ފަލަސްޠީނުގެ ތަފާތު ދެ ސަރަޙައްދެއްގައި ޔަހޫދީން ދިން ޙަމަލާތަކެއްގައި ދެ މީހުން ޝަހީދުވެއްޖެއެވެ.
ޔަހޫދީން ވަނީ ސުންނާފަތިވެފައިވާ ގެއެއް ބަލައިލުމަށް ދިޔަ ކުޑަކުދިންތަކަކަށް އަމާޒުކޮށް ޣައްޒާގެ އުތުރުގައި ޑްރޯން ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި އެއް ކުއްޖަކު ޝަހީދުވެފައިވެއެވެ. އޭގެ އިތުރުން، ޚާން ޔޫނިސްގެ ބަނީ ސުޙައިލާގައި ދިރިއުޅޭ އުމުރުން 20 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވެއެވެ. އަދި ޣައްޒާގެ އަލްމުޣްރަޤާ ސަރަޙައްދާއި އަލްމަވާސީގައި ބަޔަކަށް ޒަޚަމްކޮށްލާފައިވެއެވެ.
ދެ އަހަރު ދުވަހު ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރި ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ޣައްޒާގެ 600 ރައްޔިތުން ޝަހީދުވެ 1،600އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
ޔަހޫދީން އަދިވެސް ދަނީ ޣައްޒާގެ އެތައް ހާސް ބަލިމީހުންނަށް ކޮންމެހެން ބޭނުންވާ ބޭސްފަރުވާ ހޯދުމަށް ހުރަސްއަޅަމުންނެވެ. ގިނަ ދުވަސްތަކަކަށް ފަހު ޣައްޒާއާއި މިޞްރާ ގުޅުވައިދޭ ރަފަޙް ހުރަސް މީގެ ތިިން ހަފްތާއެއްހާ ދުވަސް ކުރިން ހުޅުވައިލި ނަމަވެސް، އެ ހުރަސް މެދުވެރިކޮށް ޣައްޒާއިން މީހުން ބޭރުވުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން އަދިވެސް ދަނީ ދެކޮޅުހަދަމުންނެވެ.
އދގެ އިންސާނީ ކަންކަމާ ބެހޭ އިދާރާ، އޯސީއެޗްއޭއިން ބުނީ ކޮންމެހެން ބޭނުންވާ އަވަސް ފަރުވާ ހޯދުމަށް ޣައްޒާއިން ނިކުތުމަށް ބޭނުން ޖެހިފައިވާ 18،500އެއްހާ މީހުންގެ ތެރެއިން ރަފަޙް ހުރަސް މެދުވެރިކޮށް ނިކުތުމުގެ ފުރުޞަތު މިހާތަނަށް ދީފައި ވަނީ އެންމެ 260 ބަލިމީހުންނަށް ކަމަށެވެ. އެ ހުރަސް މެރުވެރިކޮށް ދުވާލެއްގެ މައްޗަށް 50 މީހުންނަށް ޣައްޒާއިން ނިކުތުމުގެ ފުރުޞަތު ދޭނެ ކަމަށް މިޞްރުން މީގެ ކުރިން ބުނި ނަމަވެސް ހަޤީޤަތުގައި އެ މަގުން ޣައްޒާއިން ބޭރުވެވެނީ ދުވާލެއްގެ މައްޗަށް އެންމެ ފަސް ބަލިމީހުންނަށެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ ހިމެނޭ ގޮތަށް އިންސާނީ ހައްޤުތަކާއި ޞިއްޙަތާބެހޭ ޖަމްޢިއްޔާތަކުން ދަނީ ޞިއްޙީ ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރުވުމުގެ ފުރުޞަތު އެ ސަހަރުގެ ރައްޔިތުންނަށް ދިނުމަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެދްރޮސް އަދަނަމް ގެބްރިއޭސުސް ވަނީ ބަލިމީހުންނަށް ޣައްޒާއިން ވަދެ ނިކުމެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބަލި މީހުންނަށް ޚާއްޞަ މަގުތައް ހުޅުވައިލުމަށް ގޮވާލައްވައިފައެވެ. އަދި ޣައްޒާގައި ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރުކޮށް، ޞިއްޙީ ޚިދުމަތްދޭ އިމާރާތްތައް މަރާމާތުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު އިތުރުކުރުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.
ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް އެނބުރި އަންނަ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ ކުރިއަށްވުރެ މަދުވެފައެވެ. އެ ހުރަސް ހުޅުވާލި ފަހުން ފެބްރުއަރީ 11ވަނަ ދުވަހަާ ހަމައަށް ޣައްޒާއަށް އެތެރެވެފައި ވަނީ އެންމެ 269 މީހުންނަށެވެ. ޣައްޒާއަަށް އެނބުރި އަންނަ މީހުންގެ ކަރާމާތް ގެއްލޭ ގޮތަށް ޔަހޫދީ ސިފައިން ޢަމަލުކުރަމުންދާ ކަމުގެ ރިޕޯޓުތައް ވެސް ދަނީ ނޫސްތަކުގައި ޝާޢިއުކުރަމުންނެވެ. އެ މީހުންގެ ޣައްޒާއަށް ވަނުމުގެ ޙުއްދަ ދިނުމުގެ ކުރިން ކަނުބަނދެ، އެތައް ގަޑިއިރެއް ވަންދެން ސުވާލުކޮށް، ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.