަކުގެ މުންނާރުތަކުގެ ދެމެދުގައި "މަހްޔާ"ގެ ނަމުން ނަން ދީފައި ހުންނަ ގޮތަށް ދިއްލޭ މެސެޖުތަކެއްވެސް ހަރުކޮށްފައި ހުރެއެވެ. އުސް މުންނާރުތަކުގެ ދެމެދުގައި ދިއްލާފައިވާ ބޮކިތަކުން ޢަރަބި ބަސްތަކުން ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ އިތުރުން، ނަސޭހަތްތެރިކަމުގެ ބަސްތަކުންވެސް މިމަހުގެ މާތްކަން ހަނދާން ކޮށްދެއެވެ. މިއާއެކު އެ ޤައުމުގެ ސިޓީތައްވެސް ފެންނަނީ، އަޅުވެތިކަމުގެ އަލިކަމުން ފުރިފައިވާ ތަނެއްގެ ގޮތުގައެވެ.

‎ތުރުކީގައި ރަމަޟާން މަސް ފެންނަނީ، ވަރަށް ބޮޑަށް އިޖުތިމާޢީ ގުޅުންތައް ބަދަހި ކުރުމުގެ މައްސަރެއްގެ ގޮތުގައެވެ. އެގޮތުން ޕާކުތަކާއި، މައިދާންތައް ހުރިހާ ވަގުތެއްގައިވެސް ފުރިފައި އޮންނައިރު، ތަރާވީޙް ނަމާދަށްފަހު ސަޤާފީ ހަރަކާތްތައްވެސް ބާއްވައެވެ. އާއިލާތައް ދަންވަރު ވަންދެން ބޭރުގައި އުޅެއެވެ. ކުޑަކުދިން ފޮނިކާ ތަކެތި ހިފައިގެން އުޅޭއިރު، ބޮޑެތި މީހުން ހާމަ ގޯތިތަކުގައި ސައިބޯން ތިބެއެވެ.

އިންޑޮނޭޝިއާ: އެކުގައި ރޯދަ ހިފާ އުންމަތެއް

‎ދުނިޔޭގެ އެންމެ މުސްލިމް އާބާދީ ބޮޑު ޤައުމު އިންޑޮނޭޝިއާގައި، ރަމަޟާން މަހާއެކު މުޅި ސިޓީތަކަށް ބޮޑު ބަދަލެއް އާދެއެވެ. މިސްކިތުގެ ބޭރުގައި، ކޮންމެ ރެއަކު އެތައް ހާސް ބަޔަކު ނަމާދަށާއި، ޖަމާޢަތުގައި ރޯދަ ވީއްލުމަށް އެއްވެއެވެ. މަގުތައް ފުރިގެން ދަނީ ބުއިންތަކާއި، ތެލުލި ތަކެއްޗާއި، ސަޤާފީ ކާނާ ވިއްކާ ކުލަގަދަ ރަމަޟާން ބާޒާރުތަކުންނެވެ. މުޅި ޤައުމުގައި އޮފީސް ގަޑިތަކަށް ބަދަލު އާދެއެވެ. ސްކޫލުތަކުގެ ތާވަލުތައް މުތާލިއާ ކުރެވެއެވެ. ޓީވީ ޕްރޮގްރާމްތަކަށް ބަދަލު އާދެއެވެ. މުޅި ޤައުމުގެ ދިރިއުޅުމުގެ ތަރުތީބު ބަދަލު ވަނީ ރޯދައަށް އިސްކަންދޭ ގޮތަށެވެ.

ދިވެހިރާއްޖޭގައި، ރަމަޟާން މަހަކީ ބަޑީގެ އަޑުގަދަ ނުވަތަ ފާނޫޒުތަކުގެ އުޖާލާކަން ފެންނަ މަހަކަށް ނުވެދާނެއެވެ. އަދި ދުންމާރި ޖަހާ މީހުންވެސް ރާއްޖޭގައި ނޫޅެދާނެއެވެ. އެހެންނަމަވެސް ރާއްޖޭގައިވެސް މި މާތް މައްސަރުގައި ޚާއްޞަ ކަންތައްތަކެއް ކުރެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އާއިލާއާއި ރައްޓެހިންނާއެކު ބާއްވާ ރޯދަ ވިއްލުންތަކެވެ. ކޮންމެއަކަސް މިކަންކަމުން އެންމެ ބޮޑަށް ހާމަވެގެންދަނީ، މާތްވެގެންވާ ރަމަޟާން މަހަކީ މުޅި އިސްލާމީ އުންމަތް އެއް ރޫޙެއްގައި ގުޅުވައިދޭ މާތް މައްސަރެއް ކަމެވެ.